ބަނގުރަލުގެ ވިޔަފާރި ކުރި މީހަކު ބަންދުން ދޫކޮށްލުމަށް ކުރި އަމުރު ހައިކޯޓުން ބާތިލުކޮށްފި

ހައިކޯޓު --- ސަން ފައިލް ފޮޓޯ/ އިޙްތިޝާމް މުޙައްމަދު

ބަނގުރާ ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރި މީހަކު ބަންދުން ދޫކޮށްލުމަށް ކުރިމިނަލް ކޯޓުން ކުރި އަމުރު ހައި ކޯޓުން ބާތިލުކޮށްފި އެވެ.

ބަނގުރަލުގެ ވިޔަފާރި ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ، ސ. ހިތަދޫ، ކަށިފަށުވިގެ، މުހައްމަދު ޝާރިހް ހަސަން އެވެ.

ކްރިމިނަލް ކޯޓުން މިމަހުގެ ހަތަރުވަނަ ދުވަހު އޭނާ ބަންދުން ދޫކޮށްލުމަށް ނެރުނު އަމުރުގައި ބުނެފައިވަނީ، އޭނާގެ މައްޗަށް ތުހުމަތު ކުރެވިފައިވާ މައްސަލައިގެ ތަހުގީގު ނިމިފައިވާ ކަމަށާއި، އެ މައްސަލާގައި އޭނާ އިތުރަށް ބަންދުގައި ބެހެއްޓުމަށް ނުފެންނަ ކަމަށެވެ.

ކުރިމިނަލް ކޯޓުގެ އެ އަމުރު ހައިކޯޓުން ބާތިލުކޮށްފައިވަނީ، ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އެ މައްސަލަ އިސްތިއުނާފު ކުރުމަށް ހައިކޯޓަށް ހުށަހެޅުމުންނެވެ. ޕީޖީއިން އެ މައްސަލަ އިސްތިއުނާފަށް ހުށަހަޅާފައިވަނީ، ކުރިމިނަލް ކޯޓުން ނެރެފައިވާ އަމުރަކީ، ގާނޫނީ ހަމަތަކާއި ޚިލާފަށް ނެރެފައިވާ އަމުރެއް ކަމަށް ބުނެ އެވެ.

އެ އަމުރު ހައިކޯޓުން ބާތިލް ކޮށްފައިވަނީ، ޝާރިހުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން ފުލުހުންގެ ފަރާތުން ތުހުމަތު ކުރާ މިންވަރަށް ހެއްކާ ގަރީނާ ހުށަހަޅާފައިވާކަން އެނގެން އޮތުމުން، އޭނާ މުޖުތަމައުއަށް ދޫވެފައި ހުރުމަކީ މުޖުތަމައުގެ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް މައްސަލަ ބެލި ފަނޑިޔާރުންނަށް ފެންނާތީ ކަމަށް ހައިކޯޓުގެ ހުކުމުގައި ބުނެފައިވެ އެވެ.

އެގޮތުން ފުލުހުން ބަންދުގެ މުއްދަތު އިތުރު ކުރުމަށް ހުށަހަޅާފައިވާ ފޯމުގައި، ޝާރިހު އާއި އިތުރު ދެ މީހަކު، ލޯންޗަކުން ބޭލި ތިން ފޮށީގެ ތެރެއިން އެއް ފޮށި އޭނާގެ ވާތުން ހިފައިގެން ހުއްޓާ ފުލުހުންގެ ބެލުމުގެެ ދަށަށް ގެންގޮސްފައިވާ ކަމަށް ފާހަގަކޮށްފައިވެ އެވެ. އަދި އެ ތިން ފޮށީގެ ތެރެއިން އެއް ފޮށި ބަލައި ފާސް ކުރި ކުރުމުން ކަރުދާސް އޮޅާފައިވާ ރޯޔަލް ބްލެންޑެޑް ސޮކޮޓިކްސް ވިސްކީ ބްރޭންޑުގެ ބަނގުރާކަމަށް ޝައްކުރެކުރެވޭ ދިޔާ އެއްޗެހި ހުރި ހަތަރު ފުޅި ފެނިފައިވާ ކަންވެސް ފާހަގަކޮށްފައިވެ އެވެ.

ހައިކޯޓުގެ ހުކުމުގައި ޝާރިހު، މިމަހުގެ 19 ވަނަ ދުވަހުން ފެށިގެން 15 ދުވަހުގެ މުއްދަތަށް ގޭ ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވެ އެވެ.

comment ކޮމެންޓް