އީރާނުގެ ރައީސް ހަސަން ރޫހާނީ، ރިޔާސީ ދެވަނަ ދައުރަކަށް ކުރިމަތިލައްވަނީ

އީރާނުގެ ރައީސް ހަސަން ރޫޙާނީ

ތެހެރާން (ފެބްރުއަރީ 26) : އީރާނުގެ ރައީސް ހަސަން ރޫހާނީ، ރިޔާސީ ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމަށް ނިންމަވައިފި އެވެ.

މިކަން ހާމަކުރެއްވީ އީރާނުގެ ނައިބު ރައީސް ހުސައިން އަލީ އަމީރީ އެވެ. އީރާނުގެ ރިޔާސީ އެކުވެނީގައި މިއަދު ބޭއްވި ނޫސް ކޮންފަރެންސެއްގައި އަމީރީ ވިދާޅުވީ ހަތަރު އަހަރުގެ ރިޔާސީ އިތުރު ދައުރަކަށް ކުރިމަތިލެއްވުމަށް ރައީސް ޑރ. ހަސަން ރޫޙާނީ ނިންމަވައިފި ކަމުގައެވެ. އީރާނުގެ ދަސްތޫރު ބުނާގޮތުން ރައީސް ކަމުގައި ހުންނަވާ ބޭފުޅަކަށް ޖެހިޖެހިގެން ރިޔާސީ ތިންދައުރަށް ކުރިމަތި ލެއްވިދާނެއެވެ. ރޫހާނީގެ ރިޔާސީ ފުރަތަމަ ދައުރު ނިމޭނީ އަންނަ މޭމަހުގެ ފަހުކޮޅުގައެވެ. އީރާނުގެ ރިޔާސީ ދައުރެއްގެ މުއްދަތަކީ 4 އަހަރެވެ.

އީރާނުގެ އިންތިޚާބުތަކާބެހޭ އިދާރާ ބުނާގޮތުން ކުރިޔަށްއޮތް ރިޔާސީ އިންތިޚާބު އޮންނާނީ އަންނަ މެއި މަހުގެ ފަހުކޮޅުގައެވެ. ރިޔާސީ އިންތިޚާބަށް ކުރިމަތިލުމާއި ކެންޑިޑޭޓުންގެ ނަންތައް ރަޖިސްޓްރީ ކުރުމުގެ ކަންތައް އޮންނާނީ އަންނަ މާޗު މަހުގެ ފަހުކޮޅުގައެވެ. އަދި އެޕްރީލް މަހުގެ 15 ކުރިން މިކަންކަން ނިންމަންޖެހެ އެވެ. ރިޔާސީ ކެންޕޭންގެ ކަންތައްތައް އޮންނާނީ އެޕްރީލް މަހުގެ ފަހުކޮޅުން ފެށިގެން މޭ މަހުގެ 17 އާ ހަމައަށެވެ.

އީރާނުގެ ރައީސް ޑރ. ހަސަން ރޫހާނީ އަކީ ދީނީ އިލްމުވެރިއެކެވެ. އޭނާ ފުރަތަމަ ޑިގްރީ ހާސިލް ކުރައްވާފައިވަނީ އީރާނުގެ ދީނީ އެންމެ ބޮޑު ޔުނިވަރސިޓީއާއި ރީސާޗް ސެންޓަރުންތައް ހުންނަ ގުމް ގައި އިސްލާމީ ތައްލީމުގެ ރޮނގުންނެވެ. އެއަށްފަހު އޭނާވަނީ ބައިނަލްއަގްވާމީ ގާނޫނުގެ ރޮނގުން އިނގިރޭސިވިލާތުގައި މާސްޓާސް އާއި ޑޮކްޓަރ އޮފް ފިލޯސަފީ (ޕީއެޗްޑީ) ހައްދަވާފައެވެ.

ޑރ. ހަސަން ރޫހާނީ އީރާނުގެ ރައީސް ކަމަށް އިންތިޚާބުވެ ވަޑައިގެންނެވީ 2013 ވަނައަހަރުގެ މޭ މަހުގެ ފަހުކޮޅުގައެވެ. އޭނާގެ ވެރިކަމުގައިވަނީ ޑިޕްލޮމެޓިކް ގޮތުންނާއި ވިޔަފާރީގެ ގޮތުން އީރާން ދުނިޔެއަށް ވަރަށް ބޮޑަށް ހުޅުވާލައްވާފައެވެ. މިގޮތުން އިރާނުން ކުރިޔަށްގެންދާ ނިއުކްލިޔަރ ޓެކްނޮލޮޖީ އާއި ނިއުކްލިޔަރ ރީސާޗް ޕްރޮގްރާމްގެ ސަބަބުން މީގެ ފަނަރަވަރަކަށް އަހަރު ކުރިން ފެށިގެން އެމެރިކާއާއި ޔޫރަޕްގެ ބޮޑެތި ބާރުތަކުން އީރާނަށް ކުރިމަތިކުރަމުން ގެންދިޔަ ފިއްތުންތަކާއި އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުން ރޫހާނީގެ ވެރިކަމުގައި އީރާން ވަނީ ސަލާމަތް ކޮށްފައެވެ. އެއީ އީރާނުގެ ނިއުކްލިޔަރ މައްސަލަ ހައްލުކުރުމަށްޓަކައި ދުނިޔޭގެ ބޮޑެތި ބާރުތަކާއި އީރާނާ ދެމެދުގައި ސީދާގޮތެއްގައި ވާހަކަތައް ދައްކައިގެން އެމައްސަލަ ހައްލުކުރުމުގެ އެއްބަސްވުމެއްގައި އީރާނާއި ދުނިޔޭގެ ބޮޑެތި ބާރުތައް ސޮއިކުރުމުގެ ސަބަބުންނެވެ.

މިކަމުގެ ސަބަބުން އީރާނަށްވަނީ އިގްތިސާދީ ގޮތުންނާއި ވިޔަފާރީގެ ގޮތުންނާއި މާލީ ގޮތުން ކުރިޔަށްވުރެ ބޮޑެތި ފުރްސަތުތަކެއް ތަނަވަސްވެ އިގްތިސާދަށް އުޖާލާކަމާއި އާރޯކަން އައިސްފައެވެ. ރޫހާނީހގެ ވެރިކަމުގައި ނިއުކްލިޔަރ މައްސަލައާ ގުޅިގެން ހުޅަނގުންނާއި އދ. ން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުން އީރާންވަނީ ސަލާމަތް ވިނަމަވެސް މިސައިލް ޓެކްނޮލޮޖީ ތަރައްގީ ކުރުމަށް އީރާން ހިންގަމުން ގެންދާ ޕްރޮގްރާމް ގެ ސަބަބުން އދ. އާއި އެމެރިކާ އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުން އަދިވެސް ސަލާމަތެއް ނުވެއެވެ. ދަތިކުރުމުގެ ފިޔަވަޅުތައް އެޅިނަމަވެސް މިސައިލް ޕްރޮގްރާމް ހުއްޓާލަން ގަސްދުނުކުރާކަން އީރާނުންވަނީ ހާމަކޮށްފައެވެ.

މިސައިލް ޓެކްނޮލޮޖީ ގެ ޕްރޮގްރާމާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަކީ އީރާނުގެ އިގްތިސާދަށް އެކަމުގެ ނޭދެވޭ އަސަރުތައް ކުޑަ ފިޔަވަޅުތަކެކެވެ. ރޫހާނީ އަކީ ވެރިކަން ކުރެއްވުމުގައި ދުރުވިސްނުންފުޅާއި ހިކްމަތު އަމަލީ ބޭނުންކުރައްވާކަމަށް މަޝްހޫރު ބޭފުޅެކެވެ. އޭނާއަކީ މެދުމިނުގެ ސިޔާސަތުގެ ބޭފުޅެއްވެސް މެއެވެ. (ރޮއިޓާސް)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު