ޕާކިސްތާނު ހަނގުރާމައަށް ދިޔަ ކަމަށް ބުނާ މީހާ ދައުވާއަށް އިންކާރުކޮށްފި

ހަނގުރާމަ ކުރި ކަމަށް ބުނެ ދައުވާ އުފުލާފައިވާ، ރ. ކަނދޮޅުދޫ ފީރޯޒްގެ، މުހައްމަދު އަބްދުއްރަހްމާން މިއަދު ކޯޓަށް ހާޒިރު ކުރަނީ --- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު

ކިޔަވަން ކަމަށް ބުނެ ޕާކިސްތާނަށް ގޮސް ނުވަ އަހަރު ދުވަސްވަންދެން ހަނގުރާމަކުރަން އުޅުނު ކަމަށްބުނެ ދައުލަތުން ދައުވާ އުފުލާފައިވާ ރ. ކަނދޮޅުދޫ، ފީރޯޒުގެ، މުހައްމަދު އަބްދުއްރަހްމާން ދައުވާއަށް އިންކާރު ކޮށްފި އެވެ.

އެ ދައުވާއަށް އޭނާ އިންކާރުކޮށްފައިވަނީ ކްރިމިނަލް ކޯޓުގައި މިއަދު ސިއްރުން ބޭއްވި ޝަރީއަތުގެ މަޖިލީހުގަ އެވެ. ޝަރީއަތް ސިއްރުން ކުރިއަށް ގެންގޮސްފައިވަނީ، ދައުލަތުން އެދިގެންނެވެ.

މިއަދުގެ ޝަރީއަތަށް މުހައްމަދު ވަނީ ވަކީލެއްގެ އެހީތެރިކަމާ އެކު ދައުވާއަށް ޖަވާބުދާރީވެފައެވެ.

މިދިޔަ ބުދަ ދުވަހުވެސް އެ މައްސަލައިގެ އަޑުއެހުމެއް ބޭއްވުމަށް ތާވަލު ކުރިއެވެ. ނަމަވެސް ވަކީލު ހާޒިރު ނުވުމުން އެ ދުވަހުގެ އަޑުއެހުން ވަނީ ކެންސަލް ކޮށްފަ އެވެ.

އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން މިދިޔަ މަހުގެ 15 ވަނަ ދުވަހު ބާއްވާފައިވާ އިރު، އެދުވަހު ވަނީ ދައުލަތުން އެ މައްސަލައިގެ ދައުވާ އިއްވާފަ އެވެ.

އިއްވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ ރާއްޖޭން ބޭރުގައި ކުރާ ހަނގުރާމައެއްގައި ބައިވެރިވި ކަމުގެ ދައުވާ އޭނާގެ މައްޗަށް އުފުލާފައި ވަނީ 2007 ވަނަ އަހަރު ޕާކިސްތާނަށް ކިޔަވަން ގޮސް އެ ގައުމުގެ "ވާނާ"ގައި ހަރަކާތްތެރިވަމުން ދިޔަ ހަނގުރާމަވެރިންގެ ބަޔަކާ ގުޅިގެން ހަނގުރާމަ ކުރަމުންގޮސްފައި ވާތީ ކަމަށެވެ.

އެ ދައުވާ އޭނާގެ މައްޗަށް އުފުލާފައި ވަނީ ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ 16 ވަނަ މާއްދާގެ (ހ)ގެ އެއްވަނަ ނަމްބަރާ ހަވާލާދީ އެމާއްދާގެ (ނ) ގެ ދަށުންނެވެ.

ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ 16 ވަނަ މާއްދާގެ (ހ)ގެ އެއްވަނަ ނަމްބަރުގައިވާ ގޮތުން ސަރުކާރުން ހުއްދަ ނުދެނީސް ރާއްޖޭން ބޭރުގައި ކުރާ ހަނގުރާމައެއްގައި ބައިވެރިވުމަކީ ކުށެކެވެ. އެ މާއްދާގެ (ނ)ގައި ބުނެފައި ވަނީ އެފަދަ ކުށެއް ކޮށްފި މީހަކު 17 އަހަރާއި 20 އަހަރާ ދެމެދުގެ މުއްދަތަށް ޖަލަށް ލެވޭނެ ކަމަށެވެ.

މިހާރަކަށް އައިސް ރާއްޖެއިން ބޭރުގައި ހިނގާ އެކި ހަނގުރާމަތަކުގައި ބައިވެރިވުމަށްދާ މިންވަރު ދަނީ އިތުރުވަމުންދާއިރު، ހަނގުރާމައެއްގައި ބައިވެރިވި ކަމުގެ ތުހުމަތުގައި އިތުރު ބައެއްގެ މައްޗަށް ވެސް ދައުލަތުން ވަނީ ދައުވާ އުފުލައިފައެވެ.

comment ކޮމެންޓް