ބ. މުތާފުށި ވިއްކާލަނީ

ބ. މުތާފުށި -----

ބ. އަތޮޅުގައި ރިސޯޓު ތަރައްގީކުރުމަށް މީގެ ކުރިން އެސްޓީއޯއަށް ދީފައި އޮތް ބ. މުތާފުށި ވިއްކާލަން ނިންމައި، އެރަށާ ގުޅޭ އެއްވެސް ދަރަންޏެއް ނުވަތަ މައްސަލައެއް އޮތްތޯ ބެލުމަށް ޓުއަރިޒަމް މިނިސްޓްރީން އިއުލާން ކޮށްފި އެވެ.

ބ. މުތާފުށި އެސްޓީއޯއަށް ހަވާލުކުރީ 2010 ވަނަ އަހަރު، 50 އަހަރު ދުވަހުގެ މުއްދަތަކަށެވެ. އެހެން ނަމަވެސް 2015 ވަނަ އަހަރުގެ ފެބްރުއަރީ މަހު އެސްޓީއޯއަށް މުތާފުށި ދިން އެގްރިމެންޓް ބާތިލުކޮށް، އެ ރަށް ސަރުކާރަށް އޮތީ ނަގާފައެވެ.

އޭގެ ފަހުން އެ ރަށުގައި އެއްވެސް މަސައްކަތެއް ކުރި ކަމެއް، ނުވަތަ އެހެން ބަޔަކަށް އެ ރަށް ދޫކުރި ކަމެއް އެނގިފައެއް ނެތެވެ. އެ ރަށަކީ ބ. ތުޅާދޫގެ އިރު އުތުރުން ގާތްގަނޑަކަށް 10 ކިލޯމީޓަރު ދުރުގައި އޮންނަ ފަޅުރަށެކެވެ.

މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ރިސޯޓު ތަރައްގީ ކުރަން ދޫކޮށްފައިވާ ބ. އަސްދޫ ކުއްޔަށް ހިފާފައިވާ ފަރާތަށް ލިބިފައިވާ ހައްގުތައް އެހެން ފަރާތަކަށް ބަދަލުކުރަން ހުށަހަޅާފައިވާ ކަމަށެވެ.

ޓުއަރިޒަމް މިނިސްޓްރީގެ އިއުލާނުގައި ބުނެފައި ވަނީ ގެޒެޓުގައި ޝާއިއުކުރާ ދުވަހުން ފެށިގެން 14 ދުވަސް ތެރޭގައި، އެ ރަށާ ގުޅޭ އެއްވެސް ދަރަންޏެއް ނުވަތަ މައްސަލައެއް އޮތް ނަމަ އެކަން މިނިސްޓްރީއަށް ލިޔުމަކުން ނުވަތަ އީމެއިލްގެ ޒަރިއްޔާއިން އަންގައިދިނުމަށް އެދޭ ކަމަށެވެ.

މިދިޔަ އަހަރު ބޭއްވި އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު އަހްމަދު ޝަހީރު ވިދާޅުވީ، މުތާފުށި ސައިޒުން ކުޑަވުމުގެ ސަބަބުން އެ ރަށް ދޫކޮށްލަން ނިންމާފައިވާ ކަމަށެވެ. އެރަށުގެ ބަދަލުގައި ސަރުކާރުން މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ވަނީ އެކުންފުންޏަށް ރިސޯޓު ތަރައްގީ ކުރުމަށް ނ. އެކުޅިވަރު ކިޔާ ފަޅުރަށެއް ދީފަ އެވެ.

ނަމަވެސް ޝަހީރު ދާދި ފަހުން "ސަން" އަށް ވިދާޅުވި ގޮތުގައި، އެސްޓީއޯއިން ފަތުރުވެރިކަމުގެ ވިޔަފާރީގެ ތެރެއަށް ވަނުމަށް އެކުންފުނީގެ ހިއްސާދާރުން ނޭދޭތީ، އެ ވިޔަފާރި ނުކުރުމަށް އެކުންފުނިން ވަނީ ނިންމާފަ އެވެ.

އެސްޓީއޯގެ މައިގަނޑު ހަތަރު ވިޔަފާރިއަކީ ތެލާއި، ކާޑާއި، ކޮންސްޓްރަކްޝަން މެޓީރިއަލްސް އަދި މެޑިސިންއެވެ.

މީގެ ކުރިން މޯލްޑިވްސް ޓުއަރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ)އިން ތަރައްގީކުރަނިކޮށް އެކުންފުނި އަތުން އަތުލައި، ސަރުކާރަށް ނެގި އެކުޅިވަރުގައި ރިސޯޓު ތަރައްގީކުރުމާ މެދު ގޮތެއް ނިންމުމަށް ސަރުކާރުން އެސްޓީއޯއަށް ވަނީ ތިން އަހަރު ދުވަހުގެ މުއްދަތެއް ދީފައި ކަމަށް އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު އަހްމަދު ޝަހީރު މި މަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި އެވެ.

"ދެހާސް ނަވާރައިގެ ކުރިން ގޮތެއް ނިންމާނެ ވާހަކަ އެއޮތީ؛ ބަޔަކާ އެއްކޮށް ދިޔުން [ތަރައްގީކުރުން] ނުވަތަ އެތަން ވިއްކާލުންތޯ،" ޝަހީރު ވިދާޅުވި އެވެ.

ހުޅުމާލޭގައި އެސްޓީއޯ އިން ހަދަމުން އައި ރެޑިސަން ހޮޓެލްވެސް ވިއްކާލުމަށް ބޭރުގެ ބަޔަކާ ވަރަށް ސީރިއަސް މަޝްވަރާތަކެއް ކުރަމުން އަންނަ ކަމަށް ވެސް ޝަހީރު ވިދާޅުވި އެވެ.

comment ކޮމެންޓް