އޭލެވެލް އިމްތިހާނުގެ ނަތީޖާ ދޫކުރަން މާދަމާ ފަށަނީ

ސީއެޗްއެސްސީގެ ދަރިވަރުންތަކެއް --- ސަން ފައިލް ފޮޓޯ

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ބޭއްވި އެޑެކްސަލް އިންޓަނޭޝަނަލް އޭލެވެލް އިމްތިހާނުގެ ނަތީޖާ ސްލިޕް މާދަމާއިން ފެށިގެން ދޫކުރަން ފަށާނެ ކަމަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން (ޑީޕީއީ) އިން ބުނެފިއެވެ.

ޑީޕީއީ އިން މިއަދު ކުރި އިއުލާނެއްގައި ބުނީ، އޭލެވެލްގެ ސްޓޭޓްމަންޓް އޮފް ރިސަލްޓްސް މާދަމާ އިން ފެށިގެން އަންނަ މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް އެ ޑިޕާޓްމަންޓުން ދޫކުރާނެ ކަމަށެވެ. ނަތީޖާ ދޫކުރުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރު 1:30 އަށެވެ.

ސެންޓަރުތަކުން އޭލެވެލް އިމްތިހާން ހެދި ދަރިވަރުންނަށް ނަތީޖާ ދޫކުރާނެ ދުވަހެއް ކަނޑައަޅާނީ އެ ސެންޓަރަކުންނެވެ.

ޑީޕީއީ އިން ބުނީ، އެ ޑިޕާޓްމަންޓް މެދުވެރިކޮށް އަމިއްލަ ގޮތުން އިމްތިހާނުގައި ބައިވެރިވި ދަރިވަރުގެ ނަތީޖާ ބަލައި އަންނައިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަން ޖެހޭނެ ކަމަށެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ، ދަރިވަރުގެ އައިޑީކާޑާއި ހަވާލުވާ ފަރާތުގެ އައިޑީކާޑު ގެންނަންވާނެއެވެ.

ސެންޓަރުތަކުގެ ނަތީޖާ ވެސް ހަވާލުކުރެވޭނީ ސެންޓަރުގެ ލިޔުމަކާއި އެއަންނަ މީހެއްގެ އައިޑީ ކާޑު ގެނައުމުންނެވެ.

ޑީޕީއީ އިން މައުލޫމާތުދޭ ގޮތުގައި، ނަތީޖާ ރީޗެކްކުރުމަށް ބޭނުންވާ ދަރިވަރުންނަށް އެކަމަށް އެދޭ ފޯމު ފުރިހަމަ ކުރުމަށްފަހު އަންނަ މާޗް މަހުގެ 15 ވަނަ ދުވަހުގެ މެންދުރު 1200 ގެ ކުރިން ހުށަހެޅޭނެއެވެ.

އަދި ސެންޓަރެއް މެދުވެރިކޮށް އިމްތިހާނުގައި ބައިވެރިވި ކެންޑިޑޭޓުން ރީޗެކްކުރުމަށް ހުށަހަޅާނީ އިމްތިހާނުގައި ބައިވެރިވި ސެންޓަރަކަށް ކަމަށާއި ރީޗެކް ފީ ޝީޓު މިޑިޕާޓްމަންޓުންނާއި ސެންޓަރުތަކުން ލިބެން ހުންނާނެ ކަމަށެވެ.

comment ކޮމެންޓް