އެޗްއައިވީ ވެކްސިން ޓްރައަލްތަކެއްގައި ފަސް މީހެއްގެ ގައިން ވައިރަސް ނައްތާލެވިއްޖެ

ސްޕެއިންގެ ސައިންސުވެރިން ކުރިއަށް ގެންދިޔަ ދިރާސާއެއްގައި ބޭނުން ކުރި ވެކްސިން އިން ފަސް މީހެއްގެ ގައިން އެޗްއައިވީ ނައްތާލެވުނު -- ފޮޓޯ: ގެޓީ

އެޗްއައިވީއަށް ފަރުވާ ކުރެވޭނެ ވެކްސިނެއް ހޯދުމަށް ސްޕެއިންގައި ކުރިއަށްގެންދިޔަ ދިރާސާއެއްގައި ބޭނުންކުރި ވެކްސިންގެ ސަބަބުން ފަސް މީހެއްގެ ގައިން އެޗްއައިވީ ނައްތާލެވިއްޖެ އެވެ.

ބާސެލޯނާގެ އެއިޑްސް ރިސާޗް އިންސްޓިޓިއުޓެއްގައި ތިން އަހަރުވަންދެން ކުރިއަށް ގެންދިޔަ އެ ދިރާސާގައި ދެ އެޗްއައިވީ ވެކްސިނަކާއި ކެންސަރަށް ފަރުވާ ދިނުމަށް ބޭނުން ކުރާ ބޭހެއް ބޭނުންކޮށްފައިވެ އެވެ.

އެ ވެކްސިންގެ ސަބަބުން އެދިރާސާގައި ބައިވެރިވި 24 މީހުންގެ ތެރެއިން ފަސް މީހުންގެ ހަށިގަނޑުން ވައިރަސް ނައްތާލެވުނު ކަމަށް ސައިންސުވެރިން ބުނެ އެވެ. އެހެންކަމުން އެއީ އެޗްއައިވީ ޖެހުމުން ދޭ އެންޓިރެޓްރޯވައިރަލް ބޭހުގެ ބަދަލުގައި ދެވޭނެ ފަރުވާއެއް ހޯދުމަށް އެޅުނު ރަނގަޅު ފިޔަވަޅެއް ކަމަށް ދިރާސާގެ ލީޑް ސައިންޓިސްޓް ބީޓްރިޒް މޮތު ވިދާޅުވި އެވެ.

ސައިންސުވެރިން ބުނި ގޮތުގައި ދިރާސާ ކުރިއަށް ދިޔަ ތިން އަހަރު ދިރާސާގެ ބައިވެރިން ވަނީ އެޗްއައިވީ ބޭސް ބޭނުންކޮށްފައެވެ. އަދި އެމީހުންގެ ދިފާއީ މަސައްކަތް ގަވާއިދުން މޮނިޓާ ކުރި ކަމަށްވެސް ދިރާސާ ރިޕޯޓުގައިވެ އެވެ.

އެދިރާސާ ފެށި އިރު ސައިންސުވެރިން ވަނީ ހަށިގަނޑުގެ ދިފާއީ ސެލްތައް ކަމަށްވާ ވައިޓް ބްލަޑް ސެލްސް އުފެއްދުން އިތުރު ކުރާ ދެ ވެކްސިނެއް ދިރާސާގެ ބައިވެރިންނަށް ދީފައެވެ.

އޭގެ ފަހުން ދިރާސާގެ 15 ބައިވެރިންނަށް އެއް ވެކްސިންގެ ބޫސްޓާ ޑޯޒްއަކާއި ކެންސަރަށްދޭ ބޭހެއް ކަމަށްވާ ރޮމިޑެޕްސިން ވަނީ ދީފައެވެ. ރޮމިޑެޕްސިން އަކީ ޓިޝޫތަކުގައި ހުންނަ އެޗްއައިވީ ވައިރަސް ބޭރުކޮށްދޭ އެއްޗެއްކަން ކުރީގެ ދިރާސާތަކުން ވަނީ ދައްކާފައެވެ.

އޭގެ ފަހުން ފަސް މީހެއްގެ ހަށިގަނޑުން ވައިރަސް ނައްތާލެވުނު ނަމަވެސް 10 މީހުންގެ ހަށިގަނޑުން އަނެއްކާވެސް ވައިރަސް ފެނުނު ކަމަށް ސައިންސުވެރިން ބުންޏެވެ. ނަމަވެސް ވައިރަސް ނައްތާލެވުނު މީހުންގެ ތެރެއިން ފަސް މީހަކު އެޗްއައިވީ ބޭސް ބޭނުން ނުކުރާތާ ގިނަ ދުވަސްވެއްޖެ ކަމަށާއި، އޭގެ ތެރޭގައި ހަތް މަސް ވަންދެން ބޭސް ބޭނުން ނުކުރާ މީހެއްވެސް ހިމެނޭ ކަމަށް ސައިންސުވެރިން ބުންޏެވެ.

އދ.ން ބުނާ ގޮތުގައި އެޗްއައިވީ ފެތުރުން ލަސްކުރުމަށް ބޭނުންކުރާ އެންޓިރެޓްރޯވައިރަލް ބޭސް ގާތްގަނޑަކަށް 18 މިލިއަން މީހުން ބޭނުން ކުރެ އެވެ. ނަމަވެސް އެބޭސްތަކަކީ އަގު ބޮޑު އަދި އޭގެ ސަބަބުން ބައެއް މައްސަލަތަކާ ކުރިމަތިލާންޖެހޭ ބޭސްތަކެއް ކަމަށާއި އެއީ ބައެއް މީހުން އުމުރު ދުވަހު، ކޮންމެ ދުވަހަކު ބޭނުން ކުރަން ޖެހޭ ބޭހެއް ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

އެއިޑްސް ވެކްސިން އެޑްވޮކަސީ ކޯލިޝަންގެ އެގްޒެކެޓިވް ޑިރެކްޓަރު މިޝެލް ވޮރެން ވިދާޅުވި ގޮތުގައި އެއީ ކުޑަ ދިރާސާއެއް ނަމަވެސް އޭގެ ނަތީޖާ ވަރަށް މުހިއްމު ކަމަށެވެ. އަދި އެފަދަ ވެކްސިނެއްގެ ސަބަބުން އެޗްއައިވީ ޖެހިފައިވާ 37 މިލިއަން މީހުން ކޮންމެ ދުވަހަކު ބޭސް ކެއުމަކާ ނުލައި، ވައިރަސް ފެތުރޭ މިންވަރު ހުއްޓުވުމަށް މަގުފަހިކުރެވޭނެ ކަމަށް ވޮރެން ވިދާޅުވި އެވެ. (އިންޑިޕެންޑެންޓް)

comment ކޮމެންޓް