އިންޑިއާގެ ހިލޭ އެހީގައި އަހަރަކު އަށް ދަނޑު އެޅުމަށް އެފްއޭއެމްއިން މަސައްކަތްކުރަނީ

އެފްއޭއެމްގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން: އިންޑިއާ އެފްއޭގެ އެހީތެރިކަން ލިބޭނެ ކަމުގެ ފެހި ސިގްނަލެއް ލިބިފައިވާ ކަމަށް ބައްސާމް ވިދާޅުވި --- ސަން ފޮޓޯ/ ފަޔާޒް މޫސާ

އިންޑިއާގެ ހިލޭ އެހީގެ ދަށުން ރާއްޖޭގައި އަހަރަކު އަށް ދަނޑު އެޅުމުގެ މަސައްކަތްކުރަމުންދާ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.

އިއްޔެ ބޭއްވި އެފްއޭއެމްގެ އަހަރީ އާންމު ޖަލްސާއަށްފަހު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ބައްސާމް ވިދާޅުވީ، އެކަންތައްތަކާ ގުޅޭގޮތުން އިންޑިއާގެ އެފްއޭއާއެކު މިހާރު މަޝްވަރާކުރެވިފައިވާ ކަމަށާއި އަދި އެފްއޭއެމްގެ ފަރާތުން މުހައްމަދު ޝަވީދު މާދަމާގެ ވަގުތެއްގައި އިންޑިއާގެ އެފްއޭއާ އިތުރަށް މަޝްވަރާކުރާނެ ކަމަށެވެ.

"އަޅުގަނޑުމެން މިހާރު ވާނީ އިންޑިއާގެ އެފްއޭގެ ރައީސްއާ ވެސް މަޝްވަރާތައް ކުރެވިފައި. އިންޑިއާގައި ހުރޭ ވަރަށް ރަނގަޅު ރޯލް ގްރާސް. ދަނޑުގައި ފަތުރާލީމަ ވަރަށް ހަރަދުކުޑަކޮށް ނިންމާލެވޭނެ. އަޅުގަނޑުމެންގެ ޓީމުގެ ފަރާތުން މިހާރު މެލޭޝިއާގައި އެބަ ހުންނެވި ޝަވީދު. މިމަހުގެ 27 ވަނަ ދުވަހު އިންޑިއާގެ އެފްއޭއާއެކު ބައްދަލުވުމެއް ބާއްވާނެ،" އޭނާ ވިދާޅުވިއެވެ.

ބައްސާމް ވިދާޅުވީ، ކުރިން އެފްއޭއެމްގެ އިސް ސަފުން ފެނިވަޑައިގެންނެވި ޝަވީދު އިންޑިއާގެ އެފްއޭއާއެކު ކުރިއަށްގެންދަވާ ބައްދަލުވުމުގެ މައިގަނޑު މަގްސަދަކީ ހިލޭ އެހީގެ ގޮތުގައި ރާއްޖޭގައި އަހަރަކު އަށް ދަނޑު އެޅޭނެ ގޮތް ހަމަޖެއްސުން ކަމަށާއި އެކަމުގެ ފެހި ސިގްނަލެއް ކުރިން ވެސް އިންޑިއާގެ އެފްއޭއިން ދީފައިވާ ކަމަށެވެ.

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި ކުރިއަށް އޮތް ހަތަރު އަހަރު ދުވަހުގެ ތެރޭގައި އަހަރަކު އަށް ދަނޑު އެޅިއްޖެ ނަމަ، ކުޅިވަރުގެ ވަސީލަތްތައް ހޯދުމުގައި ގޮންޖެހުންތަކެއް ހުރި ރާއްޖޭގެ މި ރާއްޖެއަށް ރަނގަޅު ފެންވަރުގެ 32 ފުޓްބޯޅަ ދަނޑު އިތުރުވެގެން ދާނެއެވެ.

ޗައިނާގެ އެހީގެ ދަށުން ރާއްޖޭގައި ހަތަރު އަހަރުދުވަހުގެ ތެރޭގައި އަށް ދަނޑު އެޅުމަށް އަންނަ މަހުގެ ތެރޭ އެއްބަސްވުމަށް ސޮއިކުރެވިގެންދާނެ ކަމަށް ވެސް ބައްސާމް ވިދޅުވިއެވެ. އެގޮތުން ޗައިނާއިން ރާއްޖޭގައި އަހަރަކު ދެ ދަނޑު އަޅާނެއެވެ.

comment ކޮމެންޓް