ގެއްލުނު ދޯނި ހޯދުމުގައި ލަންކާ އަދި އިންޑިއާގެ އެހީތެރިކަަމަށް އެދިއްޖެ

އެމްއެންޑީއެފް ޝިޕް ހުރަވީ: 12 މީހުންނާއެކު ގެއްލިގެން ހޯދަމުންދާ މަސް ދޯންޏެއް ހޯދުމުގައި އެހީތެރިވުމަށް ލަންކާ އަދި އިންޑިއާގެ އެހީތެރިކަމަށް ވަނީ އެދިފައި -- ފޮޓޯ: އެމްއެންޑީއެފް

ކަންނެލި މަސްވެރިކަމަށް ނުކުތްފަހުން ހަބަރެއް ނުވެގެން ހޯދަމުންދާ ދޯނި ހޯދުމުގައި އަވަށްޓެރި ސްރީލަންކާ އަދި އިންޑިއާގެ އެހީތެރިކަމަށް އެމްއެންޑީއެފުން އެދިއްޖެއެވެ.

ހަބަރެއް ނުވެގެން އެމްއެންޑީއެފުން ހޯދަމުންދަނީ 12 މީހުންނާއެކު މަހަށް ނުކުތް، "ބްލޫ ފިޝް 1" ނަމަކަށް ކިޔާ ދޯންޏެކެވެ.

އެ ދޯނީގެ ވެރިފަރާތާ ހަވާލާދީ އެމްއެންޑީއެފުން މީގެ ކުރިން ބުނެފައިވަނީ، 87 ފޫޓު ދިގު އެ ދޯނީގެ ހަބަރެއް އެންމެ ފަހުން ވެފައިވަނީ ކ. ދިއްފުށި ބޭރުގައި އޮއްވައި މިދިޔަ ހަފްތާގެ ހޯމަ ދުވަހު ކަމަށެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ކެޕްޓަން އިބްރާހިމް އާޒިމް މިއަދު ވިދާޅުވީ، ހަ ދުވަސް ކުރިން ގެއްލުނު އެ ދޯނީގައި ކޮއްތު ހުންނާނީ، 12 ދުވަހަށް ފުދޭ ވަރަށް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެހެންކަމުން އެ ދޯނި ހޯދުމުގައި އެހީތެރިކަމަށް ސްރީ ލަންކާ އަދި އިންޑިއާ ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް އެމްއެންޑީއެފް ކޯސްޓްގާޑް އެދިފައިވާނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ގެއްލިގެން ހޯދަމުންދާ "ބްލޫ ފިޝް 1" ދޯނީގެ ބޭރުގައި ނޫކުލައިގެ ދަވާދު ލާފައިވާއިރު، ގެގަނޑުގައި ލާފައިވަނީ ހުދު ކުލައިގެ ދަވާދު ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

comment ކޮމެންޓް