ސީރިއާގެ ސަލާމަތީ ބޭސްތަކަކަށް ހަމަލާދީ 32 މީހަކު މަރާލައިފި

ސީރިއާގެ ހޮމްސްއަށް ދިން ހަމަލާގައި 32 މީހަކު މަރުވި -- ފޮޓޯ: އޭޕީ

ލަންޑަން (ފެބްރުއަރީ 26): ސީރިއާގެ ހޮމްސްގެ ސަލާމަތީ ބޭސްތަކަކަށް ބަޑިންނާއި ބޮމުގެ ހަމަލާތަކެއްދީ 32 މީހަކު މަރާލައިފި އެވެ.

ސީރިއާގެ ދައުލަތުގެ ޓީވީން ބުނި ގޮތުގައި އެހަމަލާތަކުގައި މަރުވި މީހުންގެ ތެރޭގައި ސީރިއާ އަސްކަރިއްޔާގެ ޖާސޫސީ އިދާރާގެ ވެރިޔާ ޖެނެރަލް ހަަސަން ދާބުލް ހިމެނެ އެވެ.

ޖެނެރަލް ދާބުލް އަކީ ރައީސް ބައްޝާރުލް އަސަދުގެ އަރިސް ބޭފުޅެއް ކަމަށާއި ސީރިއާ ސަރުކާރުން ވަނީ ހަމަލާގެ ބަދަލު ހިފާނެ ކަމަށް ބުނެފައި ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ތާހިރު އަލް ޝަމް އިން ވަނީ އެހަމަލާގެ ޒިންމާ ނަގައިފައެވެ. އަދި އެހަމަލާގައި ފަސް ހަނގުރާމަވެރިން ބައިވެރިވި ކަމަށް އެޖަމާއަތުން ވަނީ ބުނެފައެވެ.

އެހަމަލާ ދީފައި ވަނީ ސީރިއާގެ ސުލްހައިގެ ވާހަކަތައް ސްވިޒަލޭންޑުގެ ޖެނީވާގައި ކުރިއަށް ދަނިކޮށެވެ. އދ.ގެ ސްޕެޝަލް އެންވޯއި ސްޓެފަން ޑި މިސްތޫރާ ވަނީ އެހަމަލާތަކުގެ ސަބަބުން ސުލްހައިގެ ވާހަކަތައް ހުއްޓުމަކަށް ނާންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

ތާހިރު އަލް ޝަމް އަކީ ސީރިއާގެ ސުލްހައިގެ ވާހަކަތަކުގައި ބައިވެރި ނުވާ އަދި އެވާހަކަތައް ނިމެންދެން ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ހެދި އެއްބަސްވުމުގައިވެސް ބައިވެރި ނުވާ ޖަމާއަތެކެވެ. (ބީބީސީ)

comment ކޮމެންޓް