ކަނބަލުން ކުރިއަށްދާން އޮތް ބޮޑު ހުރަސް!

އަންހެން ކުއްޖަކަށް އޮފީސް މާހައުލުގައި ޖިންސީ ގޯނާ ކުރަނީ: ދިވެހި ކަނބަލުންނަށް ދިމާވެފައިވާ ގޮންޖެހުންތައް ގިނަ--

ދިވެހި ކަނބަލުންގެ ހުނަރުވެރިކަން ފެނި ރަނގަޅަށް ވެސް ހައިރާންވެއްޖެ އެވެ. ގޭތެރެ މަސައްކަތް އެކަންޏެއްނޫނެވެ. އަތްތެރި މަސައްކަތައްވިޔަސް އިދާރީ މަސައްކަތެއް ވިޔަސް ކޮންމެ ފަންނަކަށް ވެސް މި ކަނބަލުން ފައްކަލީ އެވެ. ގިނަ ކަނބަލުން ހަމަ ހުނަރުން ފުރިފަ އެވެ. ނަމަވެސް ކުރިއަށް ދާން ބަލާއިރު ގޮންޖެހުންތައް އަދިވެސް މާގިނައީ އެވެ.

"ހީވާގި ކަނބަލުން" މައުރަޒުގެ ތެރެއިން -- ސަން ފޮޓޯ: މުހައްމަދު އަފްރާހު

ޖިންސީ ގޯނާ ގިނަ!

"ހަމަ ފެންނައިރަށް ބުނެދާނެ މިވެނި ގުނަވަނެއް ތިހިރީ މިހެނެއްނޭ، ނޫނީ އެކިއެކި ބޭއަދަބީ ވާހަކަތައް [ޖިންސީ ވާހަކަ] ދައްކަފާނެ. ލަދުން ވެސް ހަލާކުވާވަރުވޭ،" އައިޝަތު ރިޔާޝާ،22، ވަޒީފާއަށް ދިއުން ހުއްޓާލި ސަބަބު ކިޔައިދެމުން ބުންޏެވެ.

މަަސައްކަތު މާހައުލުގައި ކަނބަލުންނަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މިއީއެވެ. ވެރިންގެ ފެންވަރުން ފެށިގެން މަސައްކަތު މީހާއާއި ހަމައަށް ވެސް އެކުރާ ޖިންސީ އެކިއެކި ގޯނާތަކެވެ. މަދު ބަޔަކު ރުހިގެން ކުރިއެރުން ހޯދިނަމަވެސް ގިނަ ކަނބަލުންނަށް އެގޮތް ކަމަކުނުދެ އެވެ. ނަތީޖާއަކަށްވަނީ ހުނަރުވެރިކަމާ އެކު މަސައްކަތް ކުރަން ފުރުސަތު ނުލިބުމެވެ.

"ބޮސް މެސެޖް ކުރާނެ ލަންކާއަށް ދާން، ނޫނީ ރިސޯޓަށް ދާން، ނޫނީ އޮފީސް ނިމިގެން އެހެން މީހުން ދިޔައީމަ މަޑުކުރަން އަންގާނެ، މަޑުކުރީމާ ބެހެން އުޅޭނެ، މިވަރުން ދެން ކިހިނެއް ކަމެއްކުރާނީ،" މީޑިއާ ދާއިރާގައި މަސައްކަތްކުރާ 29 އަހަރުގެ އަންހެން ކުއްޖަކު އޭނާއަށް ކުރާ ގޯނާތައް ހިއްސާ ކުރަމުން ބުންޏެވެ.

އެފަދަ ގޯނާތަކުގެ ނަތީޖާއެއްގެ ގޮތުން ހުނަރުވެރިން ކުދިންނަށް ނަފްސާނީ މައްސަލަތައް ކުރިމަތިވެ މަސައްކަތުން ބާކީވެ އެވެ. ނަފްސާނީ ބަލިތަކަށް ތެރަޕީ ދެއްވާ ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ފާތިމަތު ސައުދާ ވިދާޅުވާ ގޮތުގައި އެފަދަ މައްސަލަތަކުގެ ސަބަބުން ޝައްކުބަލީގެ ޝިކާރައަކަށް އެކުދިން ވެގެންދެ އެވެ. ގާތް މީހުންނާ ދޭތެރޭ ވެސް އެ ނަޒަރުން ބެލެން ފެށެ އެވެ.

"އެހާހިސާބުން މީހާގެ ސޯޝަލް ލައިފް ދާނެ، އަދި ބައެއް ފަރާތްތަކަށް މިއީ ވަރަށް ބޮޑުކަމަކަށް ވެދާނެ، އެހިސާބުން މީހާދާނެ ޑިޕްރެޝަން ސައިކަލް ތެރެއަށް،" ސައުދާ ވިދާޅުވި އެވެ.

ޖިންސީ ފުރައްސާރައިގެ ޝިކާރައިގައިވާ ފަރާތްތަކަށް ނަފްސާނީ އެތައް މައްސަލަތަކެއް ކުރިމަތިވެ އެވެ. އޭގެ ތެރޭގައި އިންތިހާއަށް ރުޅިގަދަވުމާއި މީހާ ފިކުރުބޮޑުވެ ގޮތްހުސްވުމުގެ ތެރެއަށް ވައްޓާލުމާއި ކުދިކުދި ކަންތައްތަކާ ހާސްވުމާއި އެކަން ބައްޔަކަށް ބަދަލުވެ އެންޒައިޓީ އަށް ބަދަލުވެ އެވެ.

ގާނޫނު ތަންފީޒެއްނުވޭ!

ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ގާނޫނު ބުނާ މަސައްކަތު މާހައުލާއި ތައުލީމާއި ސިއްހީ ހިދުމަތް ދޭ ތަންތަނާއި އިޖްތިމާއީ އެފަދަ ހިދުމަތްދޭ ތަންތަނުގައި ދައްކާ ޖިންސީ ވާހަކައަކުން ނުވަތަ ލިޔާލިޔުމަކުން ނުވަތަ ކުރާއިޝާރާތަކުން ނުވަތަ ބަލާބެލުމަކުން ވެސް ގޯނާއެއް ކަމަށްބެލި ފިޔަވަޅު އެޅޭނެ އެވެ.

އެފަދަ ގޯނާތައް ކުރިމަތިވާ ފަރާތްތަކުގެ މައްސަލަތައް ބެލުމަށް އެފަދަ އިދާރާތަކުގައި ކޮމެޓީއެއް އެކުލަވާލާފައި އޮންނަންޖެހެ އެވެ. އެ ޝަކުވާތައް ބެލުމަށް ފަހު ޖިންސީ ގޯނާކުރި ފަރާތަށް ނަސޭހަތް ދިނުމާއި ސަސްޕެންޑު ކުރުމުގެ އިތުރުން ވަޒީފާ އިން ވަކިކުރުމުގެ ބާރު ވެސް ކޮމެޓީ އަށް ލިބިގެންވެ އެވެ. އެފަދަ ޖިންސީ ފުރައްސާރައިގެ މައްސަލަތައް ފުލުހުންނަށް ނުވަތަ ޖެންޑާ އަށް ހުށައެޅުމުން ވެސް އެފަރާތްތަކުން ވެސް އެމައްސަލަތައް ބަލައި ކުށްވެރިވާ ފަރާތްތަކާ މެދުފިޔަވަޅު އަޅާނެެ އެވެ.

ޖެންޑާ މިނިސްޓްރީގެ ކުރީގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި އަދިވެސް ބައެއް ތަންތަނުގައި އެ ކޮމެޓީ ނެތްކަން ފާހަގަކުރެވެ އެވެ.

"އޭރުގައި އަޅުގަނޑުމެން ފޯނުން ޗެކެއް ޖެހި އިރު ބައެއް މުވައްޒަފުންނަށް ނޭނގެ އެކަން އެގޮތަށް ހިންގާ ކަމެއް، ދެން އަޅުގަނޑުމެން ސިޓީއެއް ޓުރެބިއުނަލަށް މީހުންނަށް މިކަން އަންގާލަ ދިނުމަށް އެދި [ފޮނުވިން]." ނާދިރާ ވިދާޅުވި އެވެ.

ޖިންސީ ފުރައްސާރައިން ސަލާމަތްވުމަށް މަސައްކަތް ކުރާ އިދާރާގައި ކޮންމެހެން އުފައްދަން ޖެހޭ ކޮމެޓީތައް ބައެއް އޮފީސްތަކުގައި މިވަނީ ނުއުފައްްދައިފަ އެވެ. ނަތީޖާއެއްގެ ގޮތުން މިފަދަ ގޯނާތަކަށް އަދިވެސް ފުރުސަތު އޮތްކަން ހާމަވެ އެވެ.

ބެލެނިވެރިން ފުރުސަތެއް ނުދޭ!

ދެ ކުދިންގެ މަންމަ އަކީ ވަރަށް ވެސް ހުނަރުވެރި އަންހެނެކެވެ. ބަރަނިން ތަކެތި ހަދަން ވިޔަސް ވޫލުން އެއްޗެއް ވިޔެލަން ވިޔަސް އެވަރެއް ހަމަނެތެވެ. ގުދުރަތީ އެކިއެކި ސާމާނުތަކުން ތަފާތު ވައްތަރުގެ ޝޭމްޕޫއާއި ތަފާތު ވައްތަރުގެ ތެޔޮ ހެދުމަށްވެސް އެހާމެ ކުޅަދާނެ އެވެ. ނަމަވެސް އޭނާއަށް އެކަން ކުރުމުގެ ފުރުސަތެއްނެތެވެ.

"ހީވާގި ކަނބަލުން" މައުރަޒުގެ ތެރެއިން -- ސަން ފޮޓޯ: މުހައްމަދު އަފްރާހު

"ފިރިމީހާ ބޭނުމެއް ނުވޭ މަ އެއްވެސް ކަމެއް ކުރާކަށް، މަވީ ގޭގަ އިންނަން، މީހުންގެ ތެރެއަށް ނުކުމެ ނޫނީ އެއްޗެހި ހަދައިގެން މާކެޓް ކުރަން ނޫނީ ވިއްކަން ވެސް އޭނަ ބޭނުމެއްނުވޭ،" ހުނަރުވެރި އެ އަންހެން ކުއްޖާ އެކަހެރިވި ގޮތް ކިޔައިދެމުން ބުންޏެވެ.

ދެންވެސް އެފަދަ އެހެން މިސާލެކެވެ. އުމުރުން 20 އަހަރުގެ އެ އަންހެން ކުއްޖާ ބޭނުން ވަނީ ނޫސްވެރިއަކަށް ވުމަށެވެ. ނަމަވެސް އާއިލާއިން އެކަމާ ދެކޮޅެވެ. އަންހެނުން ކުއްޖަކަށް ކަމުދާނެ ދާއިރާއެއް ނޫން ކަމަށް ބުނެ އެވެ.

"އޭރު [ސުކޫލު ނިމުނުއިރު] އުޅުނީ ރިލްވާން [މިނިވަން ނޫހުގެ ނޫސްވެރިޔާ] ވެސް ގެއްލިގެން، އެހެންވެ މަންމަމެން އެއްގޮތަކަށް ވެސް އެއްބަހެއްނުވި ނޫސްވެރިއަކަށްވާކަށް، އެހެންވެ ފާމަސިސްޓަކަށް މިއުޅެނީ،" އެޒުވާން އަންހެން ކުއްޖާއަށް އޭނާ ދާންބޭނުންވި ދާއިރާއިން ކުރިއަށް ނުދެވުނު ގޮތް ކިޔައިދެމުން ބުންޏެވެ.

ފިރިންނާއި ބެލެނިވެރިންގެ ކަންބޮޑުވުންތަކަށް ބަލާއިރު އެމީހުން ކަނބަލުންނަށް ހުއްދަ ނުދޭ ސަބަބުތަކުގެ ތެރޭގައި މަސައްކަތު މާހައުލުގައި ހިންގާ ހުތުރު ޖިންސީ ގޯނާ ތަކާއި މުޖުތަމައު ބަލައިގަންނަ ގަތުން ހިމެނެ އެވެ.

ކޮންމެ އަކަސް ދިވެހި ކަނބަލުންގެ ކުޅަދާނަ ކަމާމެދު ކުރެވޭނެ ޝައްކެއް ނެތެވެ. ކިތަންމެހާ ވެސް ހީވާގިވެފައި ހުނަރުވެރި އެވެ. ނަމަވެސް މަސައްކަތު މާހައުލުގައި ކުރިއަރާ ދިއުމަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުއްޓެވެ. ޖިންސީ ގޯނާތައް އިންތިހާއަށް އިތުރުވާއިރު ގާނޫނު ތަންފީޒެއް ނުވެ އެވެ. އަންހެނުން ކުއްޖަކަށްތީވީ ވަކި މަސައްކަތެއް ނުކުރެވޭނެއޭ ގަބޫލުކުރާ ބެލެނިވެރިން ގިނަ އެވެ. ކަނބަލުންނަށް ކުރިއަށް ދެވެން އޮތީ މިކަންކަން ހައްލު ވެގެންނެވެ. ކަނބަލުންނަށް ކަމެއްކޮށްދޭ ނަމަ މިކަން ކޮށްދޭށެވެ.

comment ކޮމެންޓް