ބަހުސް ކުރުމުގެ އާ އުސޫލު، "މާސް ޑިބޭޓިން" އައިޔޫއެމުން ވުޖޫދުކޮށްފި

އައިޔޫއެމްގެ ދަރިވަރުންގެ ބަހުސްގައި ބައިވެރިއަކު ބަހުސް ކުރަނީ --- ފޮޓޯ/ އައިޔޫއެމް

ރާއްޖޭގައި އާއްމުކޮށް ބަހުސް ކުރާ ތަން ފެންނަނީ ސްކޫލް ފެންވަރުގައި ފާހަގަކުރާ މާދަރީ ދުވަހެއްގައި ނުވަތަ މުބާރާތަކުންނެވެ. ނުވަތަ ޔުނިވާސިޓީއެއްގެ ތެރޭގައި ބާއްވާ ކުޑަ މުބާރާތަކުން ނޫނީ ގައުމީ ފެންވަރުގައި ފާހަގަކޮށްލާ ދުވަހާ ގުޅުވައިގެންނެވެ.

އެ ބަހުސްތަކުގައި ވެސް ފެނިގެންދާނީ މައުލޫއެއްގެ މައްޗަށް ދެ ޓީމަކުން ވާހަކަދައްކާ ތަނެވެ. އެއް ޓީމަށްވުރެ އަނެއް ޓީމެއްގެ މެމްބަރު އަޑަށް ބާރުލާފައި އެއްޗެކޭ ބުނެލުމަށްފަހު، ފަނޑިޔާރުންނަށް ކުރުނީސްކުރާނެ އެވެ. ބަހުސެއް ނިމިގެންދާއިރު މައުޟޫއަށް ރަނގަޅަށް އިންސާފު ކުރެވުނުތޯ ބެލުމަށް ސުވާލު ކުރުމުގެ ފުރުސަތެއް ނުދެވެ އެވެ.

ނަމަވެސް ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ (އައިޔޫއެމް) އިން ރާއްޖެއަށް ތައާރަފްކުރި ބަހުސް ކުރުމުގެ އާ ގޮތެއް ކަމަށްވާ "މާސް ޑިބޭޓިން" އިން ރާއްޖޭގެ ބަހުސް ކުރުމަށް މި ވަނީ ރަނގަޅު ބޮޑު ބަދަލެއް ގެނެސްފައެވެ.

އައިޔޫއެމްގެ ދަރިވަރުންގެ ބަހުސްގައި ބައިވެރިއަކު ބަހުސް ކުރަނީ --- ފޮޓޯ/ އައިޔޫއެމް

ބޭރުގެ ކޮލެޖް ޔުނިވާސިޓީތަކުގައި ވަރަށް މަގްބޫލް ބަހުސްކުރުމުގެ އުސޫލެއް ކަމަށްވާ މޭސް ޑިބޭޓިން އަކީ އިލްމީ ހެއްކާ ބުއްދީގެ ބަހުސްތަކުގެ މައްޗަށް ބިނާވެފައި އޮންނަ ބަހުސް ކުރުމުގެ އުސޫލެކެވެ. އެ މުބާރާތްތައް ދުނިޔޭގެ އެކިކަންކޮޅުތަކުގައި ކުރިއަށްގެންދަނީ އެކި ގޮތަށެވެ.

އާއްމުކޮށް ކުރާ ބަހުސްތަކާ ތަފާތުކޮށް މާސް ޑިބޭޓިންގައި ދެ ޓީމު ދެޓީމުން ބަހުސްތެރޭ ސުވާލު ކުރުމުގެ ފުރުސަތު އޮންނާނެ އެވެ. އަދި ފަނޑިޔާރުންނާއި އަޑުއެހުންތެރިންނަށް ވެސް ބައިވެރިވާ ޓީމުތަކަށް ސުވާލުތައް ކުރިމަތި ކުރުވާނެއެވެ. އޭގެ ސަބަބުން ހުށަހެޅިފައިވާ އޮންނަ މައުޟޫއަށް ބޮޑަށް ބަހުސްކުރެވި މައުޟޫއަކަށް ރަނގަޅަށް އިންސާފު ކުރެވިގެންދާނެއެވެ.

އައިޔޫއެމްގައި ފެށި މޭސް ޑިބޭޓިންއާ ގުޅޭ މައުލޫމާތު ދެއްވަމުން މުބާރާތް ރޭވުމުގައި އިސްކޮށް ހަރަކާތްތެރިވާ އެ ޔުނިވާސިޓީގެ ލެކްޗަރާ އަދި ރާއްޖޭގެ އަދަބީ ދާއިރާގައި ހަރަކާތްތެރިވާ އާދަމް ނަސީރު އިބްރާހިމް ރޭ ވިދާޅުވީ، ރާއްޖޭގައި އަލަށް ތައާރަފް ކުރި މުބާރާތެއް ކަމުން ކުޑަ ތަފާތެއް ގެނެސްފައިވާ ކަމަށެވެ.

އެގޮތުން، މުބާރާތުގައި ބެލުންތެރިންނަށް ސުވާލުކުރުމުގެ ފުރުސަތު ހުޅުވާލާފައެއް މިފަހަރަކު ނުވެއެވެ. ނަމަވެސް އާދަމް ނަސީރު ވިދާޅުވި ގޮތުގައި، ކުރިއަށް އޮތްތަނުގައި އެ ފުރުސަތު ހުޅުވާލާނެއެވެ.

އައިޔޫއެމްގެ ދަރިވަރުންގެ ބަހުސްގައި ބައިވެރިއަކު ބަހުސް ކުރަނީ --- ފޮޓޯ/ އައިޔޫއެމް

އައިޔޫއެމްގެ މޭސް ޑިބޭޓިން މުބާރާތުގައި ބައިވެރިވަނީ ކޮންމެ ޓީމަކުން ފަސް މެމްބަރުން ހިމެނޭ ހަ ޓީމެވެ. އަދި ބަހުސް ކުރަން ކޮންމެ ޓީމަކުން އަރާނީ ތިން ދަރިވަރުންނެވެ. ކޮންމެ ޓީމަކުން ވެސް ބަހުސް ކުރަން އަރާ ކުއްޖަކަށް ހަ މިނެޓުގެ ވަގުތެއް ދޭއިރު، އެ ކުއްޖާއާ ސުވާލު ކުރިމަތިކުރުވުމަށް އިދިކޮޅު ޓީމުގެ ކޮންމެ މެމްބަރަކަށް 10 ސިކުންތުގެ ވަގުތު ލިބޭނެއެވެ.

އިދިކޮޅު ޓީމުގެ ކޮންމެ މެމްބަރަކަށް ވެސް ބަހުސްކުރަން އަރާ އަނެއް ޓީމުގެ މެމްބަރާ ސުވާލުތައް ކުރިމަތިކުރުވުމަކީ ލާޒިމް ކަމެކެވެ. ނުކޮށްފި ނަމަ ސުވާލު ކުރުމުގެ ފުރުސަތު ލިބިފައިވާ ޓީމުން މާކުސް ކެނޑޭނެއެވެ.

"މާސް ޑިބޭޓިންގެ ކޮންސެޕްޓަކީ ކޮންމެ ސުވާލެއް ކުރިނަމަވެސް ޖަވާބުދާރީ ވެވެން ޖެހޭނެއޭ. އެކި ގޮތްގޮތުން ކުރިމަތިކުރުވާ ސުވާލުތަކަށް ދަރިވަރު ތައްޔާރުވެގެން ހުރުން. މައުޟޫއެއްގެ މައްޗަށް ފުރިހަމަ ގޮތަކަށް ބެލިގެން ދިރާސާ ކުރެވިގެން ނިމުން،" އާދަމް ނަސީރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މުބާރާތަށްފަހު ހޮވާލެވޭ ކުދިން މޭސް ޑިބޭޓިން އުސޫލައް ފަރިތަކުރުވާނޭ ކަމަށެވެ. އަދި އުއްމީދަކީ ކުރިއަށް އޮތްތަނުގައި އެހެން ޔުނިވާސިޓީ/ކޮލެޖްތަކުން ވެސް މި އުސޫލުގެ މަތިން ބަހުސް މުބާރާތްތައް ބޭއްވުން ކަމަށް ވިދާޅުވި އެވެ.

އިސްލާމިކް ޔުނިވާސިޓީން ބުނީ، މިއަދު ފެށި ބަހުސް މުބާރާތުގެ ފަހު ބަހުސް އޮންނާނީ އަންނަ މާޗް މަހުގެ ތިން ވަނަ ދުވަހުއެވެ.

comment ކޮމެންޓް