އައްޑޫއިން ގަންނަ ކޮންމެ ހޮންޑާ ސައިކަލަކާ އެކު ހެލްމެޓެއް ހިލޭ

ޝީޝާގެ އައްޑޫ ޝޯރޫމުން ގަންނަ ކޮންމެ ހޮންޑާ ސައިކަލަކާ އެކު ހެލްމެޓެއް ހިލޭ ދޫކުރަން ފަށައިފި އެވެ.

ހޮންޑާގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓާ ޝީޝާއިން އައްޑޫ ސިޓީގައި އެކަން ފެށީ، ހޮންޑާ މޯލްޑިވްސްއިން އިސްނަގައިގެން އައްޑޫ ސިޓީގެ މަގުތަކުގެ ސަލާމަތާއި ރައްކާތެރިކަމާ މެދު ހޭލުންތެރިކުރުވުމަށް މިއަދު ފެށި ކެމްޕޭނެއްގެ ދަށުންނެވެ.

ޝީޝާގެ ހެޑް އޮފް މާކެޓިންގް ފާތިމަތު ޖުމާން "ސަން" އަށް ވިދާޅުވި ގޮތުގައި، އައްޑޫގައި ރޯޑް ސޭފްޓީ ކެމްޕޭނެއް ޝީޝާއިން ފެށީ، މަގުމަތީގެ އެކްސިޑެންޓްތައް އެންމެ ގިނައީ އައްޑޫ ސިޓީގައި ކަމުންނެވެ.

މިއަދު ފެށި ކެމްޕޭނުގެ ފުރަތަމަ ހަރަކާތެއްގެ ގޮތުން، އައްޑޫ ސިޓީގެ ހިތަދޫގައި ހުންނަ ޝީޝާ ޝޯރޫމުން ވިއްކާ ކޮންމެ ސައިކަލަކާ އެކު ހޮންޑާ ހެލްމެޓެއް ހިލޭ ދޭން ވަނީ ފަށައިފައެވެ.

ޖުމާން ވިދާޅުވި ގޮތުގައި، ހެލްމެޓް ދޫކުރުމުގެ އިތުރުން އައްޑޫ ސިޓީގެ މަގުތަކުގެ އެކި ސަރަހައްދުތަކުގައި ޚާއްސަ ބިލްބޯޑެއް ވެސް ބެހެއްޓުމަށް ވަނީ ނިންމާފައެވެ. ތެޅިފައިވާ ކުކުޅު ބިހެއްގެ ކުރެހުމެއް ދައްކާ މި ޕޯސްޓަރުން ރަމްޒުކޮށްދޭ މެސެޖަކީ، އިންސާނާއަކީ ކުކުޅު ބިހެއް ފަދަ ނާޒުކު އެއްޗެއް ކަން ކަމަށް ޖުމާން ވިދާޅުވިއެވެ.

މިއަދު ޝީޝާއިން ފެށި ރޯޑް ސޭފްޓީ ކެމްޕޭނަކީ އައްޑޫ ސިޓީގައި އެއް އަހަރު ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ ކެމްޕޭނެކެވެ.

comment ކޮމެންޓް