ފުނައްޑޫ ފަރަށް އެރި ހިލަ ބާޖާއި ޓަގު ފުން ނުކުރެވި، ފަރަށް ބޮޑެތި ގެއްލުންތަކެއް!

ފުނައްޑޫ ފަރުމައްޗަށް ޓަގު އަރާފައި: ރަށުގެ ފުއްޓަރު ފަރާތު ފަރަށް އެރުމުން ޓަކާއި ބާރު ފުން ކުރުމުގައި ދަތިތަކެއް ކުރިމަތިވޭ --- ސަން ފޮޓޯ: ކިޔުންތެރިއެއް

މިދިޔަ ހަފްތާގެ ބުދަ ދުވަހުގެ ހަވީރު ތ. ފުނައްޑޫ ފަރަށް އެރި ހިލަ ބާޖާއި ޓަގު ބޯޓު ފުންނުކުރެވި ފަރަށް ބޮޑެތި ގެއްލުންތަކެއް ލިބެމުން އެބަދެ އެވެ.

ތ. އަތޮޅު ތިމަރަފުށީ އެއާޕޯޓްގެ ހިއްކި ސަރަހައްދު ހިމާޔަތްކަރުމަށް ހިލަ ހިފައިގެން ދަތުރުކުރި ބާޖާއި ޓަގު އަރާފައި ވަނީ ފުނައްޑޫގެ ފުއްޓަރު ފަރާތު ފަރަށެވެ. ތިމަރަފުށީ އެއާޕޯޓު ހިއްކި ސަރަހައްދުގައި ހިލަ ޖެހުމުގެ މަސަތްކަތް އެމްޓީސީސީން ކުރަމުންދިޔަ ނަމަވެސް ހިލަ އުފުލުމުގައި މަސަތްކަތް ކުރަނީ އިންޑިއާގެ ކުންފުންޏަކުންނެވެ.

ފުނައްޑޫ ފަރުމައްޗަށް ބާޖު އަރާފައި --- ސަން ފޮޓޯ: ކިޔުންތެރިއެއް

'ސަން' އާ ވާހަކަ ދައްކަމުން ތިމަރަފުށީ ކައުންސިލްގެ ޒިންމާދާރު އިސްވެރިޔާ އަހުމަދު އަލީ ވިދާޅުވީ ބާޖު އަރާފައިވާ ފުނައްޑޫ ފުއްޓަރު ފަރާތަކީ ގުދުރަތީ ގޮތުން ރީތި ފަރަކާއި މަސްވެރިކަމަށް ވެސް ވަރަށް ރަނގަޅު ހިސާބެއް ކަމަށެވެ.

"އެ ސަރަހައްދަކީ ކައިރި ރަށް ރަށުގެ މީހުން ވަރަށް ގިނައިން ރަތް މަސް ބާނަން ދާ ސަރަހައްދެއް. ނަމަވެސް ބާޖު ފަރަށް އެރުމާ އެކު މަސްވެރިކަން ވެސް ވަނީ ވަރަށް ދަށްވެފައި،" އަހުމަދު އަލީ ވިދާޅުވި އެވެ.

އެގިފައިވާ ގޮޮތުގައި ބާޖު ކަފު ޖަހައިގެން ދަތުރުކުރި ޓަގާއެކު ފަރަށް އެރި ނަމަވެސް މީގެ ކުރިން ވަނީ ޓަގް ފުންކޮށްފަ އެވެ. ނަމަވެސް ރާޅު ގަދަވުމުގެ ސަބަބުން އަނެއްކާ ވެސް ޓަގް ވަނީ ފަރަށް އަރާފަ އެވެ.

ފުނައްޑޫ ފަރުމައްޗަށް ބާޖާއި ޓަގް އަރާފައި --- ސަން ފޮޓޯ: ކިޔުންތެރިއެއް

ދެ އުޅަނދު ފުންކުރުމުގައި ހަރަކާތްތެރި ވަނީ ފަޅުވެރިންގެ ގޮތުގައި ބާޖުގައި ތިބި 12 ބިދޭސިންއެވެ. އަދި އެމީހުނަށް އެހީތެރިވުމުގެ ގޮތުން ތިމަރަފުށިން ވެސް ބައެއް މީހުން ވަނީ ގޮސްފައެވެ.

ފަރަށް ލިބިފައިވާ ގެއްލުން އެންވައިރުމެންޓް ޕްރޮޓެކްސަން އެޖެންސީ(އީޕީއޭ) އިން އަންނަނީ ބަލަމުންނެވެ. އަދި ގެއްލެން ބެލުމަށްފަހު ޒިންމާވާ ފަރާތްތަށް ޖޫރިމަނާ ކުރާނެ ކަމަށް އެ އިދާރާއިން ބުންޏެވެ.

comment ކޮމެންޓް