ވެންގާއަށް ކުރިމަތިވާ ފާޑުކިޔުންތައް އޭނާއަށް ހައްގެއް ނޫން: ބިލިޗް

އާސެނަލްގެ ކޯޗު ވެންގާ(ކ) އަދި ވެސްޓް ހާމްގެ ކޯޗު ބިލިޗް(ވ) ---

އާސެނަލްގެ ކޯޗު އާސެން ވެންގާ ދިފާއުކޮށް، އޭނާއަށް ކުރިމަތިވަމުންދާ ފާޑުކިޔުންތަކަށް ވެސްޓް ހާމްގެ ކޯޗު ސްލެވަން ބިލިޗް ރައްދުދީފިއެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނައިގައި އޮތް ޗެލްސީއާއި އާސެނަލްއާ ދެމެދު ދިހަ ޕޮއިންޓަށް ފަރަގު ބޮޑުވެ، ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ފުރަތަމަ ލެގުގައި 5-1 ލަނޑުން ބަޔާން މިއުނިކް އަތުން އާސެނަލް ބަލިވުމާ ގުޅިގެން ވެންގާއަށް ފާއިތުވި ހަފްތާތެރޭ ގިނަ ފާޑުކިޔުންތަކެއް އަމާޒުވިއެވެ.

މީޑިއާ އަދި ގިނަ ބައެއްގެ ފާޑުކިޔުންތަކަކާ ކުރިމަތިލަމުންދާ ވެންގާ، އާސެނަލާއެކު ހަދާފައިވާ އެއްބަސްވުން ވެސް މިސީޒަނަށްފަހު ނިމުމަކަށް އަންނާނެއެވެ. އާސެނަލުން މިސީޒަނުގައި ނެރެމުންދާ ދަށް ނަތީޖާތަކުގެ ސަބަބުން ވެންގާއާއެކު އެކްލަބުން ހަދާފައިވާ އެއްބަސްވުން އާނުކުރާނެ ކަމަށް ވެސް ވާހަކަތައް ދެކެވެމުންދެއެވެ.

"އަހަރެން އާސެން ވެންގާއާ ބެހޭގޮތުން ވާހަކައެއް ބުނެލާނަން. އޭނާއަށް ކިޔަމުންދާ ފާޑުކިޔުންތައް ހައްގެއް ނޫން. އެއީ މަގާމުގެ ގޮތުން ކުރިމަތިލާން ޖެހޭނެ ކަންތައްތައް. އެކަމަކު ކަންތައްތަކުގައި ހަމަތަކެއް އޮންނަންވާނެ. އަހަރެމެން އެންމެންނަށް ވެސް ވަޒީފާގެ ބިރު އެބައޮތް. ފާޑުކިޔަންޖެހޭނީ ހަމަހަމަ އުސޫލެއްގެ މަތިން،" ވެސްޓް ހާމްގެ ކޯޗު ބިލިޗް ބުންޏެވެ.

ބިލިޗް ބުނީ، ވެންގާ އަދި އެހެން ކޯޗެކަށް ވިޔަސް އެވަރުގެ ފާޑުކިޔުމެއް ހައްގުނުވާ ކަމަށާއި ދުވަސްތަކަކަށްފަހު އާސެނަލަށް އެންމެ މަތީ ފަންތީގައި ވާދަކުރެވެން ފެށީ ވެންގާ އެ ކްލަބާ ހަވާލުވި ފަހުން ކަމަށެވެ. އަދި ވެންގާއަކީ ވަކި މުސާރައަކަށްޓަކައި މަސައްކަތްކުރާ ކޯޗެއް ނޫން ކަމަށް ވެސް އޭނާ ބުންޏެވެ.

ޕްރިމިއާ ލީގުގައި އަންނަމަހުގެ ހަތަރުވަނަ ދުވަހު ތާވަލުގެ ހަތަރުވަނާގައި އޮތް އާސެނަލުން ލިވަޕޫލާ ދެކޮޅަށް ނުކުންނަން ޖެހޭނެއެވެ.

comment ކޮމެންޓް