މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ތުހުމަތުގައި ޑުޓާޓޭއަށް ފާޑުކިޔާ ސެނެޓަރަކު ހައްޔަރުކޮށްފި

ފިލިޕީންސްގެ ސެނެޓަރު ލައިލާ ޑި ލީމާއަކީ ރައީސް ރޮޑްރީގޯ ޑުޓާޓޭއަށް ފާޑު ކިޔާ ފަރާތެއް -- ފޮޓޯ: އޭޕީ

މެނީލާ (ފެބްރުއަރީ 25): ފިލިޕީންސްގެ ރައީސް ރޮޑްރީގޯ ޑުޓާޓޭ އަށް ފާޑު ކިޔާ އެ ގައުމުގެ އިސް ފަރާތްތަކުގެ ތެރޭގައި ހިމެނޭ ސެނެޓަރު ލައިލާ ޑި ލީމާ މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފި އެވެ.

ފިލިޕީންސްގެ ޖަލުތަކުގައި ހައްޔަރުކޮށްފައިވާ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުންގެ އަތުން ފައިސާ ނެގި ކަމަށް ބުނެ ސެނެޓަރު ޑި ލީމާގެ މައްޗަށްކޮށްފައިވާ ތުހުމަތުތައް އޭނާ ވަނީ ދޮގުކުރައްވާފަ އެވެ. އަދި އެއީ މަސްތުވާތަކެއްޗާ ދެކޮޅަށް ޑުޓާޓޭ ކުރާ ހަނގުރާމައަށް އޭނާ ކިޔާ ފާޑު ކިޔުންތައް ހުއްޓުވުމަށް ކުރާ ކަމެއް ކަމަށް ވިދާޅުވެފަ އެވެ.

ޑި ލިމާ ހައްޔަރު ކުރަން ކޯޓުން އަމުރެއް ނެރުމާ ގުޅިގެން އޭނާ ވަނީ ފުލުހުންނަށް ހައްޔަރު ނުކުރެވޭ ގޮތަށް ސެނެޓުގައި އެއް ދުވަސް ހޭދަ ކުރައްވާފަ އެވެ. ނަމަވެސް އިއްޔެ އޭނާ ވަނީ އަމިއްލައަށް ފުލުހުންނާ ހަވާލުވެފަ އެވެ.

"އަޅުގަނޑު ކުރަމުންދާ މަސައްކަތަށްޓަކައި ޖަލަށް ދިޔުމަކީ އަޅުގަނޑަށް ލިބޭ ޝަރަފެއް. [ސަރުކާރަކަށް] އަޅުގަނޑުގެ އަޑު މަޑެއް ނުކުރެވޭނެ އަދި ހައްގަށާއި އިންސާފަށް އަޅުގަނޑު ކުރާ މަސައްކަތަށާއި، ޑުޓާޓެގެ ސަރުކާރުން މީހުން މެރުމާ ދެކޮޅަށް އަޅުގަނޑު ކުރާ މަސައްކަތަށް ހުއްޓުމެއް ނާންނާނެ،" ސެނެޓަރު ވިދާޅުވި އެވެ.

ފިލިޕީންސްގެ ހިއުމަން ރައިޓްސް ކޮމިޝަނުގެ ވެރިޔާގެ ގޮތުގައި ޑި ލީމާ ހުންނެވި އިރު އޭނާ ވަނީ ދަވާއޯ ސިޓީގައި މަސްތުވާތަކެއްޗާ ގުޅުން ހުރި 1000 މީހަކު މެރި މައްސަލަ ތަހުގީގު ކުރައްވާފަ އެވެ. އޭރު ދަވާއޯގެ މޭޔަރު ކަމުގައި ހުންނެވީ ޑުޓާޓޭ އެވެ. އަދި ޑުޓާޓޭ ވެރިކަމަށް ވަޑައިގަތުމަށް ފަހު އެގައުމުގައި މަސްތުވާތަކެއްޗާ ދެކޮޅަށް ފެއްޓެވި ހަނގުރާމައަށް ސެނެޓުގައި ފާޑުވިދާޅުވެފަ އެވެ. (ބީބީސީ)

comment ކޮމެންޓް