މުހައްމަދު އަލީގެ ދަރިކަލަކު މުސްލިމަކަށްވީތީ އެމެރިކާގެ އެއާޕޯޓްގައި ހައްޔަރުކޮށް، ސުވާލުކޮށްފި

ފުލޮރިޑާ އެއާޕޯޓުގައި ހައްޔަރުކުރި ބޮކްސިން ލެޖެންޑް މުހައްމަދު އަލީގެ ދަރިކަލުން ---

ވޮޝިންގްޓަން (އޭއެފްޕީ) - މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ނިޔާވި، އެމެރިކާއަށް އުފަން މަޝްހޫރު ބޮކްސިން ލެޖެންޑް މުހައްމަދު އަލީގެ ދަރިކަލަކަށް އަރަބި ނަމެއް ކިޔާތީވެ، ފުލޮރިޑާ އެއާޕޯޓުގައި ދެ ގަޑިއިރު ވަންދެން ހައްޔަރުކޮށް ސުވާލު ކޮށްފިއެވެ.

އެމެރިކާގެ ފިލަޑެލްފިއާއަށް އުފަން އަދި އެމެރިކާގެ ޕާސްޕޯޓެއް އޮންނަ މުހައްމަދު އަލީ ޖޫނިއާ، 44، ފުލޮރިޑާ އެއާޕޯޓުން ހައްޔަރުކުރީ އޭނާގެ މަންމަ އަދި މުހައްމަދު އަލީގެ ދެވަނަ އަނބިކަނބަލުން ޚަލީލާ ކަމަޗޯ އަލީ އެކު ޖަމައިކާއަށް ގޮސް އެނބުރި އެމެރިކާއަށް ދިއުމުންނެވެ.

އެމެރިކާގެ މީޑިއާތަކަށް ދިން އިންޓަވިއުއެއްގައި މުހައްމަދު އަލީގެ އެކުވެރިޔާ އަދި ލޯޔަރު ކްރިސް މެންސިނީ ވިދާޅުވީ، އެ ދެމައިންނަށް އަރަބި ބަހާ އެއްގޮތް ނަމެއް ކިޔާތީވެ އެއާޕޯޓުގައި ހައްޔަރުކުރީ މިމަހުގެ ހަތް ވަނަ ދުވަހު ކަމަށެވެ.

ހައްޔަރުކުރުމަށްފަހު ދެމައިންގެ ތެރެއިން މުހައްމަދު އަލީ ޖޫނިއާގެ މަންމަ، ކަމަޗޯ އަލީ، އޭނާގެ ކުރީގެ ފިރިމީހާއާއެކު ނަގާފައިވާ ފޮޓޯއެއް އެމެރިކާގެ ކަސްޓަމްސް އަށް ދެއްކުމުން މިނިވަންކުރިއެވެ.

ނަމަވެސް މުހައްމަދު އަލީގެ އަތުގައި ހެއްކަކަށް ދައްކާނެ ފޮޓޯއެއް އެވަގުތު ނެތުމުން ދެ ގަޑިއިރު ވަންދެން އެއާޕޯޓުގައި ހައްޔަރުކޮށްފައި ބެހެއްޓިއެވެ. ހައްޔަރުގައި ހުރިއިރު އޭނާއަށް ނަން ކީ ކާކުތޯއާއި އޭނާއަކީ މުސްލިމެއްތޯ އަހާ ސުވާލުކުރި ކަމަށާއި ޖަވާބުގައި އޭނާއަކީ، ބައްޕަ މުހައްމަދު އަލީ ފަދަ މުސްލިމެކޭ ބުނުމުން އިތުރު ސުވާލުތަކެއް ކުރިމަތިކުރިކަމަށް ވެސް ލޯޔަރާ ހަވާލާދީ އެމެރިކާގެ މީޑިއާތަކުގައި ރިޕޯޓް ކޮށްފައިވެއެވެ.

ލޯޔަރު މެންސިނީ ވިދާޅުވީ، މިއީ އެމެރިކާއަށް މުސްލިމުން ވަނުން މަނާކުރުމަށް ސީދާ ޓުރަމްޕު އެންގެވި އެންގެވުމެއްކަން އެއްވެސް ޝައްކެއްނެތި ސާފުވާ ކަމަށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވަނީ ބައެއް މުސްލިމް ބޮޑެތި ގައުމުތަކުގެ ރައްޔިތުން އެމެރިކާއަށް ދިޔުން މަނާ ކުރުމަށް މިދިޔަ ޖަނަވަރީ މަހުގެ ފަހުކޮޅު އަމުރެއް ނެރުއްވާފައެވެ. ނަމަވެސް އެ އަމުރު ކޯޓުން ހުއްޓުވައި މައްސަލަ އިސްތިއުނާފް ކުރުމުން، ކޯޓުގެ ނިންމުން ދެމެހެއްޓުމަށް ސެން ފްރެންސިސްކޯގެ ކޯޓަރުން ވަނީ ނިންމާފައެވެ.

މެންސިނީ ވިދާޅުވީ، މުހައްމަދު އަލީ ޖޫނިއާ އާއި އޭނާގެ މަންމައާ ކުރިމަތިކުރިވި ސުވާލުތަކެއް އެހެން މީހުންނާ ސުވާލުކުރިތޯ ބެލުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އެ މައްސަލަ ކޯޓަށް ވެއްދުމަށް ވިސްނަމުންދާ ކަމަށެވެ.

ހެވީ ވެއިޓް ޗެމްޕިއަންކަން ތިން ފަހަރު ހޯދާފައިވާ އުމުރުން 74 އަހަރުގެ އަލީ ނިވާޔީ ނޭވާލާން އުނދަގޫވެ ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދެމުން ދަނިކޮށެވެ. އޭނާ މަރުވެފައި ވަނީ، އެމެރިކާގެ ފީނިކްސް ސިޓީގެ އެރިޒޯނާ ސްޓޭޓްގެ ހޮސްޕިޓަލެއްގަ އެވެ.

comment ކޮމެންޓް