ފުވައްމުލަކުން ހާލުދެރަވި ދުވަސްވީ ބަލިމީހަކު ހެލިކޮޕްޓަރުގައި މާލެ ގެނެސްފިި

ފުވައްމުލަކު ސިޓީ އިން ހާލުދެރަވެގެން މިއަދު ގެނައިި ބަލިމީހާ އުފުލި 'ރެހެންދި' ހެލިކޮޕްޓަރު --- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ފުވައްމުލަކު ސިޓީ ހޮސްޕިޓަލްގައި އޮތް ހާލުދެރަ ބަލިމީހަކު ގައުމީ ދިފާއީ ބާރުގެ 'ރެހެންދި' ހެލިކޮޕްޓަރުގައި މާލެ ގެނެސްފި އެވެ.

ފުވައްމުލަކު ހޮސްޕިޓަލްގެ މެނޭޖަރު މުހައްމަދު ފަރުޒާން 'ސަން' އަށް ވިދާޅުވީ މިއަދު ހެނދުނު އެ ހޮސްޕިޓަލުން މާލެ ގެނެސްފައި ވަނީ 67 އަހަރުގެ ފިރިހެނެއް ކަމަށެވެ. މިދިޔަ ބުރާސްފަތު ދުވަހު ފުވައްމުލަކު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދާ ބަލިމީހަކީ އެއްފަޅި ވާގި ގޮސްފައިވާ މީހެއް ކަމަށް ވެސް ފަރުޒާނު ވިދާޅުވި އެވެ.

"އިންޓާނަލް ބްލީޑިންއަކަށް ސަސްޕެކްޓް ކުރެވިގެން ފަރުވާދެމުން ދިޔައީ. މިކޮޅުން ސީޓީ ސްކޭން ހެދެން ނެތުމުން ޑޮކްޓަރުގެ ލަފާގެ މަތިން މާލެ ފޮނުވާލީ،" ފަރުޒާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގައުމީ ދިފާއީ ބާރުގެ އެހީތެރި ކަމަށް އެދުނީ ފަލައިޓް އިން ޖާގަ ހޯދުމުގައި ދަތިތަކަކާ ކުރިމަތިވުމާ އެކު ވައިގެ މަގުން ޕޭސަންޓުން އުފުލުމަށް އާސަންދައިގެ ހިދުމަތް ވެސް ނެތުމާ އެކު ކަމަށެވެ.

ބަލިމީހާ މާލެގެނައި ރެހެންދި އަކީ މިދިޔަ އަހަރުގެ އޭޕްރީލް މަހު ފަހުކޮޅުގައި އިންޑިއާ އިން ހަދިޔާކުރި ހެލިކޮޕްޓަރެކެވެ.

އެ ހެލިކޮޕްޓަރު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ ރާއްޖޭގެ އެކި ހިސާބުތަކަށް ގެއްލޭ މީހުން ހޯދުމާއި މީހުން ސަލާމަތްކުރުމުގެ އިތުރުން ބަލި މީހުން ނުވަތަ އެއްތަނުން އަނެއްތަނަށް ގެންދަން އުދަނގޫ މީހުން އުފުލުމަށެވެ.

comment ކޮމެންޓް