މިއަހަރުގެ ގްލޯނެޓް ފެއާއަށް ލިބުނު ތަރުހީބު ބޮޑު، އޯގަސްޓް މަހު ބާއްވާ ފެއާ އިތުރަށް ފުރިހަމަވާނެ

ގްލޯނެޓް އެޑިއުކޭޝަން ފެއާއަށް ޒިޔާރަތްކުރި ދަރިވަރުންތަކަކަށް ފެއާގެ ސްޓޯލްއަކުން މައުލޫމާތު ދެނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިމަހު ބޭއްވި ގްލޯނެޓް އެޑިއުކޭޝަން ފެއާއަށް ލިބުނު ތަރުހީބު ބޮޑު ކަމަށް ފެއާ އިންތިޒާމްކުރާ ގްލޯނެޓް ލިމިޓެޑުން ބުނެފި އެވެ.

ރާއްޖޭގެ ދަރިވަރުންނަށް މަތީ ތައުލީމުގެ ފުރުސަތުތައް ފަހިކޮށް ދިނުމަށް ބާއްވަމުން އަންނަ ގްލޯނެޓް އެޑިއުކޭޝަން ފެއާއަކީ 2007 ވަނަ އަހަރުން ފެށިގެން އަހަރަކު ދެ ފަހަރު ގްލޯނެޓުން ބާއްވަމުން އަންނަ ފެއާއެކެވެ.

މާލޭގެ އިތުރުން އަތޮޅުތެރޭގެ ރަށެއްގައި ކޮންމެ އަހަރަކު ވެސް ބާއްވާ އެ ފެއާއަށް މިމަހުގެ 21 އަދި 22 ގައި މާލޭގައި ބޭއްވި އިރު އިއްޔެ ފެއާ ބާއްވާފައި ވަނީ ފުވައްމުލަކުގަ އެވެ. އަދި މިއަހަރުގެ ފެއާގައި މެލޭޝިއާގެ މަޝްހޫރު ބޮޑެތި ޔުނިވާސިޓީތަކުގެ ތެރެއިން 11 ފަރާތެއް ބައިވެރިވި އެވެ.

އިއްޔެ ފުވައްމުލަކުގައި ބޭއްވި ގްލޯނެޓް އެޑިއުކޭޝަން ފެއާގެ ތެރެއިން --- ފޮޓޯ/ ގްލޯނެޓް

ގްލޯނެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ނަސީމް މިއަދު ވިދާޅުވީ، މިމަހުގެ ތެރޭގައި ބޭއްވި ފެއާއަށް މާލޭން އެކަނި ވެސް 1600 އަށް ވުރެ ގިނަ ދަރިވަރުންނާ އެކު ބެލެނިވެރިން ޒިޔާރަތްކުރި އިރު ފުވައްމުލަކުން 500 އަށް ވުރެ ގިނަ ދަރިވަރުން ފެއާއަށް ޒިޔާރަތްކޮށް މައުލޫމާތު ހޯދާފައިވާ ކަމަށެވެ.

މިމަހުގެ ފެއާއަށް ލިބުނު ތަރުހީބު ކުރީ އަހަރުތަކަށް ވުރެ މާ ބޮޑުތަން ވެސް ރަނގަޅު ކަމަށް އޭނާ ވިދާޅުވި އެވެ.

އިއްޔެ ފުވައްމުލަކުގައި ބޭއްވި ގްލޯނެޓް އެޑިއުކޭޝަން ފެއާގެ ތެރެއިން --- ފޮޓޯ/ ގްލޯނެޓް

އަބްދުﷲ ނަސީމް ވިދާޅުވީ، ގްލޯނެޓް އެޑިއުކޭޝަން ފެއާ ދެން ބާއްވާނީ އަންނަ އޯގަސްޓް މަހުގެ ތެރޭގައި ކަމަށެވެ. އެ ފެއާގައި ބައިވެރިވާ ޔުނިވާސިޓީތައް އިތުރުވެ، މެލޭޝިއާގެ އިތުރުން ދުނިޔޭގެ އެހެން ގައުމުތަކުގެ ޔުނިވާސިޓީތައް ވެސް ބައިވެރިކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަދި ވިދާޅުވީ، އޯގަސްޓް މަހުގެ ތެރޭގައި ބާއްވާ ފެއާ ވެސް މާލެއާއި އަތޮޅުތެރޭގެ ރަށެއްގައި ބާއްވާނެ ކަމަށާއި އެގޮތުން އެ ފެއާ އުތުރުގެ ރަށެއްގައި ބޭއްވުމުގެ ވިސްނުން އެބަހުރި ކަމަށެވެ.

އިއްޔެ ފުވައްމުލަކުގައި ބޭއްވި ގްލޯނެޓް އެޑިއުކޭޝަން ފެއާގެ ތެރެއިން --- ފޮޓޯ/ ގްލޯނެޓް

comment ކޮމެންޓް