ރަންގޫންގައި ކަންގަނާގެ މުހިންމު ގިނަ ސީންތަކެއް ވަނީ އުނިކޮށްފައި!

ކަންގަނާ ރަނައުތު ---

އިއްޔެ ރިލީޒް ކުރި ޑައިރެކްޓަރު ވިޝާލް ބަރްދްވާޖުގެ ފިލްމު 'ރަންގޫން'ގައި، އެ ފިލްމުގެ ލީޑު އަންހެން އެކްޓަރު، ކަންގަނާ ރަނައުތުގެ މުހިންމު ގިނަ މަންޒަރުތަކެއް ހިމަނާފައި ނުވާކަމަށް އޭނާ ބުނެފި އެވެ.

ކަންގަނާ ބުނީ ފިލްމު އެޑިޓިން އަށް ފަހު، އޭނާގެ އެންމެ މޮޅު ބައެއް މަންޒަރުތައް ފިލްމުން އުނިކޮށްފައިވާ ކަމަށެވެ. އަދި އެ މަންޒަރުތައް އުނި ކުރުމުގެ ސަބަބުން، ރަންގޫން ގައި އޭނާ ދައްކައިދީފައިވާ ޕަފޯމެންސް ދަށް ވާނެ ކަމަށް ބެލެވޭ ކަމަށް ވެސް ކަންގަނާ ބުންޏެވެ.

"އަހަންނަށް އެންމެ ކަމުދިޔަ އަދި އެންމެ މޮޅު ގިނަ ސީންތަކެއް ވަނީ ފިލްމުން އުނިކޮށްފައި. އެހެންކަމުން އަހަރެންގެ ހުށަހެޅުމަށް މާބޮޑު ތަރުހީބެއް ލިބޭނެ ކަމަކަށް އުންމީދެއް ނުކުރަން،" ކަންގަނާ ބުންޏެވެ.

ނަމަވެސް ފިލްމު ބެލި ހުރިހާ މީހުން ވެސް އަންނަނީ ކަންގަނާ ފިލްމުގައި ދައްކުވައިދީފައިވާ އެކްޓިންްގް އަށް ވަރަށް ބޮޑަށް ތައުރީފު ކުރަމުންނެވެ. އަދި ފިލްމުގައި ވެސް އެންމެ ތަފާތު ކަމަކަށް ފެނުނީ ކަންގަނާ ކަމަށް ގިނަ ބަޔަކު އިއްތިފާގުވެ އެވެ.

ރަންގޫންގައި ކަންގަނާ އާ އެކު ދެން ފެނިގެން ދާނީ ޝާހިދު ކަޕޫރު އަދި ސައިފް އަލީ ޚާން އެވެ.

comment ކޮމެންޓް