މަންޒަރު ބަދަލުކޮށްލި ދިވެހި "ހީވާގި ކަނބަލުން"

"ހީވާގި ކަނބަލުން" މައުރަޒުގެ ތެރެއިން -- ސަން ފޮޓޯ: މުހައްމަދު އަފްރާހު

ގިނަ ދުވަސްތަކެއް ވަންދެން ގޯތީގެ ހަތަރު ފާރުގެ ތެރޭގައި ފަރުދާވެ ފޮރުވިފައި ތިބި ދިވެހި ކަނބަލުންނަށް މިހާރު އެއްވެސް ހުރަހެއް ނެތެވެ. އަންހެނުންނަށް، ފުރުސަތުތައް ހަނިކުރެވިފައިވާ ކަމަށް އެއް ޒަމާނެއްގައި ބުނެވެމުން ދިޔަ ނަމަވެސް މިއަދު އެހެން ބުނެވޭކަށް ނެތެވެ.

އަންހެނުންނަކީ ގޭތެރޭ މަސައްކަތް ކުރާ ބައެއް ކަމަށް ދެކި އެކަނބަލުން އެކަހެރިކުރުމަކީ ޒަަމާނުއްސުރެ ދިވެހިންގެ މެދުގައި ވަކި ހިއްޕާލައިގެން އޮތް އާދަކާދަ އެކެވެ. އަންހެނުންގެ ހައްގުތައް ހިމާޔަތް ކުރުމަށް ރާއްޖޭގެ އެކި ސަރުކާރުތަކުން ކުރަމުން އައި މަސައްކަތުގައި މިއަދު ކުލަ ޖެހި ގައުމީ ތަރައްގީގެ މައި ނާރު ކަމުގައި މިއަދު އަންހެނުން މިވަނީ ވެފަ އެވެ. އިގްތިސާދީ ކޮންމެ ދާއިރާއަކަށް ބަލައިލާއިރު ވެސް ދިވެހި ކަނބަލުންގެ ހިއްސާ ނެތް އެންމެ ދާއިރާއެއް ވެސް ނެތެވެ.

"ހީވާގި ކަނބަލުން" މައުރަޒުގެ ތެރެއިން -- ސަން ފޮޓޯ: މުހައްމަދު އަފްރާހު

އަންހެނުންނަކީ ފިރިހެނުންނާ އެއް ހަމައެއްގެ ހައްޤުތައް ލިބިފައިވާ ބައެއްކަމާ މެދު ދުނިޔޭގެ ބައެއް ގައުމުތަކެއްގައި މިހާރު ވެސް ދަނީ ބަހުސް ކުރެވެމުންނެވެ. ނަމަވެސް އެވާހަކަތައް ކޮޅެއްގައި ނުޖެހެ އެވެ. ނަމަވެސް އެފަދަ ގައުމުތަކާ ޚިލާފަށް ރާއްޖޭގައި އަންހެނުން ބާރުވެރިކުރުވުމަށް ރައީސް ޔާމީންގެ ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަންހެނުންގެ ހިއްސާ ކޮންމެ ދާއިރާއެއްގައި ވެސް އެބަ އޮތެވެ. އެގޮތުން މަސްވެރިކަމުގެ ދާއިރާއިން ފެށިގެން ކުޅިވަރުގެ ދާއިރާއާއި ފަތުރުވެރިކަމުގެ ދާއިރާގެ އިތުރުން ސިޔާސީ ދާއިރާއިން ވެސް ކަނބަލުންގެ ދައުރު މިއަންނަނީ އިތުރުވަމުންނެވެ.

ދިވެހި ދައުލަތް ހިންގެވުމުގެ ޒިންމާއާ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ހަވާލުވެވަޑައިގަތުމަށް ފަހު އަންހެނުން ބާރުވެރިކުރުމަށް ސިޔާސަތުތަކެއް އެކުލަވާލެއްވި އެވެ. އެ ސިޔާސަތުގެ ދަށުން އަންހެން ކަނބަލުންނަށް ގޭގައި ތިބެގެން އާމްދަނީ ހޯދޭނެ ގޮތްތަކެއް އެމަނިކުފާނު ތައާރަފް ކުރެއްވި އެވެ.

"ހީވާގި ކަނބަލުން" މައުރަޒުގެ ތެރެއިން -- ސަން ފޮޓޯ: މުހައްމަދު އަފްރާހު

އެ ސިޔާސަތުގެ ދަށުން ފަހިކޮށްދޭ ފުރުސަތުތަކާއި މަސައްކަތްތައް ފުޅާކުރުމަށް ސަރުކާރުން މިހާރު ވެސް ދަނީ މަސައްކަތް ކުރަމުންނެވެ. މި މަސައްކަތްތަކުގެ ތެރެއިން، ރައީސް ޔާމީންގެ އަނބިކަބަލުން، މެޑަމް ފާތުމަތު އިބްރާހިމް ނެންގެވި ސްޓޭންޑު ވަރަށް ވެސް ފުރިހަމަ އެވެ. "ހީވާގި ކަނބަލުން"ގެ ނަމުގައި މިހާރު ދަރުބާރުގޭގައި ކުރިއަށް ދާ މައުރަޒުގެ މޭސްތިރިއަކީ އެކަމަނާ އެވެ.

"ހީވާގި ކަނބަލުން" މައުރަޒުގެ ތެރެއިން -- ސަން ފޮޓޯ: މުހައްމަދު އަފްރާހު

ރާއްޖޭގެ ކަންކޮޅުތަކުގައި އަންހެނުން އުފައްދާ އުފެއްދުންތައް މިހާރު މިއޮތީ އެއްތަން ކުރެވިފަ އެވެ. މުޅި ރާއްޖެއަށް ހުޅުވާލައްވައިގެން ބާއްވާ އެ މައުރަޒަކީ ކަނބަލުންގެ އެކި ބާވަތުގެ މަސައްކަތްތަކާއި އުފެއްދުންތައް ދައްކާލުމުގެ މަގްސަދުގައި އެކަމަނާ ރޭވި މައުރަޒެކެވެ.

އިއްޔެ ފެށި އެ މައުރަޒު މިމަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާއިރު މައުރަޒުގެ މިއަދަކީ ތިން ވަނަ ދުވަހެވެ. ދަރުބާރުގޭ ބިއްލޫރި މާލަމުން ވަދެގެން ގޮސް ރަންނަބަނޑޭރި މާލަމަށް ވަންނަ އިރު ދިވެހި ކަނބަލުންގެ ހީވާގި މަސައްކަތްތައް އެއްކޮޅުން އަނެއްކޮޅަށް ވަނީ ރާވާލާފަ އެވެ. ރާއްޖޭގައި ބާއްވާ އެހެން މައުރަޒުތަކުގައި ދައްކާލާ ތަކެއްޗަށް ވުރެ ދިވެހި ކަނބަލުންގެ މި މައުރަޒުގައި ދައްކާލާތަކެތި ފުރިހަމަވެފައި މާ ރީއްޗެވެ.

އެ މައުރަޒު އިންތިޒާމް ކުރާ ޓީމުގައި ހަރަކާތްތެރިވާ ހަސަން ޣައްސާން "ސަން" އަށް ވިދާޅުވީ މައުރަޒުގެ ތެރޭގައި ދައްކާލާ ތަކެތި ވިއްކުމުގެ ކަންކަން ވެސް ކުރިއަށް ގެންދާ ކަމަށެވެ. ތެދެކެވެ. މައުރަޒުގެ ތެރެއިން ބާސްކެޓު ބާސްކެޓަށް ތަކެތި އަޅައިގެން މީހުން ތިބީ ކޭޝް ކައުންޓަރުގައި ކިއު ހަދައިގެންނެވެ. ރަނގަޅު ޑިމާންޑެއް އެބަ އޮތެވެ.

"ހީވާގި ކަނބަލުން" މައުރަޒުގެ ތެރެއިން -- ސަން ފޮޓޯ: މުހައްމަދު އަފްރާހު

އެތަނުގައި ހުރި ތަކެތީގެ ތެރޭގައި ކުޑަކުދިންގެ ހެދުންތަކާއި ލުއިކާއައި ކޭކު، ކައިވެނި ހެދުން އަދި އަތްތެރި މަސައްކަތުގެ އިތުރުން ފޮޓޯ އާއި ކުރެހުންތައް ވެސް އެބަ ހުއްޓެވެ. ބައެއް ތަކެތި މިހާރު ވިކިއްޖެ އެވެ.

"މިއީ އަޅުގަނޑުމެން އަންހެނުންނަށް ވަރަށް ބޭނުންތެރި މައުރަޒެއް. އަޅުގަނޑުމެންނަށް މިއަދު ފުރުސަތުތަކެއް ހުރިކަން އެނގިގެން އެބަ ދޭ. ވަރަށް އުފާވޭ އަދުގެ ސަރުކާރުން މިފަދަ މައުރަޒެއް އިންތިޒާމުކޮށް ބާއްވާތީ. ޚާއްސަކޮށް ފަސްޓް ލޭޑީއަށް،" މައުރަޒަށް ޒިޔާރަތް ކުރި މީހަކު ކިޔައިދިނެވެ.

މައުރަޒުގައި ބައިވެރިވުން ހުޅުވާލީި 15 އަހަރުން މަތީގެ ކޮންމެ އަންހެނަކަށް ވެސް ބައިވެރިވެވޭ ގޮތަށް އެއްވެސް ފީއެއް ދައްކަން ނުޖެހޭ ގޮތަށެވެ.

"ހީވާގި ކަނބަލުން" މައުރަޒުގެ ތެރެއިން -- ސަން ފޮޓޯ: މުހައްމަދު އަފްރާހު

އަންހެނުން ބާރުވެރިކޮށް ހިތްވަރު ދިނުމުގެ ގޮތުން ގައުމީ އެވޯޑާއި އެހެނިހެންވެސް ހިތްވަރު ދިނުމުގެ އެވޯޑުތައް ކަންބަލުންނަށް ސަރުކާރުން ކޮންމެ އަހަރަކު ވެސް ދެ އެވެ. ނަމަވެސް މިއަދު ގައުމުގެ އަންހެނުން މިތިބީ މާ ކުރީގަ އެވެ. ގައުމީ ތަރައްގީގައި އަންހެނުންގެ ދައުރު ބޮޑުވެ މިހާރު މަންޒަރު މިދަނީ ބަދަލުވަމުންނެވެ. މަންޒަރު ބަދަލުކޮށްދިނީ މެޑަމް ފާތުންނެވެ. އެކަމަނާ އަށް ދިވެހި ހުރިހާ ކަނބަލުންގެ ޝުކުރު ހައްގެވެ.

comment ކޮމެންޓް