12 މީހުންނާއެކު މަސްވެރިކަމަށް ނުކުމެ އުޅުނު ދޯންޏެއް ގެއްލިގެން ހޯދަނީ

ކޯސްޓްގާޑުގެ އުޅަނދެއް: އެމްއެންޑީއެފުން ދަނީ ކަންނެލި ދޯންޏެއްގެ ހަބަރު ނުވެގެން އެ ދޯނި ހޯދުމުގެ މަސައްކަތް ކުރަމުން -- ފައިލް ފޮޓޯ: އެމްއެންޑީއެފް

ކަންނެލި މަސްވެރިކަމަށް ނުކުމެ އުޅުނު ދޯންޏެއްގެ ހަބަރެއް ނުވެގެން އެމްއެންޑީއެފުން އެ ދޯނި ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.

އެމްއެންޑީއެފުން ބުނީ ހަބަރެއް ނުވެގެން ހޯދަމުންދަނީ، 87 ފޫޓުގެ "ބްލޫ ފިޝް 1" ނަމަކަށް ކިޔާ ދޯންޏެއް ކަމަށެވެ. އެ ދޯނީގެ ބޭރުގައި ނޫކުލައިގެ ދަވާދު ލާފައިވާއިރު، ގެގަނޑުގައި ލާފައިވަނީ ހުދު ކުލައިގެ ދަވާދު ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

އެމްއެންޑީއެފުން ބުނީ ހަބަރެއް ނުވެގެން ހޯދަމުންދާ ދޯނީގައި 12 މީހުން ތިބި ކަމަށެވެ. އަދި އެ ދޯނީގެ ހަބަރެއް ނުވެގެން ރިޕޯޓު ކޮށްފައިވަނީ މިއަދު ހަވީރު 5:55 ގައި ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

އެ ދޯންޏަށް އެންމެ ފަހުން ގުޅިފައިވަނީ، މިދިޔަ ހޯމަ ދުވަހު ކަމަށް އެ ދޯނީގެ ވެރިފަރާތުން މައުލޫމާތު ދީފައިވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ. އަދި އެ ދޯންޏަށް އެންމެ ފަހުން ގުޅިފައިވަނީ، ކ. ދިއްފުށި ބޭރުގައި އޮއްވައި ކަމަށް އެ ފަރާތުން މައުލޫމާތު ދޭ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

comment ކޮމެންޓް