ނިމާލްގެ "ލޯބީގެ ހިޔަނި": ރާއްޖޭން ބޭރުގައި ޝޫޓްކުރާ ފުރަތަމަ ޑްރާމާ ސިލްސިލާ

"ލޯބީގެ ހިޔަނި"ގެ ބައެއް ތަރިން ---

ދިވެހި ޑްރާމާ ސިލްސިލާތައް މަދުވުމަކީ ދިވެހިންގެ ބޮޑު ޝަކުވާއެއް ނަމަވެސް، އެދުވަސް ފާއިތުވެދާނެ ކަމުގެ ކޮޅުމަތި މިއަދު ވަނީ ފެންނަން ފަށައިފަ އެވެ. ޑްރާމާ ސިލްސިލާތައް އުފެއްދުމުގެ ފޯރި އަނެއްކާ ވެސް މިވަނީ ގަދަވެފަ އެވެ. އެކަމުގެ ފަހަތުގައި ނަގާކިޔަން އުޅެނީ ކުރިން ޑްރާމާ ސިލްސިލާތަކުން ދިވެހިން މުނިފޫހިފިލުވައިދިން ތަޖުރިބާކާރުންނެވެ.

އެގޮތުން "ސިޓީ"، "ވާލޯބި އެނގޭ ނަމަ"، "ޒަލްޒަލާ" ފަދަ ފިލްމުތައް ދިވެހިންނަށް ގެނެސްދީފައިވާ މަޝްހޫރު އެކްޓަރު އަދި ޑައިރެކްޓަރު އަހުމަދު ނިމާލްގެ ޑްރާމާއެއް ބެލުންތެރިންނާ ހަމައަށް އަންނަން މިވަނީ މަސައްކަތް ފަށައިފަ އެވެ.

ސައްބީސް އެޕިސޯޑުގެ މައްޗަށް އުފައްދާ "ލޯބީގެ ހިޔަނި" އަކީ ހަތަރު އަހަރަށް ފަހު ނިމާލް ޑައިރެކްޓްކުރާ ފުރަތަމަ ޑްރާމާ އެވެ. އަދި މިއީ ނިމާލް މިހާތަނަށް ހަދާ އެންމެ ދިގު ޑްރާމާ ސިލްސިލާ އެވެ.

ލަންކާގައި ދިރިއުޅޭ ދިވެހި އާއިލާއެއްގެ ތެރޭގައި ހިނގާ ލޯބީގެ ކަންތައްގަނޑެއްގެ މައްޗަށް މަރިޔަމް މޫސާ ލިޔެފައިވާ ހިޔާލީ ވާހަކައެއްގެ މައްޗަށް އުފައްދާ އެ ފިލްމުގެ ޝޫޓިން މިހާރު ލަންކާގައި ފަށައިގެން ބާރަށް ކުރިއަށްދާ އިރު، ޑްރާމާގައި ބޮޑު ކުރޫއެއް ވެސް ހިމެނެ އެވެ.

"ލޯބީގެ ހިޔަނި"ގެ ޝޫޓިންގެ ތެރެއިން ---

ޑްރާމާގެ ލީޑް ރޯލުން އަހުމަދު އަޒްމީލް (އަޒޭ) އާއި ފިލްމީ ދާއިރާގައި ބާރަށް ފިޔަޖަހަމުންދާ ތަރި، މަލީހާ ވަހީދު (މަލް)ގެ އިތުރުން އިސްމާއިލް ޖުމައިހް (ޖުމާ) އަދި ސުޖީތާ އަބްދުﷲ ހިމެނެ އެވެ. އޭގެ އިތުރުން ފާތުމަތު ޝީރީން، އާރިފާ އިބްރާހިމް އަދި ހާމިދު ވަޖީން ފަދަ ތަރިން ވެސް ޑްރާމާގައި ފެނިގެންދާނެ އެވެ.

ލަންކާގައި ހުރެ ފޯނުން ދިން އިންޓަވިއުއެއްގައި ޑްރާމާގެ ޕްރޮޑަކްޝަން މެނޭޖަރު އަދި ކެމެރާމަން އަލީ ރަޝީދު (ގޮޅާ އައްޔަ) ބުނީ، ފިލްމެއް ނަގާ ފެންވަރުގައި އެޗްޑީކޮށް މަންޒަރުތައް ނަގާ "ލޯބީގެ ހިޔަނި" އަކީ އެތައް ގޮތަކުން ހާއްސަ ފިލްމެއް ކަމަށެވެ.

"ލަންކާގެ ގެއެއްގެ ތެރޭގައި ގިނަ މަންޒަރުތައް ނަގާފައި ހުންނާނީ. އޭގެ އިތުރުން ނޫރަލިޔާގައި ވެސް ބައެއް މަންޒަރުތައް ނަގާފައި ހުންނާނެ. މީގެ ލަންކާގެ ދެތިން މީހަކު ވެސް ފެނިގެންދާނެ. ހާއްސަކޮށް މިއީ މިހާތަނަށް ރާއްޖޭން ބޭރުގައި ޝޫޓްކުރާ ފުރަތަމަ ޑްރާމާ ސިލްސިލާ. އަދި މި ޑްރާމާއަކީ އެންމެ ހަރަދު ބޮޑުކޮށް ނަގާ ޑްރާމާ،" ލަންކާގައި ޝޫޓްކުރާ ޑްރާމާގެ އެޑިޓަރު އައްޔަ ބުންޏެވެ.

ފުވައްމުލަކުގައި 13 އެޕިސޯޑްގެ ޑްރާމާއެއް ޝޫޓްކޮށް ނިންމާލާފައިވާ ގޮޅާ އައްޔަ ބުނީ، "ލޯބީގެ ހިޔަނި"ގެ ޝޫޓިން އަންނަ މާޗް މަހުގެ ނިޔަލަށް ނިންމައި އެޑިޓްކުރުމުގެ މަސައްކަތް ފެށޭނެ ކަމަށެވެ. އަދި ޑްރާމާ ލޯންޗް ކުރާނީ އަލަށް އުފައްދާ ޗެނަލުން ކަމަށް އޭނާ ބުންޏެވެ.

"ލޯބީގެ ހިޔަނި"ގެ ޕްރޮޑަކްޝަން މެނޭޖަރު އަދި ކެމެރާމަން އަލީ ރަޝީދު (ގޮޅާ އައްޔަ)

ދިވެހި ގިނަ ލަވަތަކެއް އިތުރުން "ސިއްރު" އާއި "ހިތް ހަލާކު" ފަދަ ފިލްމުތައް ޑައިރެކްޓްކޮށްފައިވާ ހުސެއިން އާދިލް އިސްކޮށް ހުރެ އުފައްދާ އެ ޗެނަލުން ހަތަރު ޑްރާމާއެއް ދެއްކުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

އޭގެތެރޭގައި ޝޫޓް ކުރަން ފަށާފައިވާ ނިމާލްގެ "ލޯބީގެ ހަދިޔާ" އާއި މަރިޔަމް މޫސާގެ ވާހައަކަށް އެކްޓަރު އަހުމަދު ސައީދު ހަދަމުން އަންނަ 13 އެޕިސޯޑްގެ "މީހޭ މަށަށް ދިން މަގާމް"ގެ އިތުރުން ޝޫޓްކޮށް ނިމި އެޑިޓިންގެ މަސައްކަތް ކުރަމުންދާ ގޮޅާ އައްޔަ ޑައިރެކްޓްކުރާ "ޝަކުވާއަކާ ނުލާ" ހިމެނެ އެވެ.

އަދި އަލަށް ލޯންޗުކުރާ ޗެނަލުން ކޮމެޑީ ޑްރާމާއެއް ހެދުމުގެ މަސައްކަތް ވެސް ފަށަން ދަނީ ތައްޔާރުވަމުންނެވެ.

ގޮޅާ އައްޔަ މީގެ ކުރިން ބުނީ، އަންނަ މާޗް މަހުގެ ތެރޭގައި މުޅިން އަލަށް ލޯންޗު ކުރާ އެ ޗެނަލަކީ ޑްރީމް ނެޓްވޯކް ސޮލިއުޝަން ނެޓްވޯކުން ހިންގާ ޗެނަލެކެވެ. މީޑިއާ ނެޓުންނާއި ސެޓަލައިޓް މެދުވެރިކޮށް ފެންނާނެ އެ ޗެނަލުން ދައްކަން ހަމަޖެހިފައި ވަނީ ޑްރާމާތަކާއި ލަވަތައް ކަމަށް ވެސް ކުރިން ދިން އިންޓަވިއުއެއްގައި އައްޔަ ބުންޏެވެ.

comment ކޮމެންޓް