އައިފޯނު 7 ޕްލަސްއެއް ގޮވުމުގެ ސަބަބުން އެކަން އެޕަލް އިން ތަހުގީގު ކުރަން ފަށައިފި

އައިފޯނު 7 ގޮވާފައި: އެ މައްސަލަ އެޕަލް އިން ދަނީ ތަހުގީގު ކުރަމުން ---

އެޕަލް އިން އެންމެ ފަހުން ނެރެފައިވާ ދެ ފޯނުގެ ތެރެއިން އައިފޯން 7 ޕްލަސް އެއް ގޮވުމުގެ ސަބަބުން އެ މައްސަލަ އެޕަލް އިން ތަހުގީގު ކުރަން ފަށައިފި އެވެ.

އައިފޯން ގޮވުމުގެ މައްސަލަ ދިމާވެފައިވަނީ އެމެރިކާގެ، އެރިޒޯނާގެ ޒުވާން އަންހެން މީހެއް ކަމުގައިވާ ބްރިއާނާ އޮލިވާސްގެ ފޯނަށެވެ. އޭނާވަނީ، އެ ފޯނުން ދުން އަރަމުންދާ މަންޒަރު ވީޑިއޯކޮށް، ޓްވިޓާގައި ޕޯސްޓްކޮށްފައެވެ.

އެ އައިފޯނު ގޮވަން މެދުވެރިވީ ކީއްވެކަން މިހާތަނަށް އެނގިފައެއްނުވެ އެވެ. ބްރިއާނާ ޓްވިޓާގައި އެ ވީޑިއޯ ޕޯސްޓް ކުރަމުން ބުނެފައިވަނީ، އައިފޯނަށް އެގޮތަށް ދިމާވީ ބޭނުން ކުރަމުން ދިޔަ ވަގުތެއްގައި ނޫން ކަމަށެވެ. އަދި އެ ފޯނު ޗާޖު ކުރުމަށް ބޭނުން ކޮށްފައިވަނީ ފޯނާއެކު ލިބޭ ޗާޖަރުން ކަމަށާއި، މި ހަފްތާއާ ޖެހެންދެންވެސް އެއްވެސް މައްސަލައެއް ކުރިމަތިވެފައި ނުވާ ކަމަށެވެ.

އެހެން ނަމަވެސް މި ހަފްތާގައި ފޯނު އޮން ނުކުރެވިގެން އެޕަލްގެ ސްޓޯރަކަށް ގެންދިއުމުން އޮން ކުރެވުނު ކަމަށާއި، މައްސަލައެއް އުޅޭތޯ ޓެސްޓު ކުރުމުން އެއްވެސް މައްސަލައެއް ފާހަގަ ކުރެވިފައި ނުވާ ކަމަށެވެ.

އޭނާ ބުނީ އެ ފޯނު ގޮވާފައިވަނީ އެޕަލް ސްޓޯރަށް ގެންދިޔަ ދުވަސް ނޫން އަނެއް ދުވަހުގެ ހެނދުނު ކަމަށެވެ.

އެ ފޯނު ގޮވުމުގެ ސަބަބުން ގޮވި ފޯނުގެ ބަދަލުގައި އޭނާއަށް ވަނީ އެހެން ފޯނެއް ދީފައެވެ.

އެޕަލްގެ ސްޕޯކްސް ޕާސަން އެ މައްސަލައާ ގުޅިގެން ބުނެފައިވަނީ، އެ މައްސަލަ ދިމާވި ކަސްޓަމަރާ ގުޅިގެން އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

އައިފޯނެއް ގޮވުމުގެ މައްސަލަ ކުރިމަތިވީ އިރު، ސެމްސަން އިން މިދިޔަ އަހަރު ނެރުނު ނޯޓު 7 ގެ ބެޓެރީ ގޮވައިގެން އެ ކުންފުންޏަށް ވެސް ވަނީ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައެވެ.

comment ކޮމެންޓް