80،000 ރުފިޔާ ހޯދުމަށް 108 ޓީމު ވާދަކުރާ މުބާރާތް ހުޅުމާލޭގައި ފަށައިފި

"އެޗްޑީސީ ޔޫތު ފުޓްސަލް ކަޕް 2017" ހުޅުވުމުގެ ރަސްމިއްޔާތުގައި މުބާރާތް ކުޅޭ ބޯޅައިގައި މިނިސްޓަރު ސައީދު ސޮއިކުރައްވަނީ: އެ މުބާރާތަކީ މިހާތަނަށް ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު މުބާރާތް --- ފޮޓޯ/ އެޗްޑީސީ

ޖުމްލަ 108 ޓީމާއެކު "އެޗްޑީސީ ޔޫތު ފުޓްސަލް ކަޕް 2017" މިއަދު ހުޅުމާލޭގައި ފަށައިފިއެވެ.

މިއީ ރާއްޖޭގައި ބައްވާ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތެވެ.

މިއަދު ހަވީރު ހުޅުމާލޭ ފުޓްސަލް ދަނޑުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި މުބާރާތް ފައްޓަވައިދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.

ޗެމްޕިއަން ޓީމަށް 80000 ހާސް ރުފިޔާގެ އިނާމެއް ދިނުމަށް ހަަމަޖެހިފައިވާ މި މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން ވިދާޅުވީ، ހުޅުމާލެ ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން މިފަދަ މުބާރާތެއް ބޭއްވީ ޒުވާނުންގެ މެދުގައި ފުޓްސަލް އަކީ ތަރުހީބު ބޮޑު ކުޅިވަރަކަށް ވާތީ އެކުޅިވަރުގެ ތެރެއިން ކުރިއަށްދިއުމުގެ ފުރުސަތު ހޯދައިދުނުމަށް ކަމަށެވެ.

ކުރިއަށްއޮތް ދުވަސްތަކުގެ ތެރޭގައި ހުޅުމާލެއަށް އިތުރު ފުޓްސަލް ދަނޑުތަކެއް އަންނާނެކަމުގެ އުފާވެރި ހަބަރު ދެއްވަމުން ސައިމަން ވިދާޅުވީ، ކުޅިވަރުގެ ދާއިރާއިން ޒުވާނުން ބެނުންވާ ހުރިހާ ފުރުސަތުތަކާއި ވަސީލަތްތައް ހުޅުމާލޭގައި ގާއިމުވެގެން ދާނެ ކަމަށެވެ.

އެ މުބާރާތުގެ އެންމެ ފުރަތަމަ މެޗުގައި ވާދަކޮށްފައިވަނީ އެފްސީ ނާވައިދުއާއި އެފްސީ ވައި ކިކްސްއެވެ. ފަހަތުންއަރައި އެ މެޗު 2-3 ލަނޑުން ކާމިޔަބުކުރީ އެފްސީ ވައި ކިކްސްއެވެ.

ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ބުނީ، އެ މުބާރާތުގެ ފުރަތަމަ ބުރު ކުރިއަށްދާނީ ނޮކްއައުޓް އުސޫލުން ކަމަށާއި އެ ބުރު ނިމުމުން ދެން އޮންނާނީ ގުރޫޕް ސްޓޭޖް ކަމަށެވެ.

"އެޗްޑީސީ ޔޫތު ފުޓްސަލް ކަޕް 2017"ގެ ޗެމްޕިއަން ޓީމަށް 80000 ހާސް ރުފިޔާ ދިނުމަށް ނިންމާފައިވާއިރު ރަނަރަޕް ޓީމަށް 40،000 ރުފިޔާ ދިނުމަށްވަނީ ހަމަޖެހިފައެވެ. އަދި ފެއާޕްލޭ ޓީމަށް 20،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

comment ކޮމެންޓް