އިންސްޓަގްރާމަށް މިހާރު އެއްފަހަރާ ގިނަ ފޮޓޯ ލެވޭނެ

އިންސްޓަގްރާމުން އެއްފަހަރާ ގިނަ ފޮޓޯ އަދި ވީޑިއޯ މިހާރު ޝެއާ ކުރެވޭނެ ---

ފޮޓޯ ޝެއާ ކުރުމަށް އެންމެ ގިނަ ބަޔަކު ބޭނުން ކުރާ ސޯޝަލް ނެޓްވޯކް، އިންޓަގްރާމްގެ ފަހުގެ އަޕްޑޭޓާ އެކު އެއްފަހަރާ ގިނަ ފޮޓޯ އަދި ވީޑިއޯ ޝެއާ ކުރެވޭ ފީޗާއެއް ތައާރަފްކޮށްފި އެވެ.

އިންސްޓަގްރާމަށް މިފަހަކާ ޖެހެންދެންވެސް ފަހަރަކު އަޕްލޯޑް ކުރެވެނީ އެއް ފޮޓޯ އެވެ. ނަމަވެސް އެންމެ ފަހުގެ އިންސްޓަގްރާމް އަޕްޑޭޓާ އެކު، މިހާރު އެއް ފަހަރާ ގިނަ ފޮޓޯތަކެއް، ފޮޓޯ އަލްބަމެއްގެ ސިފައިގައި ލެވޭނެ އެވެ.

އެގޮތުން އިންސްޓަގްރާމް އެޕް ހުޅުވުމަށްފަހު، ފޮޓޯ އަޕްލޯޑް އަށް ދިއުމުން މިހާރު، "ސެލެކްޓް މަލްޓިޕްލް" ޖަހާފައި އިންނަ ބަޓަނެއް ފެންނާނެ އެވެ. އެއަށް ކްލިކް ކުރުމުން ފޯނުގެ ލައިބްރަރީން ބޭނުންވާ ފޮޓޯ ނުވަތަ ވީޑިއޯ ސެލެކްޓް ކުރެވޭނެ އެވެ. އެގޮތުން ގިނަ ވެގެން ސެލެކްޓު ކުރެވޭނީ 10 ފޮޓޯ ނުވަތަ ވީޑިއޯ އެވެ.

އިންސްޓަގްރާމަށް ގިނަ ފޮޓޯ އެއްފަހަރާ ލާނެ ގޮތް --- ފޮޓޯ/ އިންސްޓަގްރާމް

ސެލެކްޓް ކުރާ ހުރިހާ ފޮޓޯ ނުވަތަ ވީޑިއޯތަކަށް އެއް ފިލްޓާއެއްލުން ނުވަތަ ކޮންމެ ފޮޓޯއެއް އަދި ވީޑިއޯއަކަށް ވަކި ފިލްޓާއެއް ލުމުގެ އިހްތިޔާރުވެސް ލިބޭނެ އެވެ.

ފިލްޓާ ލުމަށްފަހު ބޭނުންވާ ފޮޓޯ ނުވަތަ ވީޑިއޯ ކެޕްޝަނެއް ލިޔުމަށްފަހު ޕޯސްޓް ކޮށްލާށެވެ.

އޭރުން އިންސްޓަގްރާމް ފީޑުން ފޮޓޯ ފެންނަ އިރު، ސްލައިޑް ކުރެވޭނެ އޮޕްޝަނެއް އިންނާނެ އެވެ. އެ ހުރިހާ ފޮޓޯއެއް އެއް ތަނަކުން ފެނިގެންދާނެ އެވެ.

މަލްޓިޕްލް ފޮޓޯ އިންޓަގްރާމަށް ލުމުން ފެންނާނެ ގޮތް ---

ނަމަވެސް ގިނަ ފޮޓޯއާއި ވީޑިއޯ އަޕްލޯޑު ކުރެވުނު ކަމުގައިވިޔަސް، ފޮޓޯއަށް ލިބޭ ހުރިހާ ލައިކްސް އަދި ކޮމެންޓުތައް ލިބޭނީ ހުރިހާ ފޮޓޯއަކަށެވެ. ވަކި ވަކި ފޮޓޯއަށް ވަކިން ކޮމެންޓް އަދި ލައިކް އެއް ނުދެވޭނެ އެވެ.

މަލްޓިޕްލް ފޮޓޯ ޝެއާ ކުރުމުގެ އޮޕްޝަން އިންސްޓަގްރާމަށް ގެނެސްފައިވާއިރު، އިންސްޓަގްރާމުން މިދިޔަ އަހަރުގެ އޯގަސްޓްމަހު ވަނީ "ސްޓޯރީސް"ގެ ނަމުގައި ފީޗާއެއް ތައާރަފްކޮށްފައެވެ. އަދި މިދިޔަ އަހަރުގެ ފަހުކޮޅުވަނީ، ލައިވް ބްރޯޑްކާސްޓް ފީޗާ ތައާރަފްކޮށް، މިއަހަރުގެ ތެރޭގައި ވަނީ މުޅި ދުނިޔެއަށް އެ ފީޗާ ރޯލް އައުޓް ކުރަން ފަށައިފައެވެ.

comment ކޮމެންޓް