މި ސަރުކާރުގައި ކަނބަލުން ހައްގުތަކުން މަހުރޫމެއް ނުކުރާނަން: ރައީސް ޔާމީން

ހީވާގި ކަނބަލުންގެ މައުރަޒުގައި ބައިވެރިވެ ވަނަވަނަ އަށް ދިޔަ ފަރާތްތަކަށް އިނާމު ދިނުމަށް މިރޭ ދަރުބާރުގޭ ފުރަގަހުގައި ބޭވި ރަސްމިއްޔާތުގައި ރައީސް ޔާމީން އަދި މެޑަމް ފާތިމަތު އިބްރާހިމް --- ސަންފޮޓޯ// ފަޔާޒު މޫސާ

މި ސަރުކާރުން ކަނބަަލުން ހައްގުތަކުން މަހުރޫމު ނުކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެ އެވެ.

ހީވާގި ކަނބަލުންގެ މައުރަޒުގައި ބައިވެރިވެ ވަނަވަނައަށް ދިޔަ ފަރާތްތަކަށް އިނާމު ދިނުމަށް މިރޭ ދަރުބާރުގޭ ފުރަގަހުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ސަރުކާރަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ތައުލީމީ ހަޔާތް ނިންމާއިރު ކޮންމެ އަންހެން ކުއްޖަކަށްވެސް ވަޒީފާއެއް ކަށަވަރުވާކަން ކަމަށެވެ.

އަޅުގަނޑު ބޭނުންވަނީ ތިހުރިހާ ބޭފުޅުންނަށް ހިތްވަރުދޭން. އަޅުގަނޑުމެންގެ ސަރުކާރުގައި އެއްގޮތަކަށްވެސް ކަނބަލުންނެއް ހަވާސާ ވެގެނެއް ނުދާނެ. ހައްގުތަކުން މަހުރޫމު ވެގެނެއް ނުދާނެ. ރައީސް ޔާމީން

ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކީ ކަނބަލުން ކަމަށް ފާހަގަކުރައްވައި ރައީސް ޔާމީން ވިދާޅުވީ ސަރުކާރުން، ކަނބަލުންނަށް ހާއްސަ އެތައްކަމެއް ކުރާ ކަމަށެވެ.

" އަޅުގަނޑު ބޭނުންވަނީ ތިހުރިހާ ބޭފުޅުންނަށް ހިތްވަރުދޭން. އަޅުގަނޑުމެންގެ ސަރުކާރުގައި އެއްގޮތަކަށްވެސް ކަނބަލުންނެއް ހަވާސާ ވެގެނެއް ނުދާނެ. ހައްގުތަކުން މަހުރޫމު ވެގެނެއް ނުދާނެ." ރައީސް ޔާމީން ވިދާޅުވި އެވެ.

ހީވާގި ކަނބަލުންގެ މައުރަޒުގައި ބައިވެރިވެ ވަނަވަނަ އަށް ދިޔަ ފަރާތްތަކަށް އިނާމު ދިނުމަށް މިރޭ ދަރުބާރުގޭ ފުރަގަހުގައި ބޭވި ރަސްމިއްޔާތުގެ ތެރެއިން --- ސަންފޮޓޯ// ފަޔާޒު މޫސާ

އަންހެނުންގެ ގާބިލުކަމާއި ސާބިތުކަން ފެނިގެންދަނީ މަސައްކަތްތެރިންގެ މައުރަޒުން ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އެހެންކަމުން މައުރަޒު އިންތިޒާމު ކުރުމުގައި ގިނަ ވަގުތުތަކެއް ހޭދަކުރެއްވި އެމަނިކުފާނުގެ އަނބިކަނބަލުން، މެޑަމް ފާތިމަތު އިބްރާހިމަށް ތައުރީފު ހައްގު ކަމަށްވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

އަންހެނުން ބާރުވެރި ކުރުވައި އަންހެނުންގެ ހައްގުތަކަށް މަސައްކަތް ކުރުމަކީ މެޑަމް ފާތުންގެ "ޕެޝަން" އެއް ކަމަށްވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

" އެކަން އަޅުގަނޑުމެންނަށް ފެނިގެން އެބަދޭ. އެއްގޮތަކަށްވެސް ގޭގަ އިންނަވާކަށް ބޭނުންފުޅެއް ނުވޭ. އަދި މިކަހަލަ މައުރަޒެއްގެ ކިހާ ވަގުތަކާއި ކިހާ މަސައްކަތެއް ދަނީ. ކޮންމެވެސް ވަރަކަށް އަޅުގަނޑަށް އިހުސާސްވެސް ކުރެވޭ. ކޮންމެ ރެޔަކު މަސައްކަތް ނިންމަވާފަ ގެޔަށް ވަޑައިގަންނަވާ ވަގުތު،" ރައީސް ޔާމީން ވިދާޅުވި އެވެ.

ހީވާގި ކަނބަލުންގެ މައުރަޒުގައި ބައިވެރިވެ ވަނަވަނަ އަށް ދިޔަ ފަރާތްތަކަށް އިނާމު ދިނުމަށް މިރޭ ދަރުބާރުގޭ ފުރަގަހުގައި ބޭވި ރަސްމިއްޔާތުގެ ތެރެއިން --- ސަންފޮޓޯ// ފަޔާޒު މޫސާ

ދިވެހި ކަނބަލުންނަށް ރައީސް ޔާމިން ވަނީ ތައުރީފު ކުރައްވައިފައެވެ. ރާއްޖޭގެ ތައުލީމީ ދާއިރާ އަދި ސިޔާސީ ދާއިރާގައި ހިދުމަތް ކުރައްވަނީ ގިނައިން އަންހެނުންކަން ފާހަގަ ކުރައްވައި ރައީސް ޔާމީން ވިދާޅުވީ އެއީ ފަހުރުވެރިވާ ކަމެއް ކަމަށެވެ.

ދިވެހި އަންހެނުންނަށް ވަޒީފާގެ ފުރުސަތުތައް މިއަދުގެ ސަރުކާރުން ފަހިކޮށްދޭނެ ކަމަށް ވައުދުވަމުން ރައީސް ޔާމީން ވިދާޅުވީ ކުންފުނިތަކުގެ ބޯޑު މެމްބަރުންގެ ގޮތުގައި 40 ޕަސެންޓް އަންހެނުން ބޭތިއްބުމަކީ އަމާޒު ކަމަށެވެ.

އަދި މިހާރުވެސް ސަރުކާރު ކުންފުނިތަކުގެ ބޯޑުތަކުގައި 20 ޕަސެންޓް މެމްބަރުންނަކީ އަންހެނުން ކަަމަށްވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

މިރޭގެ ހަފްލާގައި މައުރަޒުގެ ބައިވެރިންގެ ތެރެއިން ވަނަ ވަނައަށް ދިޔަ ފަރާތްތަކަށް ވަނީ އިނާމު ހަވާލުކޮށްފައެވެ.

comment ކޮމެންޓް