ފަސްޓް ލޭޑީ މުޅި ގައުމު ފަހުރުވެރި ކުރުވައިފި: ސައީދު

23 ފެބްރުއަރީ: "ހީވާގި ކަނބަލުން އެކްސްޕޯ 2017" ގެ ތެރެއިން--- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދިވެހިރާއްޖޭގެ ފަސްޓްލޭޑީ އަދި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް މުޅި ދިވެހި ގައުމު ފަހުރުވެރި ކުރުވައިފިކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

" ހީވާގި ކަނބަލުންގެ އެކްސްޕޯ 2017" ނަމުގައި ދަރުބާރުގޭ ސަރަހައްދުގައި ބޭއްވި މައުރަޒުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، މެޑަމް ފާތުމަތު އިބްރާހީމް ކުރައްވާ މަސައްކަތްޕުޅަށް ގައުމުގެ ހުރިހާ ރައްޔިތުންވެސް އުފާކުރާނެ ކަމަށެވެ.

"އެކަމަނާގެ މަސައްކަތްފުޅަށް، މިގައުމުގެ ހާއްސަކޮށް އަންހެން ބޭކަނބަލުން އަދި އާންމުކޮށް ކޮންމެ ދިވެހި ރައްޔިތަކު އުފާކުރާނެއޭ. ކަމަނާ ދިވެހި ތާރީހުން ޖާގަ ހޯދަައިފިއޭ،" ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ، ހަމައެކަނި ފަތުރުވެރިކަމާއި މަސްވެރިކަމަށް ބަލައިލިކަމުގައި ވިޔަސް ކަންބަލުންގެ ބައިވެރިވުން ވަރަށް ބޮޑަށް ފާހަގަކޮށްލެވޭ ކަމަށެވެ. އިގްތިޞާދީ ގޮތުން އަންހެން ކަނބަލުން ބާރުވެރިކުރުމަށް ކުރެވޭނެ ހުރިހާ މަސައްކަތެއް ދިވެހި ސަރުކާރުން ކުރާނެ ކަމަށާއި މެޑަމް ފާތުން ފެއްޓެވި ހަރަކާތުގެ ސަބަބުން ސަރުކާރުގެ ތަރައްގީގެ ތެރެއަށް ކަނބަލުންގެ ތަރައްގީވެސް ގެނެވޭނެ ކަމަށް ސައީދު ވިދާޅުވިއެވެ.

23 ފެބްރުއަރީ: "ހީވާގި ކަނބަލުން އެކްސްޕޯ 2017" ގެ ތެރެއިން--- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި މައުރަޒުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ޖެންޑާ އެންޑް ފެމެލީ، ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވީ، މެޑަމް ފާތުން އިސްނަންގަވައިގެން ކުރިޔަށް ގެންދަވާ މި މައުރަޒަކީ ދިވެހި އަންހެނުންގެ މަސައްކަތްތެރިކަން ކުރިއަރުވަން ގައުމީ ފެންވަރުގައި ކުރެވޭ މަސައްކަތްތަކެއް ކަމަށާއި ދިވެހި ކަނބަލުންގެ ހުނަރުވެރި އުފެއްދުންތަކެއް އެއްތަނަކުން ދައްކާލައި މާކެޓް ކުރުމަށް މުހިއްމު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް އުންމީދުކުރާކަމަށެވެ.

އޭގެ އިތުރުން މި ހަރަކާތުގެ ސަބަބުން އިގްތިޞާދީ މައިދާނުގައި އަންހެނުން ކުރިއެރުވުމަށް ހިތްވަރު ލިބިގެންދާނެ ކަމަށާއި އެ މައިދާނުގައި އަންހެނުންނަށް ދިމާވާ ގޮންޖެހުންތައް ނައްތާލުމަށްޓަކައި ސަރުކާރުން ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރާ ކަމަށް ޒެނީޝާ ވިދާޅުވިއެވެ.

comment ކޮމެންޓް