ރެޑިންއާ ނިއު ގުޅިގެން މަސައްކަތް ކުރަން ނިންމުން- ދިވެހި ފުޓްބޯޅައަށް ތާރީޚީ ދުވަހެއް!

ނިއުރޭޑިއަންޓްގެ ޗެއާމަން ކާނަލް މުހައްމަދު ޒިޔާދު (ކ)-ރެޑިންގެ އެގްޒެކްޓިވް ޑިރެކްޓަރު ސުމްރިތު ތަނަކާޖަނަސްތު (ވ)، ދެޓީމު ގުޅިގެން މަސައްކަތް ކުރަން އެއްބަސްބުމުގައި ސޮއި ކުރުމަށްފަހު ފޮޓޯ އަކަށް ހުއްޓިގެން --ސަން ފޮޓޯ/ ފަޔާޒް މޫސާ

ރާއްޖޭގެ އެންމެ ކާމިޔާބު ފުޓްބޯޅަ ކުލަބް، ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބަށް އެހީތެރިވެދީ ކުޅުންތެރީން އުފެއްދުމުގައި އެއްބާރުލުން ދިނުމަށް އިނގިރޭސި ވިލާތުގެ މަޝްހޫރު ފުޓްބޯލް ކްލަބު ރެޑިން އިން ސޮއިކޮށްފިއެވެ.

ނިއުރޭޑިއަންޓަށް ރެޑިން އިން އެހީތެރިކަން ފޯރުކޮށްދޭން ނިންމި ނިންމުމަކީ ދިވެހި ތާރީހުގައިވެސް މި ފެންވަރުގެ ކްލަބަކުން ދިވެހި ކުލަބަކާ ގުޅިގެން މަސައްކަތް ކުރުމަށް ނިންމި ފުރަތަމަ ފަހަރެވެ.

ތާރީހީ މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު އޮތީ ހޮޓެލް ޖެންގައެވެ. ނިއުރޭޑިއަންޓުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެޓީމުގެ ޗެއާމަން ކާނަލް މުހައްމަދު ޒިޔާދެވެ. ރެޑިންގެ ފަރާތުން ސޮއިކުރެއްވީ އެކުލަބުގެ އެއް ހިއްސާދާރު އަދި އެގްޒެކްޓިވް ޑިރެކްޓަރު ސުމްރިތު ތަނަކާޖަނަސްތު އެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ނިއުގެ ޗެއާމަން ކާނަލް ޒިޔާދް ވިދާޅުވީ، މި އެއްބަސްވުމުގައި ސޮއިކުރެވުމުން ދެ ކްލަބުގެ ދެމެދުގައި ވަރުގަދަ ގުޅުމެއް ޤާއިމުވެގެން ދާނެކަމަށާއި އެމަނިކުފާނު ނިއުގެ ޗެއާމަންކަމާ ހަވާލުވީއްސުރެ ސުމްރިތްގެ ފަރާތުން ޓީމު ބައްޓަންކުރާނެ ގޮތުގެ އިރުޝާދާއި، ޓީމެއް ޓީމެއްގެ ގޮތުގައި ޕްރޮފެޝަނަލްކަންމަތީ ހިންގަނީ ކިހިނެތްތޯ ބުނެދެމުންދާކަމަށެވެ.

"ސުމްރިތު، އަޅުގަނޑަށް ވަރަށް އެހީތެރިވެދޭ ކުލަބު ހަރުދަނާ ކުލަބެއްގެ ގޮތުގައި ބައްޓަންކުރުމުގައި، މި ވެވުނު އެއްބަސް ވުމުގެ ދަށުން ދެ ކުލަބު ދޭތެރޭ އޮތް ގުޅުން އިހުނަށް ވުރެ ވަރުގަދަ ވެގެންދާނެ،" ކާނަލް ޒިޔާދު ވިދާޅުވިއެވެ.

ނިއުއާއި ރެޑިން މާލޭގައި ކުޅުމަށް ހަަމަޖެހިފައިވާ މެޗާބެހޭގޮތުން ސުމްރިތު ވިދާޅުވީ އެ މެޗު އޮންނާނެ ސީދާ ތާރީހެއް ދަންނަވަން ދަތިކަމަށާއި ނަމަވެސް އޮގަސްޓް ނޫނީ ޖުލައި ހިސާބުގައި އެ މެޗު ކުޅެވޭތޯ މަސައްކަތް ކުރާނެކަމަށެވެ.

"އަހަރަމެން ވާދަ ކުރަމުން މިދަނީ އިނގިރޭސި ޗެމްޕިއަންޝިޕްގައި، މިވަގުތު ޓީމުގެ ހުރިހާ ވިސްނުމެއް އޮތީ އެ މުބަރާތް ކާމިޔަބުކޮށް ޕްރިމިއަރ ލީގަށް ކޮލިފައިވުން، އެއަށް ފަހު، ތަރީހެއް ކަނޑައެޅިގެންދާނެ،" ސުމްރިތު ވިދާޅުވިއެވެ.

ކާނަލް ޒިޔާދު ވިދާޅުވީ، ރެޑިންގެ ޓްރެއިނިން އެކަޑަމީ އަކީ އެއްވަނަ ގިންތީގައި ގިންތި ކުރެވޭ އެކަޑަމީ އެއްކަމަށާއި އެ އެކަޑަމީން ނިއުގެ ކުޅުންތެރީންނަށް ފުރުޞަތު ހޯދައިދިނުމަށް މަސައްކަތް ކުރާނެކަމަށެވެ.

"އަޅުގަނޑު ބަލާނަން ޒުވާން ކުޅުންތެރީންނަށް ރެޑިންގެ އެކަޑަމީން ފުރުޞަތު ހޯދައިދެވޭތޯ، މިވީ އެއްބަސް ވުމުގެ ދަށުން ގިނަ އެކްސްޗޭންޖް ޕްރޮގްރާމްތަކެއް ހިންގޭތޯ މަސައްކަތް ކުރާނަން،" ކާނަލް ޒިޔާދު ވިދާޅުވިއެވެ.

މިފަދަ ފުރުޞަތަކީ ކޮންމެ ކޮންމެ ކްލަބަކަށް ނުލިބޭނެ ފުރުޞަތެއްކަމަށާއި މިފަދަ ފުރުޞަތެއްގެ ބޭނުން ރަނގަޅު ގޮތުގައި ހިފުމަށް ނިއުގެ މުޅި މެނޭޖްމަންޓާއި ކުޅުންތެރީން މަސައްކަތް ކުރާނޭ ކަމަށް ކާނަލް ޒިޔާދު ވިދާޅުވިއެވެ.

ރެޑިންއާއި ނިއު ގުޅިގެން މަސައްކަތް ކުރަން އެއްބަސްވިއިރު ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ދެޓީމު ގުޅިގެން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވެއެވެ. އަދި މިއަހަރު ނިއުރޭޑިއަންޓުން ސީޒަނުަގައި ބޭނުންކުރާނެ ޖާޒީވެސް ފަރުމާކޮށް ކުޅުން ތެރީންނާ ހަމައަށް ފޯރުކޮށްދިނުމަށް ނިންމާފައިވަނީ ސުމްރިތުގެ ޖާޒީ އުފައްދާ ކުންފުނިންނެވެ. ޒިޔާދް ވިދާޅުވީ ސީޒަން ފަށާނީ ސުމްރިތުގެ ކުންފުނީގައި ހަދާ އައު ޖާޒީއާ އެކު ކަމަށެވެ.

comment ކޮމެންޓް