ފުލުހުންނަށް ބޮޑުކުރި މުސާރަ ނުދޭ މައްސަލަ މާލިއްޔަތު ކޮމެޓީއަށް

ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު: އޭނާ ވަނީ ފުލުހުންނަށް ބޮޑުކުރި މުސާރަ ލިބެމުންނުދާތީ މާލިއްޔަތު ކޮމެޓީން އެކަން ބަލައިދިނުމަށް އެދިފަ ---

މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ދިވެހި ފުލުހުންގެ މުސާރައާ އެކު ބޮޑުކުރި އެލަވެންސް ނުދޭ ކަމަށް ބުނެ އެކަން ބަލައިދިނުމަށް ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް މައްސަލަ ހުށަހަޅައިފި އެވެ.

ފުލުހުންނަށް މި އަހަރު ފާސްކުރި ބަޖެޓުގައި މުސާރަ އިތުރުކުރަން ފައިސާ ހިމަނާފައިވިޔަސް، އެފައިސާ ދޫކުރެވޭނީ ބަލަންޖެހޭ ބެލުންތައް ބެލުމަށްފަހުގައި ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވެފައިވެ އެވެ.

ކުރީގެ ޕޮލިސް ކޮމިޝަނަރުކަން ވެސް ކުރެއްވި ރިޔާޒު މާލިއްޔަތު ކޮމެޓީގެ މުގައްރިރަށް މިއަދު ފޮނުވި ސިޓީގައި ވިދާޅުވެފައި ވަނީ ފުލުހުންނަށް ބޮޑުކުރި އެލަަވަންސް އަދިވެސް ލިބެމުން ނުދާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެކަމުގައި ސަރުކާރުން ނިންމި ނިންމުމެއް ފުލުހުންނަށް އަންގާފައި ނުވާ ކަމަށްވެސް ރިޔާޒުގެ ސިޓީގައި ވިދާޅުވެފައިވެ އެވެ.

"މިކަމާމެދު ނިންމާފައިވާ ގޮތެއް ފުލުހުންނަށް ނޭނގި މާޔޫސްކަމެއްގައި ތިބިކަމަށް މައުލޫމާތު ލިބިފައިވޭ،" އަބްދުﷲ ރިޔާޒު ވިދާޅުވި އެވެ.

އެހެންކަމުން އެކަން ހިނގައިދިޔަ ގޮތް ބަލައި ފުލުހުންނަށް ބޮޑުކުރި އެލަވަންސް އެފަރާތްތަކަށް ހޯދައިދިނުމަށް ކޮމެޓީ އާއި މަޖިލީހުން ކޮށްދެވެން އޮތް ކަމެއްވާނަމަ އެކަން ކޮށްދިނުމަށް ރިޔާޒު ވަނީ އެދިވަޑައިގެންފަ އެވެ.

ހާދިސާތަކާ ގުޅިގެން މަގުމައްޗަށް ނުކުންނަ ފުލުހުންނަށް އިސްކަންދީގެން ފުލުހުންގެ ބައެއް އެލަވެންސްތައް ބޮޑުކުރަން ނިންމައި އެކަން މަޑުޖައްސާލާފައިވާއިރު މިއީ 2009 ވަނަ އަހަރުގެ ފަހުން ފުލުހުންގެ މުސާރަ ރިވިއުކުރި ފުރަތަމަ ފަހަރެވެ.

ފުލުހުންގެ މުސާރަ ބޮޑު ނުކުރި މައްސަލަ މާލިއްޔަތު ކޮމެޓީއަށް ހުށަހަޅާފައިވާއިރު، އެ ކޮމެޓީއަކީ ސަރުކާރުގެ ސާފު އަގުލަބިއްޔަތު އޮންނަ ކޮމެޓީއެކެވެ. ތޭރަ މެމްބަރުންގެ މައްޗަށް އެކުލެވޭ އެ ކޮމެޓީގައި ސަރުކާރުގެ އަށް މެމްބަރުން ތިއްބަވަ އެވެ. އަދި އެމްޑީޕީގެ ހަތަރު މެމްބަރުންނާއެކު ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ މެމްބަރަކު ވެސް އެ ކޮމެޓީގައި އިންނަވަ އެވެ.

comment ކޮމެންޓް