ޝަފްރާޒް ބަލިކޮށް، ފަޔާޒް ޗެމްޕިއަންކަން ހޯދައިފި

ގައުމީ 9 ބޯލް ބިލިއާޑް މުބާރާތުގެ ޗެމްޕިއަންކަން ހޯދި ހުސައިން ފަޔާޒް: އޭނާ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި 7-9 ފްރޭމްއިން ޝަފްރާޒް ބަލިކުރުމަށްފަހު --- ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް

ގައުމީ 9 ބޯލް ބިލިއާޑް މުބާރާތުގެ ފައިނަލުގައި ހަސަން ޝަފްރާޒް ބަލިކޮށް، ރާއްޖޭގެ ދެވަނަ ބިލިއާޑް ކުޅުންތެރިޔާ ހުސައިން ފަޔާޒް އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

އެމްޕީބީއޭ ކްލަބު ހައުސްގައި ކުރިއަށްދިޔަ އެ މުބާރާތުގެ ފައިނަލުގައި ފަޔާޒް އަދި ޝަފްރާޒްގެ ފަރާތުން ވެސް ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔައެވެ.

މިރޭ ކުޅުނު ފައިނަލް މެޗު ކުރިއަށްދިޔައީ ރޭސްޓު 9 އަށެވެ. އެ މެޗުގައި ޝަފްރާޒްގެ މައްޗަށް ފަޔާޒް ކުރި ހޯދާފައިވަނީ 9-7 ފްރާމުންނެވެ. ހަ ވަނަ ފްރޭމްއާ ހަމައަށް ވަރަށް ހަމަހަމަކޮށް ދިޔަ ނަމަވެސް، ފަހު ތިން ފްރޭމްއަށް ވެފައި ވަނިކޮށް ފަޔާޒް ވަނީ ލީޑު ފުޅާކޮށްފައެވެ.

ފައިނަލް މެޗަށްފަހު ވަނަވަނައަށް ހޮވުނު ކުޅުންތެރިންނަށް ފައިސާގެ އިނާމު ހަވާލުކޮށްދެއްވީ އެމްޕީބީއޭގެ ޗެއާމަން އިސްމާއިލް ރަޒީންއެވެ. އެންމެ ގިނަ ރަން-އައުޓް ޖެހި ދެ ކުޅުންތެރިންނަށް ފައިސާގެ އިނާމެއްގެ ގޮތުގައި 1000 ރުފިޔާ ދީފައިވެއެވެ. އެ ދެކުޅުންތެރިންނަކީ ހަސަން ޝާޒްއާއި މުހައްމަދު ދުންޔާޒެވެ.

މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފަޔާޒަށް އިނާމެއްގެ ގޮތުގައި 25000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައިވާއިރު، ރަނަރަޕްކަން ހޯދި ޝަފްރާޒަށް އިނާމެއްގެ ގޮތުގައި ދީފައިވަނީ 15000 ރުފިޔާގެ ފައިސާގެ އިނާމެކެވެ. އަދި ތިންވަނަ ހޯދި މުހައްމަދު ޝަރީފަށް އިނާމެއްގެ ގޮތުގައި ދީފައިވަނީ 7500 ފައިސާގެ އިނާމެކެވެ.

މިމަހުގެ 13އިން ފެށިގެން މިރޭގެ ނިޔަލަށް ކުރިއަށްދިޔަ އެ މުބާރާތުގައި ޖުމްލަ 32 ކުޅުންތެރިން ވާދަކުރިއެވެ. އެއީ އެމްޕީބީއޭ ރޭންކިންގެ ގަދަ 16 ކުޅުންތެރިންނާއި ކޮލިފައިން ބުރު ކުޅެ، މުބާރާތުން ޖާގަ ހޯދި 16 ކުޅުންތެރިންނެވެ.

comment ކޮމެންޓް