އުރީދޫގެ ފައިދާ 754.5 މިލިޔަން ޑޮލަރު، ހިއްސާއަކަށް 0.9 ޑޮލަރު ބަހަން ހުށަހަޅައިފި

އުރީދޫ ގްރޫޕުގެ ޗެއާމަން އަދި ގަތަރު އިންވެސްޓްމެންޓް އޮތޯރިޓީގެ ސީއީއޯ ޝައިޚް އަބްދުﷲ ބިން މުހައްމަދު ބިން ސައުދު އަލް ޘާނީ -- ސަން ފޮޓޯ

ގަތަރުގެ ބައިނަލްއަގުވާމީ ޓެލެކޮމް ކުންފުނި އުރީދޫ ގްރޫޕަށް މިދިޔަ އަހަރު 8.9 ބިލިޔަން ޑޮލަރުގެ އާމްދަނީއެއް ލިބިއްޖެއެވެ.

ނިމިދިޔަ 2016 ވަނަ އަހަރުގެ ޖުމްލައާ އެކު، އިއްޔެ އުރީދޫ ގްރޫޕުން ނެރުނު އެކުންފުނީގެ ހަތަރުވަނަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުގައި، މިދިޔަ އަހަރު ނިމުނު އިރު އެކުންފުންޏަށް އާމްދަނީގެ ގޮތުގައި 8.9 ބިލިޔަން ޑޮލަރުގެ އާމްދަނީއެއް ލިބިފައެވެ. މިއީ 2015 ވަނަ އަހަރު ލިބުނު 8.8 ބިލިޔަން ޑޮލަރުގެ އާމްދަނީއާ އަޅާ ބަލާއިރު ކުރިއެރުމެކެވެ.

މިދިޔަ އަހަރު ނިމުނު އިރު އުރީދޫ ގްރޫޕަށް ސާފު ފައިދާގެ ގޮތުގައި 754.5 މިލިޔަން ޑޮލަރު ލިބިފައިވެއެވެ. ދެހާސް ފަނަރަވަނަ އަހަރު އުރީދޫ ގްރޫޕަށް ލިބުނު ސާފު ފައިދާއަކީ 629.8 މިލިޔަން ޑޮލަރެވެ.

މި ފައިދާއާ އެކު، އުރީދޫ ގްރޫޕުގެ ޑިރެކްޓަރުންގެ ބޯޑުން ވަނީ، މިއަހަރު ބާއްވާ އުރީދޫ ގްރޫޕުގެ މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ހިއްސާއަކަށް 3.4 ޤަތަރީ ރިޔާލް ނުވަތަ 0.9 ޑޮލަރު ބެހުމަށް ހުށަހަޅާފައެވެ.

އުރީދޫއިން ބުނި ގޮތުގައި، އުރީދޫ ގްރޫޕަށް ލިބުނު ސާފު ފައިދާ މިއަހަރު އިތުރުވީ އުރީދޫ ގަތަރު، އޮމާން، އަދި އިންޑޯސަޓް އުރީދޫއަށް ބޮޑެތި ފައިދާތަކެއް ވެގެންނެވެ. މީގެ އިތުރުން، އުރީދޫ ގްރޫޕުގެ ހެޑްކުއާޓާސް ހިންގުމުގައި ޚަރަދު ވެސް ވަރަށް ބޮޑަށް ކުޑަކުރެވުނު ކަމަށް އެކުންފުނިން ބުނެއެވެ.

އުރީދޫ ގްރޫޕުން ބުނީ މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގައި އުރީދޫގެ ކަސްޓަމަރ ބޭސް 138 މިލިޔަނަށް އިތުރުވެގެން ދިޔަ ކަމަށެވެ. މިއީ 19 ޕަސަންޓުގެ ކުރިއެރުމެކެވެ.

މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އުރީދޫން ހޯދި ކާމިޔާބީތަކަށް ބަލާއިރު، އޮކްޓޫބަރު މަހު ކުވައިތުގައި އިންޓަނެޓު ޚިދުމަތްދޭ ކުންފުނި "ފާސްޓްޓެލްކޯ" ކުންފުނި، އުރީދޫ ކުވައިތުން ގަތުމާއި، އުރީދޫ މޯލްޑިވްސްއިން ރާއްޖޭގެ ހިއްސާގެ ބާޒާރުގައި ލިސްޓުކޮށް، އާންމުންނަށް ހިއްސާ ވިއްކުމަށް ތައްޔާރުވާން ފެށުމުގެ އިތުރުން، ރޭޓިންގް ކުންފުނި "ސްޓޭންޑަޑް އެންޑް ޕުއާ"އިން އުރީދޫގެ އައުޓްލުކް، އޭ ނެގަޓިވުން އޭ ޕޮޒިޓިވަށް ބަދަލުކުރުން ހިމެނެއެވެ.

އުރީދޫ ގްރޫޕުގެ ޗެއާމަން ޝައިޚް އަބްދުﷲ ބިން މުހައްމަދު ބިން ސައުދު އަލް ޘާނީ ވިދާޅުވީ، މިދިޔަ އަހަރު އުރީދޫއިން ބޮޑު ކުރިއެރުމެއް ހޯދާފައިވާ ކަމަށެވެ. އެގޮތުން، އާމްދަނީއާއި ސާފު ފައިދާގެ އިތުރުން ކަސްޓަމަރުންގެ އަދަދުވެސް އިތުރުވެފައިވާކަން ޗެއާމަން ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ 2017 ވަނަ އަހަރު އުރީދޫ އިތުރަށް ތަރައްގީކޮށް، ކުރިއެރުވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.

"5ޖީ ޓެކްނޮލޮޖީ ގަތަރުގައި ތައާރަފުކުރުމުގެ ކުރިން މިއަހަރުގެ ތެރޭގައި އޭގެ ޓެސްޓުތައް ހަދަން ފަށާނަން. އަދި 2022 ވަަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ހޯސްޓުކުރުމަށް ގަތަރުން ކުރާ މަސައްކަތަށް އުރީދޫގެ ފުރިހަމަ އެއްބާރުލުން ދެމުން ދާނަން،" ޗެއާމަން ޝައިޚް އަބްދުﷲ ބިން މުހައްމަދު ބިން ސައުދު އަލް ޘާނީ ވިދާޅުވިއެވެ.

comment ކޮމެންޓް