ތިލަފުށީގައި ގަވާއިދާ ޚިލާފަށް އުޅުނު 60 ބިދޭސީއަކު ހައްޔަރުކޮށްފި

ތިލަފުށިން ހައްޔަރު ކުރި ބިދޭސީން -- ފޮޓޯ: އިމިގްރޭޝަން

ގަވާއިދާ ޚިލާފަށް ތިލަފުށީގައި އުޅުނު 60 ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މޯލްޑިވްސް އިމިގްރޭޝަންގެ އިންފޮމޭޝަން އޮފިސަރު ހަސަން ޚަލީލް މިއަދު ސަން އަށް ވިދާޅުވީ އެ ބިދޭސީން އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ފުލުހުންނާ ގުޅިގެން މިއަދު ތިލަފުށީގައި ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

އެމީހުންގެ ތެރެއިން 17 މީހަކު ހިފެހެއްޓީ ތިލަފުށީ ބޯޓްޔާޑް ސަރަހައްދުން ކަމަށާއި ބާކީ ތިބި މީހުންނަކީ އެރަށުގެ އެކި ސަރަހައްދުތަކުގައި އަމިއްލަ އަށް މަސައްކަތް ހޯދައިގެން އުޅެމުން އައި ބައެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ގަވާއިދާ ޚިލާފަށް ތިލަފުށީގައި އުޅުނު ބިދޭސީންތައް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައި --- ފޮޓޯ: އިމިގްރޭޝަން

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ވަނީ މިއަހަރުގެ މިހާތަނަށް އެކި އޮޕަރޭޝަންތައް ހިންގާފައެވެ. އެގޮތުން ކާނިވާ ސަރަހައްދާއި ޓީ ޖެޓީ އާއި މާރުކޭޓު ސަރަހައްދުގެ އިތުރުން ހުޅުމާލޭގައި ވެސް އިމިގްރޭޝަނުން ވަނީ އެފަދަ އޮޕަރޭޝަނެއް ހިންގާފައެވެ.

ބިދޭސީންގެ ކަންތައް ބެލެހެއްޓުމަށްޓަކައި އިމިގްރޭޝަނުން ގިނަ ކަންތައްތައް ރާވަމުން އަންނަ ކަމަށާއި އެގޮތުން ބަންގުލަދޭޝް އިން އަންނަ ބިދޭސީން މޮނިޓަރ ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

comment ކޮމެންޓް