ލާހޯރުގައި ބޮމުގެ ހަމަލާއެއްދީ ނުވަ މީހަކު މަރާލައިފި

ޕާކިސްތާނުގެ ލާހޯރުގެ ޝޮޕިން މޯލްއަކަށް ވަނީ ބޮމުގެ ހަމަލާ ދީފައި -- ފޮޓޯ: އޭއެފްޕީ

ލާހޯރު (ފެބްރުއަރީ 23): ޕާކިސްތާނުގެ ލާހޯރުގައި ބޮމުގެ ހަމަލާއެއްދީ ނުވަ މީހަކު މަރާލައިފި ކަމަށް އެގައުމުގެ އޮފިޝަލުން ބުނެފި އެވެ.

ލާހޯރުގެ ޝޮޕިން މޯލްއެއް ކައިރީ ދިން އެހަމަލާގައި 20 މީހަކަށް އަނިޔާވި ކަމަށް ޕާކިސްތާނުގެ މީޑިއާތަކުން ބުނެ އެވެ. އަދި އެއީ ކަރަންޓު ޖެނެރޭޓަރެއް ގޮވުމުގެ ސަބަބުން ހިނގި ހާދިސާއެއް ކަމަށް ހަބަރު ފެތުރުނު ނަމަވެސް އެއީ ބޮމެއް ގޮއްވާލުމުގެ ސަބަބުން ހިނގި ހާދިސާއެއް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މިއަދު ދިން ހަމަލާގެ ޒިންމާ އަދި އެއްވެސް ޖަމާއަތަކުން ނަގާފައި ނުވެ އެވެ.

ފަހަކަށް އައިސް ތަފާތު ޖަމާއަތްތަކުން ޕާކިސްތާނުގައި ދޭ ހަމަލާތައް ވަނީ އިތުރުވެފަ އެވެ. މިދިޔަ ހަފްތާ ތެރޭގައި ތާލިބާނުން ލާހޯރުގައި ދިން ބޮމުގެ ހަމަލާއެއްގައި 13 މީހަކު މަރުވެ، 80 މީހަކަށް އަނިޔާވި އެވެ.

އެހަމަލާތަކާ ގުޅިގެން ގައުމުގެ ސަލާމަތީ ހާލަތު ވަރުގަދަ ކުރުމުގެ ގޮތުން ޕާކިސްތާނުން ވަނީ އަފްގާނިސްތާނާ ދެމެދު އޮންނަ ބޯޑަރު ބަންދުކޮށް، 100 ހަނގުރާމަވެރިން މަރާފައިވާ ކަމަށް ބުނެފަ އެވެ. (ޑޯން)

comment ކޮމެންޓް