އައިޖީއެމްއެޗްގައި ނިއުމެޓިކް ޓިއުބު ނިޒާމެއް ގާއިމްކުރަނީ

އައިޖީއެމްއެޗްގެ މުވައްޒަފުންނަށް ފްލެޓް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ// ރައީސް އޮފީސް

އައިޖީއެމްއެޗްގައި، ބޭހާއި ލެބޯޓްރީ ސާމްޕަލް އަދި އެ ނޫންވެސް މެޑިކަލް ބައެއް ތަކެތި އެއް ތަނުން އަނެއް ތަނަށް ފޮނުވައިދޭ ނިޒާމެއް ގާއިމް ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

އެ ހޮސްޕިޓަލުގެ ޕަބްލިކް ރިލޭޝަންސް އެންޑް މީޑިއާ ޔުނިޓްގެ ޑިރެކްޓަރު އަހުމަދު މައުސޫމް މިއަދު ސަން އަށް ވިދާޅުވީ ނިއުމެޓިކް ޓިއުމް ސިސްޓަމް ގާއިމް ކުރެވި، އެ ސިސްޓަމް ޓެސްޓު ކުރުމުގެ ގޮތުން ބޭނުން ކުރަމުން އަންނަ ކަމަށެވެ. އެ ސިސްޓަމް ގާއިމް ކުރުމުގެ މަސައްކަތް އަދި އެއްކޮށް ނުނިމޭ ކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ އެ ސިސްޓަމް އަދި ބޭނުން ކުރަމުން އަންނަނީ ހޮސްޕިޓަލްގެ ޖެނެރަލް ވޯޑާއި ބޭސް ފިހާރަ އާއި އެމަޖެންސީ ރޫމް އަދި ލެބޯޓްރީގައި ކަމަށެވެ.

އެ ސިސްޓަމް މެދުވެރިކޮށް ހޮސްޕިޓަލުގެ ތެރޭގައި، އެއް ތަނުން އަނެއް ތަނަށް ފޮނުވަން ޖެހޭ ބޭހާއި ޓެސްޓް ސާމްޕަލް އަދި ބައެއް އާލާތްތައް ހޮޅިތަކެއްގެ ތެރެއިން ފޮނުވާލެވޭނެ އެވެ. އައިޖީއެމްއެޗްގައި ގާއިމް ކުރަމުން ދަނީ ރާއްޖޭގައި ގާއިމް ކުރާ މިފަދަ ފުރަތަމަ ސިސްޓަމެވެ.

މައުސޫމް ވިދާޅުވީ ފެށޭ މާޗް މަސް ތެރޭގައި އެ ނިޒާމު އިތުރަށް ފުރިހަމަކޮށް އިތުރު ތަންތަނާ ގުޅާލުމުގެ މަސައްކަތް ފަށާނެ ކަމަށެވެ. އަދި އެ ނިޒާމުގެ ސަބަބުން ހޮސްޕިޓަލުގެ މަސައްކަތްތަކަށް އިތުރު ހަލުވި ކަމެއް ލިބި، އަވަސް ފަރުވާ ލިބިގެންދާނެ ކަމަށެވެ.

އެ ސިސްޓަމަކީ 4.5 މިލިއަން ރުފިޔާ ޚަރަދުކޮށްގެން އެ ހޮސްޕިޓަލުގައި ގާއިމް ކުރާ ސިސްޓަމެކެވެ.

comment ކޮމެންޓް