ކިމް ޖޮންގް ނަމްގެ މަރުގެ ޒިންމާ އެންމެ ބޮޑަށް އެޅޭނީ މެލޭޝިއާ ސަރުކާރުގެ ބޮލުގައި: އުތުރު ކޮރެއާ

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުންގެ ބޭބެ ކިމް ޖޮންގް ނަމް -- ފޮޓޯ: އޭއެފްޕީ

ސޯލް (ފެބްރުއަރީ 23): އުތުރު ކޮރެއާގެ ރައްޔިތަކު މެލޭޝިއާގައި މަރުވުމުގެ ޒިންމާ އެންމެ ބޮޑަށް އެޅޭނީ މެލޭޝިއާގެ ސަރުކާރުގެ ބޮލުގައި ކަމަށް އުތުރު ކޮރެއާގެ ދައުލަތުގެ މީޑިއާ ކޭސީއެންއޭ އިން ބުނެފި އެވެ.

އެއީ އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުންގެ ބޭބެ ކިމް ޖޮންގް ނަމް އަވަހާރަކޮށްލި ފަހުން އެކަމާ ބެހޭ ގޮތުން ކޭސީއެންއޭ އިން ރިޕޯޓު ކުރި ފުރަތަމަ ފަހަރެވެ. ނަމަވެސް މެލޭޝިއާގައި އަވަހާރަވީ ކިމް ޖޮންގް ނަމް ކަން އެރިޕޯޓުގައި ފާހަގަކޮށްފައި ނުވެ އެވެ. އޭގެ ބަދަލުގައި ކިމް ސިފަކޮށްފައި ވަނީ 'މެލޭޝިއާގައި މަރުވި އުތުރު ކޮރެއާގެ ރައްޔިތެއްގެ' ގޮތުގަ އެވެ.

"އުތުރު ކޮރެއާގެ ރައްޔިތެއް މެލޭޝިއާގައި މަރުވުމުން އޭގެ ޒިންމާ އެންމެ ބޮޑަށް އެޅޭނީ މެލޭޝިއާގެ ސަރުކާރުގެ ބޮލުގައި،" ކޭސީއެންއޭގެ ރިޕޯޓުގައިވެ އެވެ.

މެލޭޝިއާ އިން ބުނާ ގޮތުގައި މިދިޔަ ހަފްތާގެ ހޯމަ ދުވަހު ކިމް އަވަހާރަކޮށްލާފައި ވަނީ ވިހަ އެއްޗެއް އޭނާގެ މޫނުގައި ހާކައިގެންނެވެ. ނަމަވެސް ކޭސީއެންއޭ އިން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފަ އެވެ. އަދި އޭނާ އަވަހާރަވީ ހާޓް އެޓޭކެއް ޖެހިގެން ކަމަށް ބުނެފަ އެވެ. އަދި މެލޭޝިއާ އިން އެފަދައިން ބުނެފައި ވަނީ އުތުރު ކޮރެއާއާ ދެކޮޅަށް، ދެކުނު ކޮރެއާއާ ގުޅިގެން މެލޭޝިއާ އިން ހިންގާ ޕްރޮޕަގަންޑާއެއްގެ ތެރެއިން ކަމަށް ބުނެފަ އެވެ.

މީގެ އިތުރުން ޑިޕްލޮމެޓިކް ޕާސްޕޯޓެއް އޮތް އުތުރު ކޮރެއާގެ ރައްޔިތެއްގެ ޕޯސްޓްމޯޓަމް އެގައުމުގެ ހުއްދައަކާ ނުލައި ހެދުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފުވުން ކަމަށް ވެސް ކޭސީއެންއޭ އިން ބުނެ އެވެ. އަދި ކިމްގެ ހަށިކޮޅު އުތުރު ކޮރެއާއާ ހަވާލުކުރަން މެލޭޝިއާ އިން ދެކޮޅު ހެދުމުން އެނގިގެން ދަނީ އެ މައްސަލަ ސިޔާސީ ކުރަން އެގައުމުން މަސައްކަތް ކުރަމުންދާ ކަން ކަމަށް ބުނެފަ އެވެ.

މެލޭޝިއާ އިން ބުނާ ގޮތުގައި ކިމްގެ ހަށިކޮޅު އުތުރު ކޮރެއާއާ ހަވާލު ކުރާނީ އޭނާގެ އާއިލާގެ މެމްބަރެއްގެ ޑީއެންއޭ ސާމްޕަލެއް ލިބުމުންނެވެ. އަދި ބައެއް ރިޕޯޓުތަކުގައިވާ ގޮތުން ކިމްގެ ހަށިކޮޅާ ހަވާލުވުމަށް ޓަކައި އޭނަގެ ދަރިކަލުން ކިމް ހަން ސޮލް ވަނީ މެލޭޝިއާއަށް ވަޑައިގެންފަ އެވެ.

ކިމްގެ މަރާ ގުޅިގެން މެލޭޝިއާ އިން ވަނީ އުތުރު ކޮރެއާގެ މީހަކާއި މެލޭޝިއާގެ ފިރިހެނަކާއި އިންޑޮނޭޝިއާގެ އަންހެނަކާއި ވިއެޓްނާމުގެ އަންހެނަކު ހައްޔަރުކޮށް، އުތުރު ކޮރެއާގެ ދެ އޮފިޝަލަކާ ސުވާލު ކުރާނެ ކަމަށް ބުނެފަ އެވެ. އަދި އެމައްސަލައާ ގުޅިގެން ތުހުމަތު ކުރެވޭ އުތުރު ކޮރެއާގެ ހަތަރު މީހަކު ހޯދުމަށް ޓަކައި އިންޓަޕޯލްގެ އެހީއަށް އެދިފަ އެވެ. (ބީބީސީ)

comment ކޮމެންޓް