ޒައިދު ތުހުމަތުތަކާ އެކު ނެރުނު ބަޔާނުގައިވާ ކަންތައްތައް ފުލުހުން ބަލަން ފަށައިފި

ކޯޓަށް ހާޒިރުކުރުމަށް ޓަކައި އިއްޔެ ޒައިދު މާލެ ގެނެސްފައި --- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު

މާލޭ ސިޓީގެ މެދުހެންވޭރު ދާއިރާގެ ކައުންސިލަރު ޒައިދުލް އަމީން ފުލުހުންގެ މައްޗަށް ތުހުމަތުތަކެއްކޮށް އިއްޔެ ނެރުނު ބަޔާނުގައިވާ ކަންތައް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑް ކޮމާންޑުން ބަލަމުން އަންނަ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފި އެވެ.

ފުލުހުންގެ ރަސްމީ ޓުވީޓާ އެކައުންޓުން މިއަދު ކުރި ޓުވީޓެއްގައި ބުނެފައި ވަނީ ފުލުހުން ކުރަމުންދާ ތަހުގީގާ ގުޅޭ ގޮތުން ޒައިދުލް އަމީން ނެރެފައިވާ ބަޔާނުގައިވާ ކަންތައް ޕްރޮފެޝަނަލް ސްޓޭޑަޑް ކޮމާންޑުން ބަލަމުން އަންނަ ކަމަށެވެ.

ޒައިދު އިއްޔެ ނެރުނު ބަޔާނުގައި ބުނީ އޭނާ ހައްޔަރުކުރީ ބްލެކްމެއިލްގެ ތުހުމަތުގައި ކަމަށާއި ނަމަވެސް ބްލެކްމެއިލްކޮށްގެން އުޅެނީ ކާކުކަން ފުލުހުންނަށް ބުނެދެވިފައިނުވާ ކަމަށެވެ.

ޒައިދު ވިދާޅުވީ އޭނާގެ މޮބައިލް ފޯނާއި ލެޕްޓޮޕް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ޗެކްކުރުމުން ވެސް އޭނައާ ދެކޮޅަށް އެއްވެސް ހެއްކެއް ފެނިފައިނުވާ ކަމަށެވެ.

މޮބައިލް ފޯނާއި ލެޕްޓޮޕުން އެއްވެސް އެއްޗެއް ނުފެނުމުން، ގެއްލިގެން އުޅޭ ޕީޕީއެމްގެ ހާޑްޑިސްކުތައް ހުރީ އެ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އަތްޕުޅުގައި ކަމަށް ބުނުމަށާއި އަދި ރައީސް މައުމޫން ގެންދަވަނީ މިހާރުގެ ސަރުކާރާ ދެކޮޅަށް ސިއްރު ރޭވުންތަކެއް ރާއްވަވަމުން ކަމުގައި ބުނެ ބަޔާނެއް ދިނުމަށް ތަހުގީގުގައި ފުލުހުން ގެންދަނީ ތަކުރާރުކޮށް އެދެމުން ކަމަށް އޭނާ ވަނީ ތުހުމަތު ކުރައްވައިފަ އެވެ.

މައުމޫން ހައްޔަރުކުރުމަށް ޓަކައި އޭނާގެ ބަޔާން ކޮންމެހެންވެސް ބޭނުންވާ ކަމަށާއި، އެކަމުގައި އެއްބާރުލުން ނުދީފި ނަމަ "ޝުމްބާ ގޮންގް" ޖަލުގައި ޝަރީއަތެއް ނެތި އޮންނަހެން އޭނާ ވެސް އޮންނަން ޖެހޭނީ ޖަލުގައި ކަމަށް އެތައް ފަހަރަކު ފުލުހުން ބުނެފައިވާ ކަމަށް ވެސް ޒައިދު ވަނީ ތުހުމަތު ކުރައްވައިފަ އެވެ.

comment ކޮމެންޓް