ގޮންޖެހުންތަކަކާ އެކު ފަހުރުވެރިވާ ކާމިޔާބީތަކެއް ސީއެސްސީއަށް ހޯދުނު: ޝަމީމް

ޝަމީމް: އޭނާ ވިދާޅުވީ ސިވިލް މިދިޔަ އަހަރު އެންމެ ބޮޑު ގޮޮންޖެހުމެއް ކުރިމަތިވީ ކުޑަ ބަޖެޓެއް ލިބުމުން ކަމަށް --- ސަން ފައިލް ފޮޓޯ/ ޔޫސުފް ސޮފްވާން

ނިމިދިޔަ އަހަރަކީ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)އަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވި އަހަރެއް ކަމަށާއި ނަމަވެސް ފަހުރުވެރިވާ ކާމިޔާބީތަކެއް ހޯދުނު އަހަރެއް ކަމަށް އެ ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމް ވިދާޅުވެއްޖެ އެވެ.

ސީއެސްސީގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓް ނެރުމަށް މިއަދު ހެނދުނު އެ ކޮމިޝަންގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝަމީމް ވިދާޅުވީ ފާއިތުވި ނުވަ އަހަރަށް ބަލާއިރު މިދިޔަ އަހަރަކީ އެންމެ ބޮޑު ގޮންޖެހުންތަކަކާ ދިމާވި އަހަރު ކަމަށާއި ނަމަވެސް އެ ގޮންޖެހުންތައް ގިރާކޮށް ބޮޑެތި ކާމިޔާބީތަކެއް ހޯދިފައިވާ ކަމަށެވެ.

"ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެގެން ދިޔައީ ކޮމިޝަނުގެ ހަޔާތުގައި ވެސް ލިބުނު އެންމެ ކުޑަ ބަޖެޓާ އެކު އަދި ސިވިލް ސާވިސްގެ ޚަރަދުތަށް ބޮޑުކަމުން ސަރުކާރުން އެޅުއްވެވި އިސްލާހީ ރަނގަޅު ފިޔަވަޅުތަކެއް ތަހައްމަލު ކުރަން ޖެހުމުގެ ސަބަބުން،” ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ ގޮންޖެހުންތަކުން އަރައިގަތުމަށް ކޮމިޝަނުން ވަނީ އެކަންކަމާ ކުރިމަތިލާނެ އާ ގޮތްތަކެއް އީޖާދުކޮށް ޒަމާނީ ވަސީލަތްތައް ބޭނުންކުރުން އިތުރުކޮށް މަސަތްކަތްކުރުމުގެ ވައްޓަފާޅިއަށް އިސްލާހީ ގިނަ ބަދަލުތަކެއް ގެނައިސްފައި ކަމަށެވެ.

ނިމިދިޔަ އަހަރު ސީއެސްސީން ވަނީ އެ ކޮމިޝަނުގެ ދަށުގައިވާ 24،501 އެއް މުއައްޒަފުންގެ ތާޒާކޮށް މަސަތްކަތުގެ މާހައުލަށް ޝައުގުވެރިކަން އިތުރުކުރުމަށް ތަފާތު ޕްރޮގްރާމްތަކެއް ހިންގާފަ އެވެ. އޭގެ ތެރޭގައި ކޮމިޝަނުން އަތޮޅުތަކުގައި ތިބި ސިވިލް ސާވެންޓުންނާ ބައްދަލުކުރުމަށް ކުރި ދަތުރުތަށް ޝަމީމް ފާހަގަކުރެއްވިި އެވެ.

"ސީއެސްސީގެ އިސްވެރިން ވާނީ އއ. އދ އަދި ނ އަތޮޅުގެ އިތުރުން މާލޭގައި ހުރި ބައެއް މިނިސްޓްރީގައި މަސަތްކަތްކުރާ ސިވިލް ސާވެންޓުންނާ ބައްދަލުކޮށް އެ މީހުންގެ ހިޔާލު ހޯދައި މަޝްވަރާކުރެވިފައި. އަދި އެ މަޝްވަރާގެ އަލީގައި ފާހަގަކުރެވުނު ކަންކަން ރަނގަޅު ކުރުމާއި ސިވިލް ސާވިސްގެ ހިންގުމާއި ހިދުމަތުގެ ފެންވަރު ރަނގަޅުކުރަމަށް މަސަތްކަތްތަކެއް ކުރެވިފައި،" ޝަމީމް ވިދާޅުވިއެވެ.

ސިވިލްސާވެންޓުންގެ ތެރެއިން އެންމެ ގިނައީ އަންހެނުންނެވެ. ސިވިލްސާވިސްގައި މަސައްކަތް ކުރާ އަންހެނުންގެ އަދަދަކީ 13،620 އެވެ. ސިވިލްސާވިސްގައި އެންމެ ގިނަ އެންހެނުން އުޅެނީ ޓީޗަރުންގެ ގޮތުގަ އެވެ. ތައުލީމީ ދާއިރާގައި ހަރަކާތްތެރިވާ އަންހެން ސިވިލް ސާވެންޓުންގެ އަދަދަކީ 3685 އެވެ.

ސީއެސްސީން މިދިޔަ އަހަރު ކުރިއެރުން ނުހޯދުނު ކަންކަމަށް ބަލާއިރު އެ ކޮމިޝަނުން އެންމެ ބޮޑަށް ފާހަގަކުރާ އެއްކަމަކީ ސިވިލްސާވެންޓުންގެ މުސާރައަށް ކުރިއެރުމެއް ނުލިބުނު މައްސަލައެވެ.

"މިދިޔަ އަހަރު ލިބުނު ކުޑަ ބަޖެޓާ އެކު ވަނީ ކޮމިޝަނުގެ ސްޓްރެޓިޖުކް ޕްލޭންއާ އަމާޒް ހިފާފައި ހުރި ކަންކަން ހާސިލްކުރުމުގައި ދަތިތަކެއް ކުރިމަތިވި. އަހަރަ ނިމުނު އިރުވެސް އާންމު އޮނިގަނޑުގައި ތިބި މުއައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް ކުރިއެރުމެއް ހޯދިފައި ނުވާކަން ހިތާމައާ އެކު ފާހަގަކުރަން،" ޝަމީމް ވިދާޅުވިއެވެ.

comment ކޮމެންޓް