ޒައިދުގެ އަނބިކަނބަލުން އެޗްއާރްސީއެމްއަށް މައްސަލަ ހުށަހަޅައިފި

ބަންދާމެދު ގޮތެއް ނިންމަން އިއްޔެ ޒައިދު ކޯޓަށް ހާޒިރު ކުރަނީ --- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު

ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ހައްޔަރުކޮށްފައިވާ މާލޭ ސިޓީގެ މެދުހެންވޭރު ދާއިރާގެ ކައުންސިލަރު ޒައިދުލް އަމީން ފުލުހުންގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައިވާތީ އެކަންކަން ބަލައިދިނުމަށް އެދި އޭނާގެ އަބިކަނބަލުން ހިއުމަންރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އަށް މައްސަލަ ހުށަހަޅައިފިއެވެ.

ޒައިދުގެ އަނބިކަނބަލުން ޝިޔާމާ މުހައްމަދު ސޮއިކުރައްވައި އެޗްއާރްސީއެމް އަށް ފޮނުވި ސިޓީގައި ވިދާޅުވެފައި ވަނީ، އޭނާ ހައްޔަރުކުރީ ބްލެކްމެއިލްގެ ތުހުމަތުގައި ކަމަށެވެ. ނަމަވެސް ޒައިދު ދިރިއުޅުއްވާ އެޕާޓްމަންޓް ބަލައިފާސްކޮށް މޮބައިލް ފޯނާއި ލެޕްޓޮޕް ގެންގޮސް ޗެކްކުރުމުން ވެސް އޭނާއާ ދެކޮޅަށް އެއްވެސް ހެއްކެއް ފެނިފައިނުވާ ކަމަށާއި އެ ތުހުމަތުތަކަށް އިންކާރުކޮށް ޒައިދު ވަނީ ފުލުހުންނަށް ބަޔާނެއް ދެއްވާފައި ކަމަށް އެ ސިޓީގައި ވެއެވެ.

އެއަށްފަހު މައްސަލައިގެ ބާވަތް ބަދަލުކޮށް ސިޔާސީ ކަންތައްތަކެއް ކުރުމަށް ޒައިދު ކައިރީ ފުލުހުން އެދެމުން އަންނަ ކަމަށް ވެސް އޭނާގެ އަނބިކަނބަލުން ފޮނުވި ސިޓީގައި ވެއެވެ.

އެކަންކަމާ ގުޅޭގޮތުން ޒައިދު އިއްޔެ ބަޔާނެއް ނެރުއްވާފައިވާ ކަމަށާއި ޕީޕީއެމްގެ ހާޑްޑިސްކުތައް ގެއްލުނު މައްސަލާގައި އެ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާ ދެކޮޅަށް ދޮގު ބަޔާނެއް ދިނުމަށް ފުލުހުން އެދެމުން އަންނަ ކަމަށް އެ ބަޔާނުގައި ތުހުމަތުކޮށްފައިވާ ކަމަށް ވެސް އެ ސިޓީގައި ވެއެވެ.

"އެހެންކަމުން ފުލުހުންގެ އިދާރާއިން އެގޮތަށް އަމަލުކޮށް، އަދި ޒައިދުލް އަމީން ނެރުއްވާފައިވާ ބަޔާނުގައި ތުހުމަތުކުރެވިފައިވާގޮތަށް ކަންތައްތައް ކުރިކަމަށް ގަބޫލުކުރެވޭތީވެ، ޒައިދުލް އަމީންގެ ރައްކާތެރިކަން ކަށަވަރުކޮށްދެއްވުމަށް ކުރެވުނު ހުރިހައި ކަމެއް ވީ އެންމެ އަވަހަށް ކޮށްދެއްވައި، މި މައްސަލަ ވީ އެންމެ އަވަހަކަށް ބައްލަވައި ދެއްވުން އެދި ދަންނަވަމެވެ،" ޒައިދުގެ އަނބިކަނބަލުން އެޗްއާރްސީއެމް އަށް ފޮނުވި ސިޓީގައި ވެއެވެ.

ޒައިދު ނެރުނު ބަޔާނުގައި ތުހުމަތުކޮށްފައިވާ ކަންތައްތައް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑް ކޮމާންޑުން ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުންގެ ރަސްމީ ޓްވިޓާ އެކައުންޓުން މިއަދު ކުރި ޓްވީޓެއްގައި ވަނީ ބުނެފައެވެ.

comment ކޮމެންޓް