ޒައިދު ފުލުހުންގެ ބަންދަށް ބަދަލުކުރި މައްސަލަ އިސްތިއުނާފު ކުރަން ނިންމައިފި

ބަންދާމެދު ގޮތެއް ނިންމަން ޒައިދު އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރަނީ --- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު

ބްލެކްމެއިލް ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މާލޭ ސިޓީގެ މެދުހެންވޭރު ދާއިރާގެ ކައުންސިލަރު ޒައިދުލް އަމީން ގޭބަންދުގައި ބެހެއްޓުމަށްފަހު ފުލުހުންގެ ބަންދަށް ބަދަލުކުރަން ކްރިމިނަލް ކޯޓުން އިއްޔެ ކުރި އަމުރު އިސްތިއުނާފުކުރަން ނިންމައިފިއެވެ.

ޒައިދުގެ ގާނޫނީ ވަކީލު މަހުފޫޒު ސައީދު މިއަދު ސަން އަށް ވިދާޅުވީ އެ އަމުރު އިސްތިއުނާފު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.

އެ އަމުރު އިސްތިއުނާފު ކުރަން ނިންމީ ޒައިދު ބަންދުގައި ބެހެއްޓުމަށް ހުއްދަކުރާ ގާނޫނީ ސަބަބެއް އޮތްކަމަށް ނުފެންނާތީ ކަމަށް މަހުފޫޒު ވިދާޅުވިއެވެ.

ކްރިމިނަލް ކޯޓުން އިއްޔެ އަމުރުކުރީ 13 ދުވަހަށް ޒައިދު ފުލުހުންގެ ބަންދުގައި ބެހެއްޓުމަށެވެ. ސަބަބެއް ކަމަށް އަމުރުގައި ވަނީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައިއެވެ.

މިއީ އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރި ހަތަރު ވަނަ ފަހަރެވެ. ޒައިދު ހައްޔަރުކުރީ މިދިޔަ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހުއެވެ.

ފުލުހުންގެ ބަންދަށް ބަދަލުކުރުމުން ޒައިދު އިއްޔެ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ބްލެކްމެއިލް ކުރި ކަމުގެ ތުހުމަތު އޭނާގެ މައްޗަށް ކުރާއިރު ބްލެކްމެއިލްކުރީ ކާކުކަން ފުލުހުންނަށް ބުނެދެވިފައިނުވާ ކަމަށެވެ. އަދި އޭނާގެ މޮބައިލް ފޯނާއި ލެޕްޓޮޕް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، އެއިން އެއްވެސް އެއްޗަކުން އޭނައާ ދެކޮޅަށް އެއްވެސް ހެއްކެއް ފެނިފައިނުވާ ކަމަށް ޒައިދު ވަނީ ވިދާޅުވެފައެވެ.

އޭނާ އަކީ ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ފެކްޝަނަށް ނިސްބަތްވާ ބޭފުޅެކެވެ. ސުލޫކީ މައްސަލައެއް ސާބިތުވެ އޭނާ ވަނީ ޕީޕީއެމްގެ ކައުންސިލް މެމްބަރުކަމުން ވަކިކޮށްފައެވެ.

comment ކޮމެންޓް