އިސްލާމްދީނުގެ މުޢުޖިޒާތަކުގެ ތެރެއިން: ޢުމަރު ޘާާނީ ޢުމަރުބުނު ޢަބްދުލް ޢަޒީޒު ރަޙިމަހުﷲ

އުމަވީ ދައުލަތުގައި އިސްލާމީ ޢުއްމަތުގެ ވެރި ރަށަކީ ސޫރިޔާގެ ދިމިޝްކެވެ. މިއީ ދިމިޝްކްގެ މަސްޖިދް އަލް އުމަވީ އަލްކަބީރި---

(16 ފެބްރުއަރީގެ އަދަދާ ގުޅޭ)

އިސްލާމްދީނާއި ދީނުގެ ޢިލްމު ފެތުރުއްވުން

އަމީރުލްމުއުމިނީން ޢުމަރު ބުނު ޢަބްދުލްޢަޒީޒު ރަޙިމަހުﷲ އިސްލާމީ ދަޢުލަތުގެ ސަރަހައްދު ފުޅާކުރެއްވުމަށްވުރެ ބޮޑަށް އިސްކަންދެއްވާ މަޤްޞަދެއްކަމުގައި ހެއްދެވި އިސްލާމްދީން ފެތުރުއްވުމެވެ. ދީނީ ޢިލްމު އުނގަނައިދެއްވުމެވެ. އަމީރުލް މުއުމިނީނަށް ލިބިވަޑައިގެންފައިވާ އަޚްލާޤީ ބާރާއި އެހެނިހެން ވަސީލަތްތައް އެކަމުގައި ފުރިހަމަޔަށް ބޭނުން ހިއްޕެވިއެވެ.

ޢައްލާމާ ބިލާޛުރީ ރަޙިމަހުﷲ ފުތޫޙުލް ބުލްދާނުގައި ލިޔުއްވައިފައިވެއެވެ.

"އަމީރުލް މުއުމިނީން ޢުމަރު ބުނު ޢަބްދުލްޢަޒީޒު ރަޙިމަހުﷲ މަޣުރިބުގެ ގަވަރުނަރުކަމަށް އިސްމާޢީލް ބުނު އަބްދުﷲ ބުނު އަބިލްމުހާޖިރު ޢައްޔަންކުރެއްވިއެވެ. އިސްމާޢީލު ނުހަނު ރީތި ގޮތެއްގައި ބަރުބަރުންނަށް އިސްލާމްދީނަށް ދަޢުވަތުދެއްވިއެވެ. ޚުދު ޢުމަރު ބުނު ޢަބްދުލްޢަޒީޒު ރަޙިމަހުﷲ ވެސް އިސްލާމީ ދަޢުވަތާ ގުޅޭގޮތުން އިސްމާޢީލަށް ސިޓީފުޅެއް ފޮނުއްވިއެވެ. އިސްމާޢީލު އެސިޓީފުޅު ބަރުބަރުންނަށް ވިދާޅުވެ ދެއްވުމުން ދަޢުވަތު ދެވުނު އެންމެން އިސްލާމްވީއެވެ."

ޢުމަރު ބުނު ޢަބްދުލްޢަޒީޒު ރަޙިމަހުﷲ މާވަރާއުއްނަހްރުގެ (TRANSOXIANA) ރަސްރަސްކަލުންނަށްވެސް ދީނަށް ގޮވައިލެއްވުމުގެ ސިޓީފުޅުތައް ފޮނުއްވިއެވެ. އެތާނގެ ބައެއް ރަސްރަސްކަލުން އެސިޓީފުޅުތަކާ ގުޅިގެން އިސްލާމްވެވަޑައިގެންނެވިއެވެ.

ޢުމަރު ބުނު ޢަބްދުލްޢަޒީޒު ރަޙިމަހުﷲ ސިންދުގެ ރަސްރަސްކަލުންނަށާއި އަމީރުންނަށްވެސް ދަޢުވަތުގެ ސިޓީފުޅުތައް ފޮނުއްވިއެވެ. އެސިޓީފުޅުތަކާ ވިދިގެން ސިންދުގެ ގިނަ ރަސްރަސްކަލުންނާއި އަމީރުން އިސްލާމްވެ ވަޑައިގެންނެވިއެވެ. ރާޖާ ދާހިރުގެ ދަރިކަލުން ޖޭސިންގަކީވެސް އިސްލާމްވެވަޑައިގެންނެވި އަމީރެކެވެ. އެހުރިހާ ބޭފުޅުންގެ އެސްޓޭޓްތަކާއި ނުއުފުލެވޭ ހުރިހާ މުދާތަކެއް އެބޭފުޅުންގެ މިލްކުވެރިކަމަށް ދޫކޮށްލެއްވިއެވެ. އެބޭފުޅުންނަށް އެހެނިހެން މުސްލިމުންނާ ހަމަހަމަ ޙައްޤުތަކެއް ލިބިދެއްވިއެވެ.

ޚުރާސާނުގެ ގަވަރުނަރު ޖަރާޙު ބުނު ޢަބްދުﷲގެ އަތްޕުޅު މައްޗަށްވެސް ހަތަރުހާސް ޛިންމީން އިސްލާމްވިއެވެ. ޢުމަރު ބުނު ޢަބްދުލްޢަޒީޒު ރަޙިމަހުﷲގެ ވެރިކަމުގައި ޛިންމީން އިސްލާމްވާލެއް ގިނަކަމުން ވާރުގެ ފައިސާ މަދުވާތީ ބައެއް ޢާމިލުން އެކަމުގެ ޝަކުވާ ކުރެއްވުމުން ޢުމަރު ޖަވާބުދެއްވިއެވެ.

"އަހަރެންގެ އެދުމަކީ ހުރިހާ ޛިންމީން އިސްލާމްވުމެވެ. އަހަންނާއި، ތިޔަބައިމީހުންވެސް ދަނޑުވެރިކަންކޮށްގެން ނުވަތަ އެހެންވެސް މަސައްކަތެއްގައި އަތްފައިކޮށައިގެން ކައިބޮއިއުޅުމެވެ."

ޛިންމީއަކު އިސްލާމްވެއްޖެނަމަ އެމީހަކު ވަގުތުން ވާރުންކެނޑުމަށް އަމީރުލްމުއުމިނީން އަމުރުކުރެއްވި ވާހަކަ ކުރީންވެސްވަނީ ދެންނެވިފައެވެ. އުމަވީ އެހެނިހެން ޚަލީފާއިންނާ ޚިލާފަށް ޢުމަރު ބުނު ޢަބްދުލްޢަޒީޒު ރަޙިމަހުﷲ އައުމުސްލިމުންނާއި އެހެނިހެން މުސްލިމުން ހުރިހާ ކަމެއްގައި އެއްހަމަ ކުރެއްވިއެވެ. އޭގެ ސަބަބުން ރަންނަތީޖާތަކެއް ޙާޞިލުވަމުންދިޔައެވެ.

ޢައްލާމާ އިބްނު ސަޢުދު ބަޔާންކުރައްވާގޮތުގައި އަމީރުލްމުއުމިނީން ޢުމަރު ބުނު ޢަބްދުލްޢަޒީޒު އެއްފަހަރަކު ފާދިރީއަކަށް އެއްހާސް އަސްރަފީދެއްވިއެވެ. މުސްލިމުންނާމެދު އޭނާގެ ހިތްހެޔޮ ކުރުއްވުމަށްޓަކައެވެ. ޢުމަރުގެ ދީލަތިފުޅުކަމާއި ޚުލުޤުފުޅު ހެޔޮކަމުގެ ސަބަބުން ފާދިރީގެ ހިތަށްކުރި އަސަރުން އޭނާ ވަގުތުން އިސްލާމަދީން ޤަބޫލުކޮށްފިއެވެ.

މުސްލިމުންގެ ނަންހުރި މުއައްރިޚެއްކަމުގައިވާ ޔަޢުޤޫބީ ލިޔުއްވައިފައިވެއެވެ.

"އަމީރުލްމުއުމިނީން ޢުމަރު ބުނު ޢަބްދުލްޢަޒީޒު ރަޙިމަހުﷲގެ ޚަލީފާކަމުގައި ޓިބެޓަށް ވަފުދެއް ފޮނުއްވިއެވެ. އެވަފުދު ފޮނުއްވީ އިސްލާމްދީނަށް ގޮވާލެއްވުމަށްޓަކައެވެ. ވަފުދުގެ ވެރިޔަކަށް ފޮނުއްވީ ސަލީޠު ބުނު އަބްދުﷲ އެވެ. ބައެއް އެހެނިހެން ރިވާޔަތްތަކުގައި ޓިބެޓުގެ ބަދަލުގައި އައިސްފައިވަނީ ޗައިނާގެ ނަމެވެ. ޓިބެޓަކީ ޗައިނާގެ ބަޔެއްކަމުގައިވާތީ ތާރީޚުގެ އެދުރުންވަނީ މިރިވާޔަތުގައި ޚިލާފެއްނެތްކަމަށް ނިންމަވައިފައެވެ.

+ + +

އިސްވެދިޔަ ޞަފްޙާތަކުގައި އަލިއަޅުވާލައިފައިވާ ފަދައިން އަމީރުލްމުއުމިނީން ޢުމަރު ބުނު ޢަބްދުލްޢަޒީޒުވަނީ ސަރުކާރުގެ ދާއިރާތަކަށް ވަރަށް ގިނަ އިޞްލާޙީ ބަދަލުތަކެއް ގެންނަވައިފައެވެ. އުންމަތުގެ އަފްރާދުންގެ އުޅުމާއި އަޚްލާޤަށް ނުހަނު ގިނަދުވަހަށް ދެމިހުންނަ ފަދަ ހެޔޮ އިންޤިލާބެއް ގެނެސްދެއްވައިފައެވެ. ހަމައެފަދައިން ދީނީ ތަޢުލީމު ފެތުރުއްވުމަށާއި މިހުނަށް ހެޔޮގޮތާއި ތެދުމަގު ދެއްކެވުމަށްވެސް ނުހަނު ފަރުވާތެރިކަން ބަހައްޓަވައި ސަމާލުކަން ދެއްވިއެވެ. ޤާޟީ އަބޫބަކުރު ބުނު ޙަޒަމް ލިޔުއްވައިފައިވެއެވެ.

"ޢުމަރު ބުނު ޢަބްދުލްޢަޒީޒު ރަޙިމަހުﷲ އުންމަތުގެ އަފުރާދުންނަށް ނަސޭހަތްދެއްވިއެވެ. ތިޔަބައިމީހުން ޢިލްމީ މަޖްލިސްތަކުގައި ބައިވެރިވާށެވެ. ނޭނގޭމީހުންނަށް އުނގެނެވި ދަސްވުމަށްޓަކައެވެ. އެހެނީ ޢިލްމު ވަންހަނާ ނުކުރެވޭހައި ހިނދަކު ޢިލްމު ނެތިވެ އުވިގެނެއް ނުދާނެއެވެ."

ހަމައެފަދައިން އެކަލޭގެފާނުގެ ގަވަރުނަރަކަށް ލިޔުއްވިއެވެ.

"ޢިލްމުވެރީންނަށް އެބޭކަލުންގެ މިސްކިތްތަކުގައި ޢިލްމީ މަޖްލިސްތައް ބާއްވަވައި ޢިލްމު ފަތުރުއްވަން އަމުރުކުރާށެވެ. އެހެނީ ޙަދީޘު ޢިލްމު ހީނަރުވަމުން ނެތެމުން އެބަދެއެވެ."(އިބްނުލްޖައުޒީ)

އެނގިވަޑައިގަންނަވާނެ ފަދައިން އިސްލާމީ އުންމަތުގެ ރަންދައުރުގައި މިސްކިތްތަކަކީ ބޮޑެތި ޢިލްމީ އިދާރާތަކެކެވެ. ޔުނިވަރސިޓީތަކެއްވެސްމެއެވެ. ޢިލްމު ފެތުރުމަކީ މިސްކިތްތަކުގެ ދައުރުގައި ހިމެނޭ ޚާއްޞަ އެއް މަޤްޞަދެވެ.

ޞަޙަރާތަކުގެ ބަދަވީންނަށް އުނގަންނައިދެއްވުމަށްވެސް ސަމާލުކަންދެއްވިއެވެ. އެކަމަށްޓަކައި ޔަޒީދުބުނު އަބީ މާލިކު ދިމިޝްޤީ ރަޙިމަހުﷲ އާއި، ޙާރިޘު ބުނު ޔަމްޖަދު އަލްއަޝްޢަރީ ރަޙިމަހުﷲ ފޮނުއްވިއެވެ. އަބްދުﷲ ބުނު ޢުމަރު ރަޟިޔަﷲ މިނިވަންކުރެއްވި ބޭކަލެއްކަމުގައިވާ ނާފިޢު ރަޙިމަހުﷲ މިސްރަށް ފޮނުއްވިއެވެ. މުސްލިމުންނަށް ޙަދީޘް ޢިލްމު ދަސްކޮށްދެއްވުމަށްޓަކައެވެ. އެކަލޭގެފާނަކީ މަދީނާގެ ވަރަށް އަރައިހުންނެވި ފަޤީހެކެވެ. ޤާރީ ޖަޢުޘަލް ބުނު ޢާމާން ޤުރްއާންކިޔަވައި ދެއްވަން މިސުރަށާއި، އުތުރު އެފްރިކާއަށް ފޮނުއްވިއެވެ. ޙައްލާޖު ބުނު ކަޘީރު އުމަވީ ރަޙިމަހުﷲ އިސްކަންދަރިއްޔާގެ ވާޢިޠަކަށް ހަމަޖެއްސެވިއެވެ. ޙިޖާޒަށް ކަނޑައަޅުއްވައިފައިވާ ވާޢިޠަށް ކޮންމެ ތިންދުވަހަކުން އެއްދުވަހަކު ދަރުސެއްބާއްވަވަން އަމުރުކުރެއްވިއެވެ. ޔަޒީދު ބުނު އަބީ ޙަބީބު ރަޙިމަހުﷲ އަށް މިޞުރުގެ މުސްލިމުންނަށް ޙަދީޘު ޢިލްމާއި ފިޤުޙު ޢިލްމު ކިޔަވައިދެއްވަން އެންގެވިއެވެ. (ހުސްނުލް މުޙާޟިރާ – ހާފިޒު ސުޔޫޠީ ރަޙިމަހުﷲ)

އަމީރުލްމުއުމިނީން ޢުމަރު ބުނު ޢަބްދުލްޢަޒީޒު ރަޙިމަހުﷲ ރަން ޚިދުމަތްތަކުގެ ތެރެއިން އެންމެ އަގުއަރާ ހުރި އެއް ޖަވާހިރަކީ ޙަދީޘު ފޮތްތައް ލިޔުއްވުމެވެ. ޢިލްމުވެރިޔަކު ވިދާޅުވާގޮތުގައި ޢުމަރު ބުނު ޢަބްދުލްޢަޒީޒު ޙަދީޘު ލިޔުއްވުމަށް ސަމާލުކަން ނުދެއްވިނަމަ ބުޚާރީ އާއި މުސްލިމާއި އަދި މިނޫންވެސް ޞައްޙަ ޙަދީޘްފުޅުތަކުގެ ފޮތްތައް ވުޖޫދަށް ނައުމަކީ ދުރުކަމެއް ނޫނެވެ. ( ސީރަތު ޢުމަރު ބުނު ޢަބްދުލްޢަޒީޒު- އަބްދުއްސަލާމް ނަދުވީ)

ޙަދީޘާއި ފިޤުހުގެ އަފޫރުއްބަ ޢިލްމުވެރީން ތަބީޢީ ހަމައިގެ މަތީން އާޚިރަތުގެ ގޮވައްޗަށް ދަތުރު ކުރައްވަމުން ގެންދަވާތަން ފެނިވަޑައިގަންނަވަމުންދާތީ ދީނީ ޢިލްމުތައް ނެތިގެން ހިނގައިދާނެކަމަށް އުމަރު ބުނު ޢަބްދުލްޢަޒޒު ބިރުފުޅުގެން ވަޑައިގެންނެވިއެވެ. އެހެންކަމުން އެކަލޭގެފާނު މަދީނާގެ ގަވަރުނަރު ޤާޟީ އަބޫބަކުރު ބުނު ޙަޒަމް ރަޙިމަހުﷲއަށް ލިޔުއްވިއެވެ.

"ނަބަވީ ޙަދީޘްފުޅުތައް ހޯއްދަވައި ލިޔުއްވާށެވެ. އެހެނީ ޢިލްމު ގެއްލިގެން ހިނގައިދާނެތީ އާއި، ޢިލްމުވެރީން ހުސްވެދާނެތީ އަހަރެން އެބަ ބިރުގަނެއެވެ. ލިޔުއްވާއިރު ހަމައެކަނި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘްފުޅުތައް ޤަބޫލުކުރައްވާށެވެ. " (ޞަޙީޙު ބުޚާރީ – ކިތާބުލް ޢިލްމު)

އަމީރުލްމުއުމިނީން ޢުމަރު ބުނު ޢަބްދުލްޢަޒީޒު ރަޙިމަހުﷲ މިމޭރުމުން އިސްލާމީ ހުރިހާ ޕްރޮވިންސްތަކެއްގެ ގަވަރުނަރުންނަށް ފަތްތޫރަ ހިންގެވިއެވެ. މިއަމުރުފުޅާ ވިދިގެން އެއްކުރެވުނު ހުރިހާ ޙަދީޘްފުޅުތަކެއް ލިޔުއްވައި އިސްލާމީ ދައުލަތުގެ ކަންކޮޅުތަކަށް ބައްސަވައިލެއްވިއެވެ. ("ފަތުޙުލްބާރީ – އިބްނު ޙަޖަރު)

ޙަދީޘްފުޅުތަކުގެ އިތުރަށް މުސްލިމުންކޮށްފައިވާ ހަނގުރާމަތަކާއި، ޞަޙާބީންގެ ޙަޔާތްޕުޅާ ބެހޭގޮތުން ޢިލްމު އުނގަނައިދެއްވަންވެސް ސަމާލުކަން ދެއްވިއެވެ. ޢާޞިމު ބުނު ޢުމަރު ބުނު ޤަތާދާ ރަޙިމަހުﷲ އަކީ ސީރަތާއި، މަޣާޒީގެ ވަރަށް އަރާހުންނެވި ޢާލިމެކެވެ. ދިމިޝްޤުގެ ހުކުރު މިސްކިތުގައި މިރޮނގުން ދަރުސުދެއްވަން އެކަލޭގެފާނަށް އެންގެވިއެވެ. (އިބްނު ޙަޖަރު ޢަސްޤަލާނީ)

ޢުމަރު ބުނު ޢަބްދުލްޢަޒީޒުގެ ޢިލްމު ފެތުރުއްވުމުގެ ޚާއްޞަ ދާއިރާއަކީ ދީނީ ޢިލްމުތައް ކަމުގައިވުމާއެކުވެސް އެކަލޭގެފާނު އެހެނިހެން ޢިލްމުތަކުގެ މައިދާނުގައިވެސް މުސްލިމުން ބީރައްޓެހިކަމުގެ ތެރެޔަށް ދޫކޮށެއްނުލައްވައެވެ. މަރްވާނު ބުނުލް ޙަކަމުގެ ޒަމާނުގައި ވަނީ ގުރީކު ޙަކީމެއްކަމުގައިވާ އަހެރަން އަލްޤިސްގެ މަޝްހޫރު ބޭސްފޮތް އަރަބި ބަހަށް ތަރުޖަމާކުރެވިފައެވެ. ޢުމަރު ބުނު ޢަބްދުލްޢަޒީޒު އެފޮތުގެ ނަކަލުތައް ތައްޔާރުކުރައްވައި އިސްލާމީ ދައުލަތުގެ ސަރަޙައްދަށް ބެއްސެވިއެވެ.

ޢުމަރު ބުނު ޢަބްދުލްޢަޒީޒުގެ އެކަލޭގެފާނުގެ ޚަރަދުކުޑަކުރެއްވުމާއި އިސްރާފު ނައްތައިލެއްވުމުގެ ސިޔާސަތުގެ ދަށުން އިންތިހާ ދަރަޖައިގެ ހިފެހެއްޓެވުންތެރިކަމާއިއެކު ހޭދަ ކުރައްވަމުން ގެންދެވިއިރުވެސް ޢިލްމުވެރީންނަށާއި ކިޔަވާކުދީންނަށް ޚަރަދުކުރެއްވުމުގައި ހުންނެވީ ޚަޒާނާތައް އަނގަމަތިކޮށްލަވައިގެންނެވެ. ދައުލަތުގެ ދުރު ސަރަޙައްދުތަކުން ޢިލްމުވެރީންނާއި، ފިޤުހުވެރީން އަރިހަށް ގެންނަވައި ކަމޭހިތްތަވައި ދީލަތިފުޅުކަން ބެހެއްޓެވިއވެ. ދައުލަތް ހިންގެވުމާ ބެހޭގޮތުންނާއި، ޢިލްމީ މައްސަލަތަކާމެދު ޚިޔާލުފުޅުތައް ހޯއްދަވައި މަޝްވަރާކުރައްވަމުން ގެންދެވިއެވެ. ކިޔަވައިވިދާޅުވުމަށާއި، ކިޔަވައިދެއްވުމަށް ޙަޔާތްޕުޅު ވަގުފުކުރައްވައިގެން ތިއްބެވި ޢާލިމުން، ދިރިއުޅުއްވުމުގެ ޚަރަދު ބަރަދާ މެދު ފިކުރުހިންގެވުމުން ސަލާމަތްކުރެއްވުމަކީ ވާޖިބެއްކަމުގައި ދެކެވަޑައިގެންނެވއެވެ. މިގޮތުން ޙިމުސުގެ ގަވަރުނަރަށް ލިޔުއްވިއެވެ.

(ނުނިމޭ)

comment ކޮމެންޓް