ފުނައްޑޫ ފަރަށް އެރި ހިލަ ބާޖު އަދިވެސް ފުން ނުކުރެވޭ

ފުނައްޑޫ ފުއްޓަރު ފަރާތުފަރަށް އަރާފައިވާ ބާޖު --- ސަން ފޮޓޯ: ކިޔުންތެރިއެއް

ތ. ތިމަރަފުއްޓަށް ބޮޑު ހިލަ ހިފައިގެން ދަތުރުކުރަނިކޮށް އެ އަތޮޅު ފުނައްޑޫ ފަރަށް އެރި ބާޖު އަދިވެސް ފުން ނުކުރެވޭ ކަމަށް މައުލޫމާތު ލިބެއްޖެއެވެ.

އެ ބާޖު ފަރަށް އަރާފައި ވަނީ މިދިޔަ އަންގާރަ ދުވަހުގެ ހަވީރު އެވެ. އެމްޓީސީސީން ތިމަރަފުށީ އެއާޕޯޓްގެ ހިއްކި ސަރަހައްދު ހިމާޔާތް ކުރުމަށް ގެންދިޔަ ހިލަ ބާޖު ފަރަށް އަރާފައި ވަނީ ޓަގު ބޯޓާ އެކުއެވެ. އެ ދެ އުޅަނދު ފުން ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރި ވަނީ ބޯޓުގެ ފަޅުވެރިންނާއި ތިމަރަފުށީގެ ބައެއް ރައްޔިތުންނެވެ.

އެ މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތަކުން 'ސަން'އަށް ކިޔައިދިން ގޮތުގައި ބާޖާއި ޓަގް އެއްކޮށް ފަރަށް އެރުމުން މިވަގުތު މަސަތްކަތް ކުރަމުންދަނީ ޓަގް ފުން ކުރުމަށް ކަމަށެވެ.

"ފުއްޓަރު ފަރާތު ފަރަށް އެރުމުގެ ސަބަބުން ފުންކުރުމުގެ މަސަތްކަތައް ވަރަށް ބޮޑުދަތިތަކެއް ކުރިމަތިވެފައި ވަނީ. ނަމަވެސް ހެނދުނުގެ ހިކި ދިޔަގާއި ރާޅު ނެތުމުން ކޮންމެވެސް ވަރެއްގެ ކުރިއެރުންތަކެއްް ލިބެމުން ދަނީ،" ބާޖު ފުންކުރުމުގައި ހަރަކާތްތެރިވާ ފަރާތެއް ކިޔައިދިިނެވެ.

އޭނާ ބުނީ ބާޖުން އެއްވެސް ވަރަކަށް ހިލަ މޫދަށް ނުފައިބާ ކަމަށާއި ޓަގް ފުންކުރެވުނުހާ އަވަހަކަށް ޓަގްގެ އެހިތެރިކަމާ އެކު ބާޖު ފުންކުރުމުގެ މަސަތްކަތް ފަށާނެ ކަމަށެވެ.

ބާޖުން މޫދަށް ހިލަ ނުފޭބި ނަމަވެސް ބެލެވޭ ގޮތުގައި ފަރަށް ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއްވާނެ އެވެ.

އެކަމާ ގުޅޭ ގޮތުން އެންވައިރުމެންޓް ޕްރޮޓެކްސަން އެޖެންސީ (އީޕީއޭ)ގެ ޑިރެކްޓަރު ޖެނެރަލް އިބްރާހީމް ނައީމް ވިދާޅުވީ ފުނައްޑޫ ފަރަށް ބޯޓެއް އަރައިގެން އުޅޭ ޚަބަރު ލިބިފައިވާ ކަމަށާއި އެކަމާ ގުޅޭ މައުލޫމާތު އެއްކުރަމުންދާ ކަމަށެވެ. ފަރަށް ލިބިފައިވާ ގެއްލުން ދިރާސާކުރުމަށް ފަހު ޒިންމާވާ ފަރާތެއް ޖޫރިމަނާކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

comment ކޮމެންޓް