އެމެރިކާގެ ޑީޕޯޓޭޝަން ސިޔާސަތު ގަބޫލު ނުކުރާނެ ކަމަށް މެކްސިކޯއިން ބުނެފި

މެކްސިކޯގެ ފޮރިން މިނިސްޓަރު ލުއިސް ވިޑެގަރޭ ވަނީ އެމެރިކާގެ އާގަވާއިދުތައް ކުށްވެރިކުރައްވާފައި -- ފޮޓޯ: އޭއެފްޕީ

މެކްސިކޯ ސިޓީ (ފެބްރުއަރީ 23): އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޑީޕޯޓޭޝަން ސިޔާސަތުގެ އާ ގަވާއިދުތައް ގަބޫލު ނުކުރާނެ ކަމަށް މެކްސިކޯގެ ފޮރިން މިނިސްޓްރީން ބުނެފި އެވެ.

އަންގާރަ ދުވަހު ރައީސް ޓްރަމްޕްގެ ސަރުކާރުން ހާމަ ކުރި ގަވާއިދުތަކުގެ ދަށުން ގަވާއިދާ ހިލާފަށް އެމެރިކާ އަށް ގޮސްފައިވާ މީހުން، އެއީ މެކްސިކޯގެ ރައްޔިތުން ކަމުގައި ނުވި ނަމަވެސް އެމީހުން މެކްސިކޯއަށް ޑީޕޯޓު ކުރެވޭނެ އެވެ.

ނަމަވެސް މެކްސިކޯގެ ފޮރިން މިނިސްޓަރު ލުއިސް ވިޑެގަރޭ ވަނީ "އެއް ސަރުކާރުން އެހެން ސަރުކާރެއްގެ މައްޗަށް ނިންމާ ނިންމުންތައް" އެގައުމުން ގަބޫލު ނުކުރާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ބޭރު ގައުމުތަކުގައި ތިބި މެކްސިކޯގެ ރައްޔިތުންގެ އިންސާނީ ހައްގުތަކާއި މިނިވަންކަން ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން ދިފާއު ކުރުމަށް އދ. ފަދަ ބައިނަލްއަގުވާމީ ޖަމްއިއްޔާތަކަށް މައްސަލަ ހުށަހަޅަން ފަސްނުޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ.

މެކްސިކޯ އާއި އެމެރިކާގެ ދެމެދުގައި އެދެބަސްވުންތައް އުފެދިފައި ވަނީ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ރެކްސް ޓިލާސަން އާއި ހެޑް އޮފް ހޯމްލޭންޑް ސެކިއުރިޓީ ޖޯން ކެލީ މެކްސިކޯގެ ރައީސް އެންރީކޭ ޕެންޔާ ނިއޭޓޯއާ ބައްދަލުކުރައްވަން ހަމަޖައްސާފައި ވަނިކޮށެވެ. އެބައްދަލުވުންތަކުގައި އާ ގަވާއިދުތައް ތަންފީޒުކުރާނެ ގޮތާ ބެހޭ ގޮތުން ތިން ބޭފުޅުން މަޝްވަރާ ކުރައްވާނެ ކަމަށް ވައިޓްހައުސްއިން ބުނެ އެވެ.

ގަވާއިދާ ހިލާފަށް އެމެރިކާއަށް އެތެރެވެފައިވާ 11 މިލިއަން މީހުން އެގައުމުގައި ދިރިއުޅޭ ކަމަށް ލަފާ ކުރެވިފައިވާ އިރު އޭގެ ތެރެއިން ގިނަ ބަޔަކު ނިސްބަތްވަނީ މެކްސިކޯ އަށެވެ. އެމެރިކާގެ އިމިގްރޭޝަން ސިޔާސަތާއި ބޯޑާ ކޮންޓްރޯލް ހަރުކަށި ކުރުމަކީ އެގައުމުގެ ރައީސް ޓްރަމްޕްގެ މައި ކެމްޕެއިން ވައުދެކެވެ. (ބީބީސީ)

comment ކޮމެންޓް