ފާޑުކިޔުންތަކުގެ ސަބަބުން ދަރިފުޅުގެ ނަން ބަދަލު ކުރަން ވިސްނިން: ސައިފް

ބޮލީވުޑުގެ ޖޯޑު ސައިފް އަލީ ޚާން އަދި ކަރީނާ ކަޕޫރު ޚާންގެ ފުރަތަމަ ދަރިފުޅަށް ތައިމުރް ކިޔުމާ އެކު އެ ދެމަފިރިންނަށް ވަރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވި އެވެ.

ދަރިފުޅުގެ ނަން ހާމަކޮށްފައި ވަނީ ދެމީހުން ދިން ބަޔާނެއްގަ އެވެ. އެއާ އެކު ސޯޝަލް މީޑިއާގައި އެތައް ބަޔަކު ވަނީ އެ ނަމާ މެދު ހިތްހަމަނު ޖެހޭ ކަމަށް ބުނެ އެ ދެމަފިރިންނަށް ފާޑުކިޔައިފަ އެވެ.

ކަރީނާ އާއި ސައިފް އަށް މީހުންގެ ފާޑުކިޔުން އަމާޒުވީ 13 ވަނަ ގަރުނުގައި އިންޑިއާގެ ވެރިކަން ކުރާ ސިޓީ ނިއު ދިއްލީގައި އަތްގަަދަ ކޮށްލައިގެން އުޅުނު މޮންގޯލިއާގެ ލީޑަރު ތިމޫރު ގެ ނަމާ، ތައިމުރް ވައްތަރު ކަމަށް ބުނެ އެވެ.

ހުރިހާ ފާޑުކިޔުމަކާ އެކު ވެސް ސައިފް އަދި ކަރީނާ ފެނިގެން ދިޔައީ ވަރަށް ހަމަޖެހިފައި ތިއްބަ އެވެ. ނަމަވެސް ފާޑުކިޔުންތަކުގެ ސަބަބުން އަސަރު ކުރި ކަމަށާއި އަދި ދަރިފުޅުގެ ނަން ބަދަލު ކުރަން ވިސްނި ކަމަށް ސައިފް މިވަނީ ހާމަކޮށްފަ އެވެ.

އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއު އެއްގައި ސައިފް ބުނީ އޭނާ ދަރިފުޅުގެ ނަން ބަދަލު ކުރަން ކަރީނާ އާ ވާހަކަ ދެއްކުމުން، ކަރީނާ އެކަމަށް އިންކާރު ކުރި ކަމަށެވެ.

ދަރިފުޅުގެ ނަން ބަދަލު ކުރުމަށް ޕީއާރު އެއްބަސްވި ކަމަށާއި، ބަޔާނެއް ވެސް ތައްޔާރު ކުރި ކަމަށް ސައިފް ބުންޏެވެ. ނަމަވެސް ކުރެވެން އުޅެނީ މޮޔަކަމެއް ކަން ވިސްނިގެން އެކަން ހުއްޓާލީ އެވެ.

"އަހަރެން އަދިވެސް ދަރިފުޅުގެ ނަން ބަދަލު ކޮށްފާނަން. ދެތިން އަހަރު ވުމުން،" ސައިފް ބުންޏެވެ.

ތައިމުރު އުފަންވެފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހު އެވެ.

comment ކޮމެންޓް