ފެނާއި ދިރުން ހުރެދާނެ ގުރަހަތަކެއް ހިމެނޭ އިރަވީ ނިޒާމެއް ފެނިއްޖެ!

ޓްރެޕިސްޓް-1 އިރަވީ ނިޒާމުގައި ހިމެނޭ ތަރިއާއި ހަތް ގުރަހަ --

ދުނިޔޭގެ ސައިޒުގެ ހަތް ގުރަހަ ހިމެނޭ އިރަވީ ނިޒާމެއް ފެނިއްޖެއެވެ. މި ނިޒާމުގައި ހިމެނޭ ހަތް ގުރަހައިގެ ތެރެއިން ތިން ގުރަހައެއް، އިރަވީ ނިޒާމުގައި ހިމެނޭ ތަރީގެ ވަށައިގެން އެނބުރެމުން ދަނީ ފެން އުފެދުމަށް އެންމެ އެކަށީގެންވާ ދުރުމިނުގައެވެ.

ޓްރެޕިސްޓް-1 ގެ ނަމުން ނަން ދީފައިވާ މި ތަރިއާ އެކު، މި އިރަވީ ނިޒާމު އޮންނަނީ އެކުއޭރިއަސް ކޮންސްޓެލޭޝަންގައެވެ. މިއީ ދުނިޔެއާ 40 އަލިއަހަރު (235 ޓްރިލިޔަން މޭލު) ދުރެވެ.

މި ނިޒާމުގައި ހިމެނޭ ގުރަހަތައް އެންމެ ފުރަތަމަ ފެނުނީ 2016 ވަނަ އަހަރުއެވެ. އެއީ ޗިލީގައި ބެލްޖިއަމުން އޮޕަރޭޓުކުރާ ޓްރެޕިސްޓް ޓެލެސްކޯޕުންނެވެ. އެފަހަރު ފެނުނީ އެންމެ ދެ ގުރަހައެވެ.

ނަމަވެސް ނާސާގެ ސްޕިޓްޒާ އިންފްރާރެޑް ސްޕޭސް ޓެލެސްކޯޕުގެ އެހީގައި އިތުރު ފަސް ގުރަހަ ހޯދިއެވެ.

ދުނިޔެ ހިމެނޭ އިރަވީ ނިޒާމުގައި ހިމެނޭ އިރަކީ ޔެލޯ ޑްވޯފް ތަރިއެކެވެ. ނަމަވެސް ޓްރެޕިސްޓް-1 ތަރިއަކީ އަލްޓްރާ ކޫލް ޑްވޯފް ތަރިއެކެވެ. އެ ތަރީގެ ބޮޑުމިނަކީ، ދުނިޔޭގެ އިރަވީ ނިޒާމުގެ އިރުގެ އެންމެ އަށް ޕަސަންޓެވެ. ދުނިޔެ ހިމެނޭ އިރަވީ ނިޒާމުގެ އިރުގެ ހޫނުމިނަކީ، ޓްރެޕިސްޓް-1 ތަރީގެ ހޫނުމިނުގެ ދެގުނައެވެ.

ނާސާއިން މިރޭ އާންމުކުރި މައުލޫމާތުތަކަށް ބަލާއިރު، ޓްރެޕިސްޓް-1 ތަރި ހިމެނޭ އިރަވީ ނިޒާމުގައި، ހަތް ގުރަހައެއް ހިމެނެއެވެ. އެ ހަތް ގުރަހައިގެ ތެރެއިން ތިން ގުރަހަ އޮތީ "ހެބިޓަބަލް ޒޯން"އެއްގައެވެ. މާނައަކީ، އެ ތަރިތައް ހުރީ ޓްރެޕިސްޓް-1 ގެ އިރަވީ ނިޒާމުގައި، ފެނާއި ދިރުންތައް ހުރުމަށް އެންމެ އެކަށީގެންވާ ދުރުމިނުގައެވެ.

ޓްރެޕިސްޓް-1 އިރަވީ ނިޒާމުގައި ހިމެނޭ ތަރިއާއި ހަތް ގުރަހަ --

އެހެންކަމުން އެ ތިން ގުރަހައިގައި ވެސް ދިރުންތައް ހުރެދާނެ ކަމަށް ސައިންސްވެރިން ބުނެއެވެ.

އަލަށް ފެނުނު އިރަވީ ނިޒާމުގައި ހިމެނޭ ހަތް ގުރަހައަކީވެސް ދުނިޔެއާ ދާދި އެއް ސައިޒެއްގެ ގުރަހަތަކެކެވެ. އެހެން ނަމަވެސް އެ އިރަވީ ނިޒާމުގެ އިރު ކަމުގައިވާ ޓްރެޕިސްޓް-1 ތަރީގެ ސައިޒުން ކުޑަވުމުގެ ސަބަބުން، ނިޒާމުގައި ހިމެނޭ އެހެން ގުރަހަތައް ކުޑަ ކަމަށް ހީވެއެވެ.

ޔުނިވާސިޓީ އޮފް ކެމްބްރިޖުގެ އެސްޓްރޮނޮމާ ޑރ. އަމޫރީ ޓްރިއޮޑް ވިދާޅުވީ މިއީ ދުނިޔެއިން ބޭރުގައި ދިރުންތައް އުޅޭތޯ ބެލުމަށް ލިބުނު ވަރަށް ބޮޑު ފުރުސަތެއް ކަމަށެވެ.

"މި މައުލޫމާތު ވަރަށް ސާފު. އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާފު،" އޭނާ ރޮއިޓާސްއަށް ވިދާޅުވިއެވެ.

މިއީ މިހާތަނަށް އެންމެ ގިނަ ގުރަހައާ އެކު ފެނިފައިވާ އިރަވީ ނިޒާމެވެ.

comment ކޮމެންޓް