ލަންކާގައި އަންހެނުންނަށް ދޭ ޕްރޮފެޝަނަލް އެވޯޑަކަށް ކުރިމަތިލުމުގެ ފުރުސަތު ދިވެހީންނަށް!

ސްރީލަންކާގައި އަންހެނުން ބާރުވެރިކުރުމުގެ މަސައްކަތް ކުރާ ޖަމިއްޔާ "ވިމެން އިން މެނޭޖްމެންޓް"އައި އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން (އައިއެފްސީ) ގުޅިގެން، އެކި ދާއިރާތަކުގައި މަސައްކަތްކުރާ ޕްރޮފެޝަނަލް އަންހެނުންނަށް ކޮންމެ އަހަރަކުވެސް ދޭ "ޕްރޮފެޝަނަލް އެންޑް ކެރިއާ ވިމެންސް އެވޯޑު"އަށް ދިވެހި އަންހެނުންވެސް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ވިމެން އިން މެނޭޖްމެންޓް ޖަމިއްޔާއިން މި އެވޯޑު ދޭ މިއީ ހަތްވަނަ އަހަރެވެ. އަދި މިއަހަރަކީ އައިއެފްސީއާ ގުޅިގެން މި އެވޯޑު ދޭ ތިންވަނަ އަހަރެވެ.

ވިމެން އިން މެނޭޖްމެންޓުން ބުނާ ގޮތުގައި، މިހާރު ވަނީ އެ އެވޯޑަށް ނޮމިނޭޝަންސް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައެވެ. މިއަހަރުގެ އެވޯޑު ހަފްލާ ޖުލައި 14 ވަނަ ދުވަހު އޮންނަ އިރު، އެ ހަފްލާގައި އެކި ދާއިރާތަކުން ފާހަގަކުރެވޭ ޕްރޮފެޝަނަލް 50 އަންހެނަކު ފާހަގަކޮށް، އެވޯޑު ދޭނެއެވެ.

ވިމެން އިން މެނޭޖްމެންޓްގެ މިއަހަރުގެ ޕްރޮފެޝަނަލް އެންޑް ކެރިއާ ވިމެން އެވޯޑަށް ވަނީ ދިވެހި އަންހެނުންނަށް ވެސް ނަން ހުށަހެޅުމުގެ ފުރުސަތު ދިނުމަށް ނިންމައިފައެވެ.

މިއަހަރުގެ އެވޯޑު ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، ސްރީލަންކާގައި ހުންނަވާ ދިވެހި ސަފީރު ޒާހިޔާ ޒަރީރު ބައިވެރިވެވަޑައިގެންނެވި އިރު، އެކަމަނާ ވިދާޅުވީ މި އެވޯޑަށް ދިވެހި އަންހެނުންނަށް ވެސް ކުރިމަތިލުމުގެ ފުރުސަތު ލިބުމަކީ، ރާއްޖޭގެ އެންމެ ގާތް އަވަށްޓެރިންނާ ވާދަވެރިކަމާއި އެކުވެރިކަން އުފެއްދުމަށް ލިބޭ ރަނގަޅު ފުރުސަތެއް ކަމަށެވެ.

ޒާހިޔާ އިތުރަށް ވިދާޅުވީ އަންހެނުންނަށް އެމީހުންގެ ހުނަރުތައް ދައްކާލުމަށް ފުރުސަތާއި އެއްބާރުލުން ލިބެންޖެހޭ ކަމަށާއި، ޕްރޮފެޝަނަލް އެންޑް ކެރިއާ ވިމެން އެވޯޑަކީ އެކަމަށް ވެސް ލިބޭ ރަނގަޅު ފުރުސަތެއް ކަމަށެވެ. މީގެ އިތުރުން އިގްތިސާދީ ކުރިއެރުމަށް އަންހެނުންގެ ފަރާތުން އަދާކުރެވިދާނެ ދައުރާ މެދު ޒާހިޔާ ވާހަކަ ދެއްކެވިއެވެ.

މި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާނީ ފެބްރުއަރީ 25 އިން ފެށިގެން މިއަހަރުގެ މޭ މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ.

އެވޯޑު އިންތިޒާމުކުރާ ވިމެން އިން މެނޭޖްމެންޓް ޖަމިއްޔާގެ ޗެއާޕާސަން ސުލޯޗަނާ ސެގެރާ ވިދާޅުވި ގޮތުގައި، ސްރީލަންކާއިން މިހާރު ދަނީ އަންހެނުންނަށް ހަމަހަމަ، ތަފާތު ފުރުސަތުތަކެއް އުފައްދަމުންނެވެ.

comment ކޮމެންޓް