ފްލައިޓު ޑިލޭވެގެން ފަސް އެއާލައިނަކުން ފަސިންޖަރުންނަށް ބަދަލު ދިނުމަށް އަންގައިފި

އެމިރޭޓްސްގެ ފްލައިޓެއް ---

ޑިލޭވާ ފްލައިޓުތަކަށް، ފަސިންޖަރުންނަށް މާލީ ގެއްލުމުގެ ބަދަލު ދޭންޖެހޭނެ ކަމަށް، ވިލާތަށް ދަތުރުކުރާ ފަސް އެއާލައިނަކަށް އިނގިރޭސި ވިލާތުން އަންގައިފިއެވެ.

ވިލާތުގެ އިއްތިހާދުގެ ގާނޫނުތައް ބުނާ ގޮތުން، ޑިލޭވާ ފްލައިޓުތަކާ ގުޅިގެން، އެއާލައިންތަކުން ފަސިންޖަރުންނަށް މާލީ ބަދަލެއް ދޭންޖެހެއެވެ.

ބީބީސީ ރިޕޯޓު ކުރާ ގޮތުގައި އެމެރިކަން އެއާލައިންސް، އިއްތިހާރު އެއާވޭސް، އެމިރޭޓްސް، ސިންގަޕޯރ އެއާލައިންސް އަދި ޓާކިޝް އެއާލައިންސްއިން ޑިލޭވާ ފްލައިޓުތަކާ ގުޅިގެން ފަސިންޖަރުންނަށް ބަދަލެއް ނުދެއެވެ. އެ އެއާލައިންތަކަށް އިނގިރޭސިވިލާތުން ވަނީ، ފަސިންޖަރުންނަށް މާލީ ބަދަލު ދިނުމަށް އަންގައިފައެވެ. އަދި ބަދަލު ނުދޭ ނަމަ ކޯޓަށް މައްސަލަ ހުށަހަޅާނެ ކަމުގެ އިންޒާރުވެސް ވަނީ ދީފައެވެ.

އެ ފަސް އެއާލައިނުން ބުނި ގޮތުގައި، އެ އެއާލައިންތަކުގެ ފްލައިޓެއް ޑިލޭވެގެން ފަސިންޖަރުންގެ ކަނެކްޓިންގް ފްލައިޓެއް ގެއްލުމަކީ ފްލައިޓު ޑިލޭވެގެން ބަދަލު ދޭންޖެހޭ ހާލަތެއް ކަމުގައި އެފަރާތްތަކުން ބަލައެއް ނުގަނެއެވެ.

އެހެން ނަމަވެސް، ފަސިންޖަރުގެ އެންމެ ފަހުގެ މަންޒިލަށް ދެވޭނެ ވަގުތަށް ވުރެ ތިން ގަޑިއިރު ލަހުން ދެވޭ ނަމަ، އެއީ ބަދަލު ދޭންޖެހޭ ފަދަ ހާލަތެކެވެ.

ޔޫރަޕުގެ ކޮންމެ އެއާޕޯޓަކުން ފުރާ، ކޮންމެ ގައުމެއްގެ ކޮންމެ ފްލައިޓަކަށް ވެސް މި ގަވައިދު ހިނގާނެއެވެ.

އިނގިރޭސި ވިލާތުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ޑިރެކްޓަރ އޮފް ކޮންސިއުމާސް އެންޑް މާކެޓްސް ރިޗަޑް މޮރިއާޓީ ވިދާޅުވީ، އެ އެއާލައިންތަކުގެ އަމަލާ މެދު ހިތްހަމަނުޖެހުން ބޮޑު ކަމަށެވެ.

"އެއާލައިންތަކުގެ އެންމެ ފުރަތަމަ ޒިންމާއަކީ ފަސިންޖަރުންނަށް ބެލުން. އަދި ފަސިންޖަރުންގެ ހައްގުތައް ހޯދުމަށް ހުރަސް އެޅުމެއް ނޫން،" އޭނާ ވިދާޅުވިއެވެ.

ތިން ގަޑިއިރަށް ވުރެ އިތުރަށް ޑިލޭވާ، ކުރު ފްލައިޓުތަކަށް ބަދަލުގެ ގޮތުގައި ފަސިންޖަރުންނަށް 268 ޑޮލަރު، މީޑިއަމް ހޯލް ދަތުރުތަކަށް 421 ޑޮލަރު، އަދި ދިގު ފްލައިޓުތަކަށް 630 ޑޮލަރާ ހަމައަށް ހޯދޭނެއެވެ.

ފަސް އެއާލައިނުންވެސް ގާތްގަނޑަކަށް ދެލައްކަ ފަސިންޖަރުންނަށް ބަދަލު ނުދީ ވެއެވެ.

comment ކޮމެންޓް