ލަންކާގައި ދިވެއްސަކު ގެއްލިގެން ހޯދަނީ

ލަންކާގައި ގެއްލިގެން ހޯދަމުން ދަނީ، ފ. ފީއަލީ، އުމުރުން 67 އަހަރުގެ މުޙައްމަދު ޢަލީ -- ސަން ފޮޓޯ

ސްރީ ލަންކާއަށް ދިޔަ ދިވެއްސަކު، ވީނުވީއެއް ނޭނގި ގެއްލިގެން ހޯދަން ފަށައިފިއެވެ.

ގެއްލިގެން ހޯދަމުން ދަނީ، ފ. ފީއަލީ، އުމުރުން 67 އަހަރުގެ މުޙައްމަދު ޢަލީއެވެ.

ސަންއަށް އެނގިފައިވާ ގޮތުގައި މުހައްމަދު އަލީ ލަންކާއަށް ގޮސް ހުރީ އެތަނުގައި ދިރިއުޅޭ އޭނާގެ އާއިލާއަށް ޒިޔާރަތްކުރުމަށެވެ.

ލަންކާގައި ދިރިއުޅެމުންދާ، މުހައްމަދު އަލީގެ ދަރިއަކު ސަންއަށް މައުލޫމާތު ދިން ގޮތުގައި މިއަދު ހެނދުނު 10:00 އެހައިކަންހާއިރު ބޭރަށް ދިޔަގޮތަށް އޭނާ ހަބަރެއް ނުވެއެވެ.

"ބައްޕަ ބޭރަށް ދިޔައީ މިއަދު ހެނދުނު 10:00 ކަންހާއިރު. އަޅުގަނޑުމެން ސްކޫލްދޮށަށް ގޮސްފައި އައި އިރު، ބައްޕަ ގޭގައި ނެތީމަ ހޯދަން ފެށީ،" މުހައްމަދު އަލީގެ ދަރިއަކު ކިޔައިދިނެވެ.

މުހައްމަދު އަލީގެ އާއިލާ ލަންކާގައި ދިރިއުޅެނީ، ދެހިވަލައިގެ ގަލްވިހާރަ ރޯޑުގަައި ހުންނަ ގެއެއްގައެވެ.

"ސިއްހީގޮތުން އެއްވެސް މައްސަލައެއް ނުހުންނާނެ ބައްޕަގެ. ދެން ކޮންމެ ދުވަހަކުވެސް ހިނގާލަން ނުކުންނާނެ. އެކަމަކު އެހާ ދުރަކަށް ނުދާނެ،" އާއިލާއިން ކިޔައިދިނެވެ.

އޭނާ ބުނީ، މުހައްމަދު އަލީ ގެއްލުނުކަން މިހާރު ވާނީ، ލަންކާގައި ހުންނަ ދިވެހި ރާއްޖޭގެ އެމްބަސީގެ އެހީގައި ލަންކާގެ ފުލުހުންނަށް ވެސް ހުށަހަޅާފައި ކަމަށެވެ.

"ބައްޕަ އަތުގަ ފޯނެއް ނޯންނާނެ. ބޭރަށް ދިޔައިރު ލައިގެން ހުރީ ހުދު ކުލައިގެ ގޮޅި ޖެހި ގަމީހެއް. ދެން އާންމުކޮށް ދާނީ، ހިލް ސްޓްރީޓް ސަރަހައްދުގައި ހުންނަ މިސްކިތަށް. އަޅުގަނޑުމެން މުޅި އެ ސަރަހައްދުވެސް މިހާރު ބަލައިފިން. އަދި ޚަބަރެއް ނުވޭ،" އާއިލާއިން މައުލޫމާތު ދިނެވެ.

ރާއްޖޭގެ ޚާރިޖީ ވުޒާރާގެ ޕޮލިޓިކަލް ޑިރެކްޓަރު ހީނާ ވަލީދު، ސަންއަށް ވިދާޅުވީ، ލަންކާގައި ދިވެއްސަކު ގެއްލިގެން އުޅޭކަމުގެ މައުލޫމާތު އެ ވުޒާރާއަށް ލިބިފައިވާ ކަމަށާއި، އެމީހާ ހޯދުމަށް، ލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީން އާއިލާއަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ.

"އަދި އެމީހާ ނުފެނޭ. އެމްބަސީން ދަނީ، ގެއްލުނު މީހާ ހޯދުމަށް އެމީހާގެ އާއިލާއަށް އެހީތެރިވަމުން. މިހާރުވަނީ އެ މައްސަލަ ދެހިވަލަ ޕޮލިސް ސްޓޭޝަނަށް ހުށަހަޅާފައި،" ހީނާ ވިދާޅުވިއެވެ.

މުޙައްމަދު އަލީ ލަންކާއަށް ދިޔައީ، މިދިޔަ ޖެނުއަރީ މަހުގެ 31ގައެވެ. އޭނާ ވީތަނެއް ނުވަތަ އެނޫންވެސް މައުލޫމާތެއް އެނގޭ ފަރާތެއް ވާނަމަ، 0771516919 އަށް ގުޅުމަށް އާއިލާއިން އެދެއެވެ.

comment ކޮމެންޓް