ނުރައްކާ ބަލިން ސަލާމަތްވުމަށް، ގައުމީ ފެންވަރުގައި ނުކުންނަނީ!

"ހިމަބިހި" މިބައްޔަކީ ވަރަށް ފަސޭހައިން ފެތުރޭ ނުރައްކާތެރި ބައްޔެކެވެ. ފުރާނައަށް ނުރައްކާވާ ހާލަތް ގިނަ ފަހަރަށް ދިމާވެ އެވެ. ހާއްސަކޮށް ކުޑަކުދިންނަށެވެ. އެބަލި ރާއްޖެ އިން ނުފެންނަތާ ތިން އަހަރުވެއްޖެ އެވެ. ނަމަވެސް ރާއްޖެއަކީ ގިނަ އަދަދެއްގެ ޓޫރިސްޓުން އައިސް އުޅޭ ގައުމަކަށްވާއިރު އެބަލި ރާއްޖެ ފެތުރުމުގެ ފުރުސަތު ބޮޑުކަމަށް ހެލްތް މިނިސްޓްރީން ބުނެ އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ތަފާސް ހިސާބުތަކަށް ބަލާ އިރު 2015 ވަނަ އަހަރު އެކަނިވެސް އެބަލީގައި ދުނިޔެ އިން ވަނީ 134،200 އެއްހާ މީހުން މަރުވެފަ އެވެ. ގިނައިން އެބަލީގައި މަރުވަނީ ކުޑަކުދިންނެވެ. އެބައްޔަކީ ވަރަށް ފަސޭހައިން އެކަކު އަނެކަކު ގަޔަށް އަރާ ބައްޔެކެވެ. އެބަލި ފެތުރެނީ ނޭވާލާ ނިޒާމުގެ ތެރެއިންނެވެ.

ބަލީގެ އަލާމާތާއި ނުރައްކާތެރިކަން:

މިނުރައްކާތެރި ބަލީގެ އަލާމާތްތަނުގެ ތެރޭގައި ފުރަތަމަ އަންނަނީ ހުމެވެ. އެއަށް ފަހު ނޭފަތުން އަރިދަފުސް ފޭބުމާއި ކެއްސުން އަދި ލޯރަތްވުން ހިމެނެ އެވެ. ދެން ގައިގާ ކުދި ރަތްބިހިތަކެއް ނަގާފައި އަނގަތެރޭގައި ހުދު ބިހިތަކެއްނަގަ އެވެ.

އެބަލީގެ ސަބަބުން ދިމާވާ ނުރައްކާތެރި ކަންތަކުގެ ތެރޭގައި ލޯ އަނދިރިވުމާއި ސިކުނޑިއާއި ފުއްޕާމެއަަށް އިންފެކްޝަން އުފެދުން ހިމެނެ އެވެ. ހަމައެއާ އެކު ކަންފަތުގެ އިންފެކްޝަން އުފެދުމާއި މާގިނައިން ބޭރަށް ހިންގުން ހިމެނެ އެވެ. އޭގެ ސަބަބުން މީހާ އަނަރޫފަވެ އެވެ.

ހަމައެކަނި ފަރުވާއަކީ ވެކްސިން

އެނުރައްކާތެރި ބަލިން ސަލާމަތްވެވޭނެ ހަމައެކަނި ގޮތަކީ އެކަމަށް ހާއްސަ ވެކްސިނެވެ. ދުނިޔޭގައި އެވެކްސިން ދޭތާ މިހާރު 50 އަހަރުވަނީ ވެފަ އެވެ. އެބަލިން ރައްކާތެރިކަން ލިބެނީ ދެ ޑޯޒް ދީގެންނެވެ.

ދިވެހި ރާއްޖޭގައި އެވެކްސިން ދޭތާ މިއަހަރަށް 34 އަހަރެވެ. އެވެކްސިން ދެނީ އުމުރުން ނުވަ މަހުގަ އެވެ. ހެލްތް ޕުރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ބުނިގޮތުގައި ރާއްޖޭގެ މިހާރުގެ އާބާދީގެ 15 އަހަރުން ދަށުގެ ކުދިންގެ ތެރެއިން ގިނަ ކުދިންނަކީ އެވެކްސިންގެ ދެ ޑޯޒް ދެވިފައިވާ ކުދިންނެވެ. ނަމަވެސް 15 އަހަރާއި 25 އަހަރާއި ދެމެދުގެ ފަރާތްތަކަށް ދެ ޑޯޒް ދެވިފައެއްނުވެ އެވެ.

ހިމަބިހިން ސަލާމަތްވުމަށް ގައުމީ ކެމްޕެއިނެއް

އެޗްޕީއޭއިން މައުލޫމާތުދޭ ގޮތުގައި މިނުރައްކާތެރި ބަލިން ސަލާމަތްވެފައިވާ ގައުމެއްކަން ކަށަވަރު ކުރަން ސަރުކާރުން ވަނީ ނިންމާފަ އެވެ. މިސަރަހައްދުން އެކަމުގައި އެންމެ ކުރީގައި އުޅެނީވެސް ރާއްޖެ އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާއި ޔުނިސެފާއި ގުޅިގެން އެޗްޕީއޭ އިން މިހާރު ނިންމާފައި ވަނީ އެވެކްސިންގެ ދެ ޑޯޒް ނުދޭ ދިވެހިންނަށް އެދީ ނިންމާލުމަށެވެ. އެގޮތުން އަންނަ އާދިއްތަ ދުވަހުން ފެށިގެން ދެ ހަފްތާގެ ނިޔަލަށް އެކެމްޕެއިންގެ ދަށުން އެވެކްސިންގެ ދެ ޑޯޒް ނުދެވިވާ ފަރާތްތަކަށް ވެކްސިން ދިނުމަށް ވަނީ ނިންމާފަ އެވެ.

ދިވެހިންގެ ތެރެއިން 15 އަހަރާއި 25 އަހަރާއި ދެމެދުގެ ހުރިހާ ދިވެހިންނަށް އެވެކްސިން ދޭން ނިންމާފައިވާއިރު އަށް އަހަރާއި 15 އަހަރާއި ދެމެދުގެ ކުދިންގެ ތެރެއިން ދެވަނަ ޑޯޒް ނުދޭ ކުދިންނަށް ދިނުމަށް ވަނީ ނިންމާފަ އެވެ. އަށް އަހަރުން ދަށުގެ ކުދިންނަށް ވަނީ އެވެކްސިން ދެވިފަ އެވެ. އެވެކްސިން ދިނުމާ އެކު ރާއްޖެ އިން އެބަލި ނައްތާލެވުންކަން ކަށަވަރުވީ އެވެ.

އެވެކްސިން ދިނުމަށް ނިންމާފައި ވަނީ މުޅި ރާއްޖެއަށް ނިސްބަތްވާގޮތަށް ސިއްހީ ހިދުމަތްދޭ ތަންތަނާއި ތައުލީމްދޭ އިދާރާތަކުގެ ތެރެއިން ގިނަ މުވައްޒިފުން ވަޒީފާ އަދާ ކުރާ އިދާރާތަކާއި އެކަމަށް ހާއްސަ ކުރެވިފައިވާ ޕޮއިންޓްތަކުގަ އެވެ.

ބަލި ވުމުގެ ކުރިން ފިޔަވަޅު އެޅުން މުހިންމެވެ. ހާއްސަކޮށް އެފަދަ ނުރައްކާތެރި ބަލިތަކުން ސަލާމަތްވުމަށް އެވެކްސިން ޖެހުން ވަރަށް ވެސް މުހިންމެވެ. މިއީ އެނުރައްކާ ބަލިން ސަލާމަތްވެވޭނެ ފަސޭހަ ގޮތެކެވެ.

comment ކޮމެންޓް