ސްކޮޑަށް ބަދަލުތަކެއް ގެނަޔަސް، ރެއާލަށް އަސަރެއް ނުކުރާނެ: ރޮޑްރިގޭޒް

ރެއާލް މެޑްރިޑްގެ ކޮލަމްބިއާ މިޑްފީލްޑަރު ހަމޭސް ރޮޑްރިގޭޒް --- ފޮޓޯ: ގެޓީ

ރެއާލް މެޑްރިޑްގެ ސްކޮޑަށް ބަދަލުތަކެއް ގެނަޔަސް، އެކަމުގެ އަސަރެއް ޓީމަށް ނުކުރާނެ ކަމަށް އެ ކްލަބުގެ ކޮލަމްބިއާ ހަމޭސް ރޮޑްރިގޭޒް ބުނެފިއެވެ.

ސްޕެނިޝް ލަ ލީގާގައި މިރޭ ވެލެންސިއާއާ ދެކޮޅަށް ތާވަލުގެ އެއްވަނައިގައި އޮތް ރެއާލުން ނުކުންނާނީ ބާސެލޯނާ އަދި ސެވިއްޔާއާ ދެމެދު އޮތް ފަރަގު ބޮޑު ކުރުމަށެވެ. އެ ތިން ޓީމުގެ ދެ މެޗުގައި ބޮޑު ފަރަގެއް ނެތް ކަމުގައިވިޔަސް، ރެއާލަށް ފައިދާ ދެ މެޗު އެބައޮތެވެ.

ލަ ލީގާގައި މިރޭ ވެލެންސިއާއާ ދެކޮޅަށް ނުކުންނަ ރެއާލްގެ ސްކޮޑަށް އެޓީމުގެ ކޯޗު ޒައިނުއްދީން ޒިދާން ވަނީ ހަތް ބަދަލެއް ގެނެސްފައެވެ. ޒިދާން އެ ބަދަލު ގެނެސްފައިވަނީ ކައިރިކައިރީގައި ރެއާލުން ގިނަ މެޗުތަކެއް ކުޅެން ތާވަލުކޮށްފައި އޮތުމުންނެވެ.

"ކިތަންމެ ބަދަލެއް ރެއާލްއަށް ގެނައި ކަމަށްވިޔަސް، އަހަރެމެންނަށް ރަނގަޅު ނަތީޖާތަކެއް ނެރެވޭނެ. އަހަރެމެންގެ ޓީމުގައި މޮޅެތި ގިނަ ކުޅުންތެރިންތަކެއް އެބަތިބި. އެހެންކަމުން އަހަރެމެންނަށް ރަނގަޅު ނަތީޖާތަކެއް ނެރެވޭނެ،" ރެއާލްގެ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި ރޮޑްރިގޭޒް ބުންޏެވެ.

ރޮޑްރިގޭޒް ބުނީ، ޓީމުގެ ހުރިހާ ކުޅުންތެރިން ވެސް ތިބީ ވަރަށް ފޯމުގައި ކަމަށާއި ކުޅުމުގެ ތެރެއިން ވެސް އެކަން ފެނިގެންދާނެ ކަމަށެވެ. އަދި ތާވަލަށް ގެނައި ބަދަލުތަކާއެކު އިތުރު ހިތްވަރެއް ފެނިގެންދާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

ރަށުން ބޭރުގައި ވެލެންސިއާއާ ދެކޮޅަށް ރެއާލް ނުކުންނާނީ ރާއްޖެގަޑިން މިރޭ 10:45ގައެވެ. އެ މެޗުން ރެއާލް މޮޅުވެއްޖެނަމަ، ދެވަނައިގައި އޮތް ބާސާއާ ދެމެދު އޮތް ފަރަގު ހަތަރު ޕޮއިންޓަށް ބޮޑުކޮށްލެވޭނެއެވެ.

comment ކޮމެންޓް