ރާއްޖެއިން ހިމަބިހި ނައްތާލުމަށް ގައުމީ މަޝްރޫއެއް ފެށުމަށް ރައީސް ނިންމަވައިފި

ރައީސް ޔާމިން ވިދާޅުވީ ދެ ދުވަހުގެ ތެރޭގައި ހިމަބިހި ނައްތާލުމުގެ ޕްރޮގްރާމް ފަށާނެ ކަމަށް --- ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް

ރާއްޖެއިން ހިމަބިހި ނައްތާލުމަށް ގައުމީ ފެންވަރުގައި ބޮޑު މަޝްރޫއެއް، ދެ ދުވަހުގެ ތެރޭގައި ފެށުމަށް ނިންމައި އެކަން ރައިސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލްޣައްޔޫމް އިއުލާންކުރައްވައިފިއެވެ.

ޕީޕީއެމްއާ އަލަށް ގުޅުނު 510 މީހުންގެ ފޯމް ހަވާލުކުރަން ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި 15 އަހަރާއި 30 އަހަރާ ދެމެދުގެ ހުރިއާ ރައްޔިތުންނަށް ވެކްސިންދީ ނިންމާނެ ކަމަށެވެ.

"އޭރަށް ދިވެހި ރާއްޖެ ވެގެންދާނީ ޑަބްލިއުއެޗްއޯ [ވޯލްޑް ހެލްތް އޯގަނައިޒޭޝަން] އެކްނޮލެޖް ކުރާ ފުރަތަމަ ގައުމަކަށް. ރާއްޖެއިން މީސަލްސް ނުވަތަ ހިމަބިހި ހަމަ މުޅިން ފިލައިގެންދިޔައީ،" ރައީސް ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، ހިމަބިހި މުޅި ރާއްޖެއިން ފިލައި ދިއުމުން ދިވެހިން ފަހުރުވެރިވާނެ ކަމަށާއި ހަމައެގޮތަށް ދިވެހިން ފަހުރުވެރިވާ ވަރުގެ ގިނަ ގައުމީ މަޝްރޫއުތަށް ކުރިއަށް ވެސް އެބަހުރި ކަމަށެވެ.

ޕީޕީއެމްއާ އަލަށް ގުޅުނު ފަރާތްތަކުގެ ފޯމް ހަވާލުކުރުމަށް ސްޓެލްކޯގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމިން ވާހަކަފުޅު ދައްކަވަނީ --- ފޮޓޯ: އަސުރުމާ

"މި ސަރުކާރުން އަލަށް ކުރާކަމެއް އެއީ ރާއްޖެތެރޭގެ އެންމެ ނިކަމެތި ސްކޫލުގައި ވެސް އަޅުގަނޑުމެން މިބަލަނީ ޑިޕްލޮމާ ފެންވަރުގެ ޓީޗަރުން ނޫނީ ނުތިބެވޭނެ ކަމަށް،" ރައީސް ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، ދިވެހިރާއްޖޭގެ އާބާދީއަކީ ޒުވާން އާބާދީއެއް ނަމަވެސް ކުރިމަތިލަމުން މިދަނީ ދުނިޔޭގައި ހުރި އެންމެ ބޮޑެތި ގޮންޖެހުންތަކާ ކަމަށެވެ.

"އަޅުގަނޑުމެން މިތިބީ ގަދަ ކަޑެއްގެ ތެރޭގައި. އިގްތިޞާދީ ގޮތުން ވެސް. އަޅުގަނޑުމެންނާ ކޮންމެ ކަމެއްގައި ވާދަކުރަނީ އެއްގައުމެއް ދެ ގައުމެއް ނޫން. އަޅުގަނޑުމެންގެ ގައުމުން ފޮނުވާ މުދާ މި ފޮނުވަނީ ދުނިޔޭގެ އެތައްގައުމަކުން މުދާ ފޮނުވާ މާކެޓްތަކަށް. ދަޅުގައި ނުވަތަ ޕެކެޓެއްގައި އެއްޗެއް ބަންދުކުރި ނަމަވެސް ވާދަކުރަން މިޖެހެނީ އަޅުގަނޑުމެނަށްވުރެން އަގުހެޔޮކޮށް އެކަން ކުރާ ބަޔަކާ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ރާއްޖޭއިން އެންމެ ގިނައިން އެކްސްޕޯޓްކުރާ މަސް، ރާއްޖެއަށް ވުރެ އަގުހެޔޮކޮށް ބެންކޮކްގައި ބަންދުކުރާ ކަމަށާއި ދިވެހީންނަށް ރަނގަޅު އާމްދަނީއެއް ހޯދައިދިނުމަށް އެކަން އެގޮތަށް ވެސް ކުރަންޖެހޭ ކަމަށެވެ.

"ކޮންމެ ދިމާލެއްގައި ވެސް އަޅުގަނޑުމެނަށް ހުރި ޗެލެންޖުތައް މަދެއް ނޫން. އަޅުގަނޑުމެން އިސްލާމީ ދައުލަތަކަށްވާތީ ނުލިބޭ ބައެއް އިނާޔަތްތަށް އެބަހުރި ބޭރުގެ ބޮޑެތި ކަރަކަރައިން އަޅުގަނޑުމެނަށް ކަނޑައަޅާފައި،" ރައީސް ވިދާޅުވިއެވެ.

comment ކޮމެންޓް